އޮރެންޖް ޖާޒީގެ ނެދަލޭންޑްސްއާއި މަޑު ނުލާއި ހުދު ކުލައިގެ ޖާޒީގެ އާޖެންޓީނާގެ ކުރިމަތިލުންތަކަކީ ވޯލްޑް ކަޕްގައި ފާހަގަކޮށްލެވޭ ކުރިމަތިލުންތަކެކެވެ. ތިން ފަހަރު ފައިނަލުގައި ކުޅެވެސް ތަށި ލިބިފައިނުވާ ނެދަލޭންޑްސްއާއި ދެ ފަހަރުގެ ޗެމްޕިއަން އާޖެންޓީނާގެ ކުރިމަތިލުންތައް އަބަދުވެސް ތަރީހީގައި ލިޔާނެއެވެ. އެއީ ވޯލްޑް ކަޕްގައި ފޫހިވާނެ މެޗުތަކެއް ނޫންކަން ތާރީހުވެސް ހެކިދެއެވެ. މިރޭގެ މެޗަށްވެސް އޮތީ އެ ޔަގީންކަމެވެ. ޝައުގުވެރިވާނެއެވެ.
ވޯލްޑް ކަޕްގައި އިރުޝާދު ދެމުންދާ އެންމެ އުމުރުން ދޮށީ ކޯޗް، 71 އަހަރުގެ ލުއިސް ވެން ހާލްއަށް އޮތީ އާޖެންޓީނާއާއި ލިއޮނެލް މެސީ ހުއްޓުވުމެވެ. އެންމެފަހުން ދެ ގައުމުން ވާދަކުރީ 2014 ވަނަ އަހަރު ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައެވެ. އެ މެޗުގެ އިތުރު ވަގުތާ ހަމައަށްވެސް ވެން ހާލް އެކަން ކާމިޔާބުކުރި ނަމަވެސް ބަލިވީ ޕެނަލްޓީގައެވެ.
އަނެއްކޮޅުން އާޖެންޓީނާގައި ހުރީ މުބާރާތުގެ އެންމެ ޒުވާން ކޯޗެވެ. އުމުރުން އެންމެ 44 އަހަރުގެ ލިއޮނެލް ސްކަލޯނީއަށް ޖެހޭނީ ފުޓުބޯޅަ ތާރީހުގެ އެންމެ ވަރުގަދަ އެއް ސިކުނޑި، ވެން ހާލްގެ މާސްޓާ ޕްލޭން ފްލޮޕް ކޮށްލާށެވެ. ޔަގީނެވެ. ކޮންމެ ކަހަލަ ފުޓްބޯޅައެއްގައި ނަމަވެސް ވެން ހާލް ބޭނުންވަނީ މޮޅެކެވެ. އެކަން އޭނާ މާކުރިންވެސް ހާމަކުރިއެވެ. ނެދަލޭންޑްސްގެ ތާރީހީ "ކްރައިފް ފިލޯސަފީން" ބޭރުގެ އުކުޅުތައް ބޭނުންކުރާ ކަމަށް ބުނެ ވެން ހާލްއަށް އަމާޒުވި ފާޑުކިޔުންތަކުގެ ރައްދެއްގެ ގޮތުގައި އޭނާ ބުނީ ޒަމާނަށް އަންނަ ބަދަލާއެކު އެކި ހާލަތްތަކުގައި އެކިއެކި ޓެކްޓިކްސް ބޭނުންކުރަން މަޖުބޫރު ކުރުވާނެ ކަމަށެވެ.
ކޮންމެއަކަސް ތާރީހަށް ނަޒަރެއް ހިންގާލަން ހިނގާށެވެ. މާ ދިގު ނޫންކޮށެވެ. ނެދަލޭންޑްސްއަކީ ވޯލްޑް ކަޕް ތައްޓެއްގައި އަތް ނުލެވި އޮތް އެންމެ ކާމިޔާބު ގައުމު ކަމަށް ބުނެވިދާނެއެވެ. އެ ޓީމުން ވަނީ 1974، 1978 އަދި 2010 ވަނަ އަހަރު ފައިނަލުގައި ކުޅެ ނާކާމިޔާބު ވެފައެވެ. އަދި 1998 ވަނަ އަހަރާއި 2014 ވަނަ އަހަރު ސެމީ ފައިނަލުގައިވެސް ނެދަލޭންޑްސް ކުޅުނެވެ.
ނެދަލޭންޑްސްއާއި އާޖެންޓީނާ އެންމެ ފުރަތަމަ ވޯލްޑް ކަޕްގައި ކުރިމަތިލީ 1974 ވަނަ އަހަރުއެވެ. އެ ފަހަރު ނެދަލޭންޑްސް އިން އާޖެންޓީނާ ބަލިކުރީ 4-0ގެ ނަތީޖާއަކުންނެވެ. ނަމަވެސް އެ ފަހަރުގެ ފައިނަލްގައި ވެސްޓް ޖަރުމަނު އަތުން ބަލިވީއެވެ. އޭގެ ހަތަރު އަހަރު ފަހުން އާޖެންޓީނާ އިން ނެދަލޭންޑްސްގެ ކިބައިން ބަދަލުހިފީ އަމިއްލަ ގައުމުގައެވެ. 1978 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި އިތުރު ވަގުތު ދެ ގޯލު ޖަހައި އާޖެންޓީނާ އިން ނެދަލޭންޑްސް ބަލިކުރީ 3-1ގެ ނަތީޖާއަކުންނެވެ.
