ވޯލްޑްކަޕް ބެލުމަށް ގަތަރަށް ގޮސްތިބި އާޖެންޓީނާގެ ސަޕޯޓަރުން ފްރާންސްގެ ފޯވާޑް ކީލިއަން އެމްބާޕޭއާއި މުޅި ޓީމަށް ނަސްލީގޮތުން ފުރައްސާރަކޮށް މަލާމާތްކުރާ ވީޑިއޯއެއް އާޖެންޓީނާގެ ޓީވީ ޗެނަލަކުން ދައްކައިފިއެވެ.

އާޖެންޓީނާގެ ޓައިސީ ސްޕޯޓްސް ޗެނަލުން ދެއްކީ ގަތަރުގައި ތިބި ސަޕޯޓަރުން ކިޔަމުންދިޔަ އަންބާއެކެވެ. އޭގައި ކިޔަމުންދިޔައީ ކޮން ވާހަކަތަކެއްކަން އެނގުނީމާ ޗެނަލުން ވަނީ އެބައި ދެއްކުން މެދުކަނޑާލައިފައެވެ. އެމީހުން ކިޔަމުންދިޔައީ މިހެންނެވެ. ނަމުން ފަރަންސޭސިންނެވެ. ކަމުން އެފްރިކާއެވެ. މުޅި ޓީމު އެންގޯލާއެވެ. ދެނެގެން ތިބޭށެވެ. އަޑުއަހާށެވެ. އެމީހުން ބޮޑަށް ރުހެނީ އެމްބާޕޭ ކަހަލަ ކަސްބީ ޚުންސާއިންނާއެވެ. އޭނާގެ މަންމަޔަކީ އެންގޯލާގެ ބަބުރެކެވެ. ބައްޕަޔަކީ ކެމެރޫނުގެ ބަބުރެކެވެ.

އެމްބާޕޭ އާއި ފްރާންސްގެ ޓީމުދެކެ އާޖެންޓީނާގެ ސަޕޯޓަރުން ނުރުހިގެން އުޅެނީ އެންމެފަހުން ރަޝިޔާގައި ބޭއްވި ވޯލްޑްކަޕުގެ ދެވަނަ ބުރުގައި އާޖެންޓީނާގެ މައްޗަށް ހަތަރެއް ތިނަކުން ފްރާންސް ކުރިހޯދައި އާޖެންޓީނާ ކަޓުވައިލުމުންނެވެ. އެމެޗުގައި އުމުރުން އޭރު ނަވާރަ އަހަރުގެ އެމްބާޕޭ ވަނީ ދެގޯލް ޖަހައިފައެވެ. އިތުރު ގޯލަކަށް އޭނާ ވަނީ އެސިސްޓްވެސް ކޮށްފައެވެ. އަނެއް ދެގޯލްޖެހީ ގްރީޒްމަނާއި ޕަވާޑެވެ. މި ތިންމީހުން މިފަހަރުވެސް ފްރާންސްގެ ޓީމަށް އެބަކުޅެއެވެ. އެދުވަސް ހަނދާނުން ފޮހެލަން އަދިވެސް ދަތިވަނީއެވެ.

ދެކުނު އެމެރިކާގެ ގައުމުތަކުގެ ތެރެއިން ދޮންމީހުންގެ މެޖޯރިޓީ އެންމެ މަތީ ގައުމަކީ އާޖެންޓީނާއެވެ. އެއީ އާބާދީގެ 97 އިންސައްތައެވެ. ސަތާރަސަތޭކައިގެ އަހަރުތައް ނިމިގެން އަށާރަސަތޭކައިގެ އަހަރުތައް ފެށިގެން އައިއިރު އާޖެންޓީނާގެ އާބާދީގެ ފަންސާސް އިންސައްތައަކީ ކަޅުމީހުންނެވެ. އެހެންނަމަވެސް ކަޅުމީހުންނާ ދެކޮޅަށް ރާވައިގެން ހިންގި ގަތުލުއާއްމުތަކަށްފަހު ނަވާރަވަނަ ސައްތައާ ހަމައަށް އައިއިރު ކަޅުމީހުންގެ އާބާދީ ވަނީ މުޅިން ކަހަލަގޮތަކަށް ނައްތާލައި މުޅި ގައުމު ދޮންކޮށްފައެވެ.