ގަދަ 16 އާ ހަމައަށް ދިޔައިރުވެސް ވޯލްޑް ކަޕްގެ "ޓަފް"ކަން ފެނިއްޖެ ކަމަށާއި، ދެން އޮތީ އަދި އެންމެ އުނދަގޫ އެއް ޗެލެންޖް ކަމަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފިއެވެ.
އާޖެންޓީނާއިން ވޯލްޑް ކަޕްގެ ގަދަ 16 އަށް ރޭ ނުކުތީ ގްރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ގްރޫޕް ސްޓޭޖް އެ ޓީމުން ފެށި ސައުދީ އަރަބިއާ އަތުން 1-0ގެ ބައްޔަކާއެކު ނަމަވެސް، ފަހުން ވަނީ ހަމައަކަށް އެޅި ދެ މޮޅު ހޯދައިފައެވެ. އެގޮތުން އެޓީމުން ވަނީ ޕޮލެންޑާއި މެކްސިކޯވެސް 2-0 އިން ބަލިކޮށްފައެވެ.
ގަދަ 16 ގައި 2-1 ގެ ނަތީޖާއަކުން އާޖެންޓީނާއިން އޮސްޓްރޭލިއާގެ މައްޗަށް ކުރި ހޯދާފައިވާ އިރު، އެމެޗުގެ ތަރިއަކީ 1000 ވަނަ މެޗު ކެރިއަރުގައި ހަމަކުރި މެސީއެވެ. ރޭގެ މެޗުގައި މެސީ ގޯލެއް ޖަހައި މޮޅަށް ކުޅުނު އިރު، މެޗުގެ މޮޅު ކުޅުންތެރިޔަކީވެސް އޭނާއެވެ. ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުގައި މެސީ ޖެހި ފުރަތަމަ ގޯލާއެކު އޭނާގެ ވޯލްޑް ކަޕް ގޯލުގެ އަދަދު މިހާރު ވަނީ ނުވައަކަށް އަރައިފައެވެ. ޑިއެގޯ މަރަޑޯނާގެ ރެކޯޑު ވައްޓާލައި، އާޖެންޓީނާއަށް ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލް ޖަހައިދީފައިވާ ގެބްރިއަލް ބަޓިސްޓޫޓާގެ ރެކޯޑަށް މެސީ ލޯއަޅަން ފެށާފައިވާ އިރު، ބަޓިސްޓޫޓާ ވޯލްޑް ކަޕްގައި ޖަހާފައި ވަނީ ދިހަ ގޯލެވެ.
ރޭގެ މެޗަށްފަހު މެސީ ބުނީ އޭނާގެ 1000 ވަނަ މެޗަކީ ރޭގެ މެޗުކަން އެނގުނީވެސް އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އޭގެ އިތުރުން އޭނާ ބުނީ ދެ ދުވަހުގެ ރެސްޓަކަށްފަހު ފިޒިކަލް މެޗަކަށް ނުކުންނަން ޖެހުމަކީ އޮތް ކަނބޮޑުވުމެއް ކަމަށާއި، އުނދަގޫ ހާލަތެއްގައި ވެސް ރޭގެ މެޗުން މޮޅުވެވުމުން ހިތްހަމަ ޖެހޭ ކަމަށެވެ.
މެސީ އިތުރަށް ބުނީ މިފަހަރުގެ ވޯލްޑް ކަޕްގައި މިހާތަނަށް އާދެވުނީވެސް އުނދަގުލުން ކަމަށާއި، ދެން އޮތީ އަދި މާ އުނދަގޫ ޗެލެންޖެއް ކަމަށެވެ.
"ނެދަލޭންޑަކީ ވަރަށް ރަނގަޅަށް ކުޅޭ ޓީމެއް. މޮޅެތި ކުޅުންތެރިންނާއެކު އެންމެ ވަރުގަދަ އެއް ކޯޗު ނެދަލޭންޑްސްގައި އެބަހުރި. ވޯލްޑް ކަޕްގެ ފެށުން އުނދަގޫ ކަމަށްވާނަމަ، މި މެޗަކީ އަދި އެއަށްވުރެވެސް އުނދަގޫވާނެ މެޗެއް،" މެސީ ބުންޏެވެ.
ރޭގެ މެޗާ ގުޅޭ ގޮތުން މެސީ ބުނީ "ހުރިހާ ކުޅުންތެރިންވެސް ޓީމަށް ޓަކައި މޮޅު މެޗެއް ކުޅުނު،" ކަމަށެވެ. އަދި އޭނާ ނޫން އެހެން ކުޅުންތެރިޔަކަށް ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދޭނަމަ، ދޭނީ ކޫޓީ ރޮމޭރޯއަށް ކަމަށްވެސް މެސީ ބުންޏެވެ. އެހެންނަމަވެސް އެގޮތަށް ވަކި ކުޅުންތެރިޔަކު ނެގުންވެސް އެއީ އުނދަގޫ ކަމެއް ކަމަށް މެސީ ފާހަގަކުރިއެވެ.
އާޖެންޓީނާއާއި ނެދަލޭންޑްސް ވާދަކުރާ ކުއާޓާ ފައިނަލް މެޗު އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރޭ 12:00 ގައެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022