ގަތަރު ވޯލްޑް ކަޕް 2022 ގެ ކުއާޓާ ފައިނަލް ޖާގަ ހޯދި ދެވަނަ ޓީމަކަށް އާޖެންޓީނާ ވެއްޖެއެވެ.
އާޖެންޓީނާއިން ކުއާޓާ ޔަގީންކުރީ އަހުމަދު ބިން އަލީ ސްޓޭޑިއަމްގައި މިރޭ އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅުނު ގަދަ 16 ގެ މެޗު، 2-1 އިން ކާމިޔާބުކޮށްގެންނެވެ.
މިރޭގެ ގަދަ 16 ގެ މެޗަށް އާޖެންޓީނާ ނުކުތީ ގްރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ގްރޫޕް ސްޓޭޖް އެޓީމުން ފެށި ސައުދީ އަރަބިއާ އަތުން 1-0ގެ ބައްޔަކާއެކުގައި ނަމަވެސް، ފަހުން ވަނީ ހަމައަކަށް އެޅި ދެ މޮޅު ހޯދައިފައެވެ. އެގޮތުން އެޓީމުން ވަނީ ޕޮލެންޑާއި މެކްސިކޯވެސް 2-0 އިން ބަލިކޮށްފައެވެ.
އަނެއްކޮޅުން އޮސްޓްރޭލިއާއިން އެގައުމުގެ ފުޓުބޯޅަ ތާރީހުގައި ދެވަނަ ފަހަރަށް ވޯލްޑް ކަޕްގެ ގަދަ 16 އަށް ނުކުތީ ގްރޫޕް ޑީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި ފްރާންސް އަތުން ބަލިވި ނަމަވެސް، ޓިއުނީޝިއާއާއި އިރާންގެ މައްޗަށް އޮސްޓްރޭލިއާ ކުރި ހޯދިއެވެ.
މެޗަށް ނުކުތް އިރު، ޔަގީނުންވެސް ފެވަރިޓުންނަކީ ލިއޮނަލް މެސީގެ އާޖެންޓީނާއެވެ. އެހެންނަމަވެސް ކޯޗު ބުނީ އެކަން ދުރުގައި ބާއްވާލަ ދިނުމަށެވެ. ފެވަރިޓުންގެ ޓެގަކީ ޕްރެޝަރެއް ކަމަށްވެސް ވާނެތީކަން ޔަގީނެވެ. އެހެން ނަމަވެސް ޕްރެޝަރެއް މިފަހަރުގެ އާޖެންޓީނާ ޓީމަކުން ކަނޑައިގެންވެސް ނުދާނެއެވެ. މެސީގެ ފަހު ވޯލްޑް ކަޕެވެ. އޭނާއަށްޓަކައިވެސް ތަށި ނަގަން ޖެހޭ ކަމަށް އެތައް ބަޔަކު ގަބޫލު ކުރެއެވެ.
ލެޖެންޑް މެސީ މިރޭ ނުކުތީ ކެރިއަރުގެ ޝަރަފުވެރި 1000 ވަނަ މެޗަށެވެ. ވޯލްޑް ކަޕްގައި މެސީ އަށް ގޯލު ޖަހާފައިވާ އިރު، އެންމެ ގޯލަކާއެކުވެސް ޑިއޭގޯ މަރަޑޯނާގެ ވޯލްޑް ކަޕް ގޯލު ރެކޯޑު މުގުރާލަން މެސީއަށް މިރޭ ފުރުސަތު އޮތެވެ. މެސީއަށް ފޯކަސް ހިފާފައި އޮތް މެޗު އާޖެންޓީނާވެސް ފެށީ ދަށްކޮށެވެ.
އޮސްޓްރޭލިއާއިން ފަހަތުގައި ހަމަޖެހިގެން ޑިފެންސް ކުރަމުން ދިޔަ އިރު، އާޖެންޓީނާއަށް ފުރަތަމަ 30 އަކަށް މިނެޓުވެސް ރަނގަޅު އެޓޭކެއް ނުހެދުނެވެ. ހާއްސަކޮށް އޮސްޓްރޭލިއާއިން ދިޔައީ ހިލޭ ޖެހުންތަކާއި ކޯނަރުތަކުގައި އިސްކޮޅުގެ ފައިދާއިން ފުރުސަތަކަށް މަސައްކަތް ކުރަމުންނެވެ.
ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ރަނގަޅު ފެށުމަކުން ނުފެށުނު މެޗަށް ކުއްލިއަކަށް ދިރުން އައީ މެސީގެ ޖާދުވީ ވަގުތުކޮޅަކުންނެވެ. އެތައް އިރެއް ވަންދެން ފުރަތަމަ ހާފުގައި މަޑު ޖެހިފައި ހުރި މެސީ، ލިބުނު ފަޅި ފުރުސަތުގައި ގޯލު ހުޅުވާލިއެވެ. 35 ވަނަ މިނެޓުގައި އެލެކްސިސް މެކް އަލިސްޓާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން މެސީ ފޮނުވާލި ހަމަލާ އަމާޒުކޮށްލީ ގޯލުގެ ތިރީ ކަނަށެވެ.
ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުގައި މެސީ ޖެހި ފުރަތަމަ ގޯލާއެކު އޭނާގެ ވޯލްޑް ކަޕް ގޯލުގެ އަދަދު ނުވައަކަށް އެރިއެވެ. މަރަޑޯނާގެ ރެކޯޑު ވައްޓާލައި، އާޖެންޓީނާއަށް ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލް ޖަހައިދީފައިވާ ގެބްރިއަލް ބަޓިސްޓޫޓާގެ ރެކޯޑަށް މެސީ ލޯއަޅަން ފެށިއެވެ. ބަޓިސްޓޫޓާ ވޯލްޑް ކަޕްގައި ޖަހާފައި ވަނީ ދިހަ ގޯލެވެ.
ދެވަނަ ހާފު ފެށީވެސް މާ ބޮޑު ނުރައްކަލެއް ނެތިއެވެ. ދެ ޓީމުންވެސް ކުޅެމުން ދިޔައީ މަޑު ރާގެއްގައެވެ. އެ ކުޅުމުގައި ކުޅެމުން ދަނިކޮށް، އާޖެންޓީނާއިން ކުއްލިއަށް ލީޑު ފުޅާކުރިއެވެ. މިފަހަރު އޮސްޓްރޭލިއާގެ ގޯލްކީޕަރު މެޓް ރަޔަންގެ "ހަދިޔާ"އަކުންނެވެ. މެޗުގެ 57 ވަނަ މިނެޓުގައި އޮސްޓްރޭލިއާގެ ކީޕަރު ރަޔަންއަށް ޕެނަލްޓީ އޭރިއާ ތެރެއިން ހެދުނު ގޯހަކުން އާޖެންޓީނާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޖޫލިއަން އަލްވަރޭޒެވެ.
އެ ގޯލާއެކުވެސް މެޗުގައި ހަމަލާތައް މާ ބޮޑަށް އިތުރެއް ނުވެއެވެ. މެސީގެ ދުރު ހަމަލާއެއް ފެނުނު އިރު، މެޗުގެ އޮއިވަރު އަނެއްކާވެސް ބަދަލުވީ ހީކުރި ގޮތާ ހިލާފަށް އޮސްޓްރޭލިއާއިން ގޯލު ޖެހުމުންނެވެ. މެޗުގެ 76 ވަނަ މިނެޓުގައި އޮސްޓްރޭލިއާ ޖެހި ގޯލަކީ އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ޕެނަލްޓީ އޭރިއާ ބޭރުން އޮސްޓްރޭލިއާގެ ކްރެއިގް ގުޑްވިން ފޮނުވާލި ހަމަލާ، ގޯލުގެ ތެރެއަށް ވަދެފައިވަނީ އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒްގެ ގައިގައި ޖެހި މިސްރާބު ބަދަލުވެގެންނެވެ.
އެ ގޯލާއެކު އޮސްޓްރޭލިއާއަށް ހިތްވަރު ލިބި ކުޅެން ފެށިއެވެ. ގޯލަށް ތިން މިނެޓު ފަހުން ނަތީޖާ ހަމަހަމަކުރަން ރަނގަޅު ފުރުސަތެއްވެސް އެޓީމަށް ލިބުނެވެ. އާޖެންޓީނާގެ ހަތަރު ކުޅުންތެރިއެއްގެ ކައިރިން ނައްޓާލުމަށްފަހު ޕެނަލްޓީ އޭރިއާ ވަދެ، ބެހިޗް ފޮނުވާލި ހަމަލާ، އާޖެންޓީނާގެ ޑިފެންޑަރު ލިސެންޑްރޯ މާޓިނޭޒް ވަނީ ފަހު ވަގުތު ބްލޮކްކޮށް ބޭރު ކޮށްލައިފައެވެ.
އޭގެ ފަހުން އަނެއްކާވެސް އާޖެންޓީނާއަށް ތިންވަނަ ގޯލެއް ޖަހައި މެޗުގެ ނަތީޖާ ރަނގަޅު ކުރަން ލިބުނު ފުރުސަތު ލައުޓާރޯ މާޓިނޭޒް ނަގައިލިއެވެ. މެޗުގެ 89 ވަނަ މިނެޓުގައި މެސީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ލައުޓާރޯ މާޓިނޭޒް ފޮނުވާލި ހަމަލާ ދިޔާ މާ ބޮޑަށްވެސް މަތިންނެވެ. އަދި އޭގެ ފަހުން ލިބުނު ފުރުސަތުގައި ޖެހި ބޯޅަ އަމާޒުވީ ގޯލްކީޕަރާ ދިމާލަށެވެ. އަދި މެސީ އަރިމަތިން އަރައި ޖެހި ބޯޅަ ދިޔައީ ހުރަސް ދަނޑުކައިރިން ބޭރަށެވެ.
މެޗުގެ ފަހު މިނެޓުގައި އޮސްޓްރޭލިއާއަށް ނަތީޖާ ހަމަހަމަކުރަން ހުސް ފުރުސަތެއް ލިބިވެސް ބޭކާރުވިއެވެ.
އާޖެންޓީނާއިން ކުއާޓާ ފައިނަލުގައި ނުކުންނާނީ ނެދަލޭންޑްސްއާ ދެކޮޅަށެވެ.
20:00 ފްރާންސް - ޕޮލެންޑް
00:00 އިންގްލެންޑް - ސެނެގާލް
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022