ނަމަވެސް 20 އަހަރު ފަހުން 1998 ވަނަ އަހަރު ފްރާންސް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި އަނެއްކާވެސް ނެދަލޭންޑްސް އިން އާޖެންޓީނާގެ ކިބައިން ބަދަލުހިފިއެވެ. އެ ފަހަރު ނެދަލޭންޑްސް އިން އާޖެންޓީނާ ބަލިކޮށް ސެމީއަށް ދިޔަ ނަމަވެސް ސެމީގައި ބްރެޒިލް އަތްދަށުވިއެވެ. ދެ ގައުމުން ވޯލްޑް ކަޕްގައި އެންމެފަހުން 2014 ވަނަ އަހަރު ވާދަކޮށް، އާޖެންޓީނާ 1990 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ފައިނަލަށް ދިޔައީ ޕެނަލްޓީގައެވެ. އެ ހަނދާންތަކާއެކު މިރޭ މެޗުގެ ކުރިން ދެ ކޯޗުންވެސް ޕެނަލްޓީގެ ވާހަކަ ދައްކާފައިވެއެވެ.
"އަހަރެމެންނަށް ޕެނަލްޓީއަށް ވިސްނޭކަށް ނެތް. އޭރުން ފޯކަސް ގެއްލޭނެ. އެންމެ ފުރަތަމަ ބެލެން އޮތީ ހަމަ 90 މިނެޓަށް. އެންމެ މުހިއްމު ކަމަކީ ނަތީޖާ އެ ވަގުތުގައި ނެރުން. އާޖެންޓީނާ އިން ވިސްނާނީ އަމިއްލައަށް ގެއްލުމެއް ނުލިބި، އިދިކޮޅު ޓީމަށް ގެއްލުން ދެވޭނެ ގޮތަކަށް. އަހަރެމެން ޓީމުން ނެދަލޭންޑްސް އެނަލައިސް ކޮށްފިން. އެ އެނަލައިސިސްއަށް ބަލާފައި ޓީމު ދަނޑަށް ނެރޭނީ،" އާޖެންޓީނާގެ ކޯޗު ސްކަލޯނީ ބުންޏެވެ.
ސްކަލޯނީއަށް ލިބިފައިވާ ހިތްހަމަޖެހުމަކީ ބުރަ ދުވަސްތަކަކަށްފަހު ޓީމު ރަނގަޅަށް ރެސްޓު ކުރެވިފައި އޮތުމެވެ. އާޖެންޓީނާ އިން ފުރަތަމަ 11 ދުވަސް ތެރޭގައި ހަތަރު މެޗު ކުޅެފައިވާ އިރު، އެކަމާ ކޯޗު ވަނީ ނުރުހުންވެސް ވެފައެވެ. ސްކަލޯނީ ބުނީ އާއިލާތަކާއެކުވެސް ވަގުތު ހޭދަކޮށް ޓީމު މިހާރު އޮތީ އެންމެ ފިޓްކޮށް ކަމަށެވެ.
ވެން ހާލްގެ ވިސްނުމުގައި ޕެނަލްޓީއަށް ދިޔަ ނަމަވެސް އެކަމަށް މައްސަލައެއް ނުޖެހޭނެ މިންވަރަށް އެ ޓީމު އޮތީ ތައްޔާރުވެފައެވެ.
"ސައިޓިފިކް އުކުޅުތައް ބޭނުންކޮށް އަހަރެމެން ކުޅުންތެރިން ޕެނަލްޓީއަށް ތައްޔާރުކުރަން އެހީވަން. އަހަރެން ގަބޫލުކުރާ ގޮތުގައި ޕެނަލްޓީއަށް ދާނެ ހާލަތެއްގައި ނެދަލޭންޑްސްއަށް ކޮންމެވެސް ވަރެއްގެ ފައިދާތަކެއް އޮންނާނެ،" ވެން ހާލް ބުންޏެވެ.
އިއްޔެގެ ޕްރެސްގައި ވެން ހާލް ވަނީ އޭނާގެ ޑިފެންސިވް ޓެކްޓިކްސްއަށް ކިޔަމުންދާ ފާޑުކިޔުންތަކަށް ރައްދުދީފައެވެ.
"އަހަރެންގެ ވިސްނުންވެސް ޒަމާނަށް ބަދަލުވެއްޖެ. އަހަރެން އަޔެކްސްގެ ހެޑް ކޯޗަކަށް ހުރި އިރު، އެ ޓީމުގެ ޑީއެންއޭއަކީ އެޓޭކް. ބާސެލޯނާގައި އަހަންނަށް ދަސްވީ އަބަދަކު އެގޮތަށް އެކަން ނުކުރެވޭނެކަން. އެ ހިސާބުން އަހަރެން ފުޓްބޯޅައިގެ ސްޓައިލަށް ބަދަލުތަކެއް ގެންނަން ވިސްނާ، 2014ގައި އެ ބަދަލު ގެނައިން. އެ ޓީމުގެ ވިސްނުން މިހާރު ގިނަ ޓީމުތަކަކުން ގެންގުޅޭތައް ފެންނާނެ. ފުޓުބޯޅައަށް އައި ބަދަލާއެކު އަޔެކްސްގެ އެޓޭކިން ކުޅުން ކުޅެން އުނދަގޫވާނެ. ޕްރެސްކޮށް، ޕުޝް ކުރިޔަސް އެކަން މިހާރު ކުރެވޭނީ ހާލަތްތަކަށް ބަލާފައި. އެއީ ޑިފެންސް ކުރުމެއްވެސް ނޫން. ބްރެޒިލުންވެސް ގާތްގަނޑަކަށް އެ ކުޅެނީ ހަމަ މި ފުޓްބޯޅަ،" ވެން ހާލް ބުންޏެވެ.
އާޖެންޓީނާއާއި ނެދަލޭންޑްސް ވާދަކުރާ މެޗު އޮންނާނީ މިރޭ 12:00 ގައެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022