ގަތަރު ވޯލްޑް ކަޕް 2022ގެ ކުއާޓާ ފައިނަލްގައި އާޖެންޓީނާއާއި ނެދަލޭންޑްސް ވާދަކުރާނީ ހުކުރު ދުވަހުގެ ރޭ މެންދަމު އޮންނަ މެޗުގައެވެ. އާޖެންޓީނާއިން ގަދަ 16 ގައި އޮސްޓްރޭލިއާ ބަލިކޮށް ކުއާޓާ ފައިނަލް ޔަގީން ކޮށްފައިވާ އިރު، ނެދަލޭންޑްސްއިން ގަދަ 16 ގައި އެމެރިކާ ބަލިކުރިއެވެ. އާޖެންޓީނާއާއި ނެދަލޭންޑްގެ ކުރިމަތިލުމަށް ކެތްމަދުވެފައިވާ އިރު، ހުރިހާ ސަމާލުކަމެއް އަނެއްކާވެސް އަމާޒުވާނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއަށް ކަން ޔަގީނެވެ.

މެސީގެ ފަހު ވޯލްޑް ކަޕަށް އޭނާ ނުކުމެ ހުރި އިރު، މެސީ ހުއްޓުވާނެ ގޮތަކާމެދު އިދިކޮޅަށް ކުޅޭ ހުރިހާ ޓީމަކާވެސް ސުވާލު އަމާޒުވާނެއެވެ. އެކަމަށް ނެދަލޭންޑްސްގެ ޑިފެންޑަރު ނޭތަން އަކޭއަށްވެސް ސުވާލު އަމާޒުވިއެވެ. ޕްރީ މެޗް ޕްރެސްގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން އަކޭ ބުނީ ނެދަލޭންޑްސްގެ ތަމްރީނުތަކުގައި މެސީއަށް ސަމާލުކަން ދީ އަދި ވާހަކަ ދައްކާފައި ނުވާ ކަމަށެވެ.

"މެސީއަކީ ތާރީހުގައިވެސް ފެނުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ. އޭނާ ހިފަހައްޓަން ވަރަށް އުނދަގޫވާނެ. އެކަމަކު އެވާހަކަ އަދި ނުދައްކަން. އަހަރެމެން ޓީމު ވަރަށް ރިލެކްސް ދުވަސްކޮޅެއް މި ހޭދަކޮށްލީ. މެސީއާ މެދަކު އަދި ނުވިސްނަން،" އަކޭ ބުންޏެވެ.

އަކޭ ބުނީ އާޖެންޓީނާގެ ނުރައްކަލަކީ ހަމައެކަނި މެސީ ނޫން ކަމަށާއި، އެޓީމުގެ އިތުރު ބައެއް ކުޅުންތެރިންގެ ނުރައްކާވެސް ބޮޑުކަން ފާހަގަކުރެވޭ ކަމަށެވެ. އޭގެ ތެރެއިން އަކޭ ފާހަގަކުރި އެއް ކުޅުންތެރިޔަކީ އޭނާއާއެކު މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ޖޫލިއަން އަލްވަރޭޒް އެވެ.

"އާޖެންޓީނާގެ ނުރައްކަލަކީ މެސީ އެކަންޏެއް ނޫން. އިތުރު ބައިވަރު ކުޅުންތެރިންނާއެކު މެޗު ވެގެންދާނީ ވަރުގަދަ މެޗަކަށް. އަލްވަރޭޒަކީވެސް ޓެކްނިކަލީ ވަރަށް ރަނގަޅު ކުޅުންތެރިއެއް. ރަނގަޅަށް ބޯޅަ ނިންމާ، ވަރަށް ހަލުވިވެސް ކުޅުންތެރިއެއް. ތަމްރީނުތަކުގައިވެސް އޭނާ މާކް ކުރަން ވަރަށް އުނދަގޫ. ހާއްސަކޮށް އަލްވަރޭޒަކީ މަޑުމައިތިރި ވަރަށް ޑިސިޕްލިންވެސް ކުޅުންތެރިއެއް،" އަކޭ ސިޓީގެ ތަމްރީނުތަކަށްވެސް އިޝާރާތްކޮށް ބުންޏެވެ.

މިހާތަނަށް މި ވޯލްޑް ކަޕްގައި މެސީގެ ފަރާތުން ތިން ގޯލް ފެނިގެން ގޮސްފައިވާ އިރު، އަލްވަރޭޒްގެ ފަރާތުންވެސް ދެ ގޯލް ފެނިގެން ގޮސްފައިވެއެވެ. އާޖެންޓީނާގެ އެޓޭކްގައި އެ ދެކުޅުންތެރިންގެ ނުރައްކާ އެންމެ ބޮޑަށް ފާހަގަކޮށްލެވޭ އިރު، ނެދަލޭންޑްސްގެ ކުރިން އެންމެ ނުރައްކާތެރިކޮށް ފެންނަނީ ކޯޑީ ގަކްޕޯއެވެ. ގަކްޕޯވެސް ވަނީ މިހާތަނަށް ވޯލްޑް ކަޕްގައި ތިން ގޯލް ޖަހައިފައެވެ.

ނެދަލޭންޑްސްއިން މިހާތަނަށް ކުޅުނު ހަތަރު މެޗުގައި އެޓީމު ކޮޅަށް ވަދެފައި ވަނީ އެންމެ ދެ ގޯލެވެ. އެހެންކަމުން އާޖެންޓީނާ އާއި މެސީއަށްވެސް ނެދަލޭންޑްސްގެ ޑިފެންސް ވެގެންދާނީ ޗެލެންޖަކަށެވެ.