ޚަބަރު

ރަށްތައް ދޫކުރަން އަދީބު ހެދި އުސޫލުގެ ޒިންމާ ނަގަން ޖެހޭނީ ޔާމީން: ދައުލަތް

ފިޝަރީޒް މިނިސްޓްރީގެ ދަށުގައިވާ ރަށްތައް ޓޫރިޒަމް މިނިސްޓްރީއަށް ބަދަލުކުރީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އަބްދުލްގަފޫރު ހެއްދެވި އުސޫލެއްގެ ދަށުން ކަމަށްވިޔަސް އެކަމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހިވަޑައިގަންނަވާނީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނެވި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށް ދައުލަތުން ބުނެފިއެވެ.

ދައުލަތުން މިހެން ބުނީ، އެމްއެމްޕީއާރުސީން ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއާއި ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާގައި މިއަދު ބޭއްވި ހުލާސާ ބަޔާން އިއްވުމުގެ އަޑުއެހުމުގައި ހުލާސާ ބަޔާން އިއްވަމުންނެވެ.

ދައުލަތުން އެ މައްސަލައިގެ ހުލާސާ ބަޔާން އިއްވަމުން ބުނެފައިވަނީ އެ މައްސަލާގައި ރަށްތައް ފިޝަރީޒް މިނިސްޓްރީން ޓޫރިޒަމް މިނިސްޓްރީއަށް ބަދަލުކުރުމުގެ ގާނޫނީ ބާރު އޮންނަ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށްވާތީ، ރަށްތައް ކުއްޔަށް ދޫކުރުމުގެ ފެށުން އޮންނަނީ ރައީސްގެ އަތްޕުޅުގައި ކަމަށާއި ފަހުން ހިނގާ ކަންކަމުގެ ޒިންމާ ނަންގަވަންޖެހޭނީ ރައީސް ކަމަށެވެ.

ފަތުރުވެރިކަމުގެ ބޭނުމަށް ރަށްތައް އެމްއެމްޕީއާރުސީ މެދުވެރިކޮށް ދޫކުރީ އަދީބު އެކުލަވައިލެއްވި އުސޫލެއްގެ ދަށުން ކަމަށްވީ ނަމަވެސް އަދީބު މަގާމަށް އައްޔަންކުރެއްވި ބޭފުޅަކީ ރައީސް ޔާމީންކަމަށްވާތީ އެކަމުގެ ފުރިހަމަ ޒިންމާ ރައީސް ޔާމީން ނަންގަވަންޖެހޭނެ ކަމަށްވެސް ދައުލަތުން ބުނެފައިވެއެވެ.

ދައުލަތުން ބުނި ގޮތުގައި އަދީބަށް ނައިބު ރައީސްކަން ދެއްވުމަށްފަހުވެސް ޓޫރިޒަމް މިނިސްޓްރީގެ ބާރުތައް އޭނާއަށް ދީފައިވަނީ އުސޫލުން ބޭރުން ކަންކަން ކުރުމަށް މަގުފަހިވާނެތީ ކަމަށެވެ.

އަދީބުގެ ހެކިބަހަށް ބާރުދޭ ހެއްކެއް ނެތްކަމަށް ބުނެ ދިފާއުން ފާހަގަކުރި ނުކުތާއަށް ރައްދުދެމުން ދައުލަތުން ބުނީ، އެ މައްސަލާގައި އިކޮނޮމިކް އެންޑް ޔޫތް ކައުންސިލުން ނިންމާފައިވާ ނިންމުމާއި އެ ނިންމުމާ ގުޅިގެން ރައީސް އޮފީހުން ދެ މިނިސްޓްރީއަކަށް ފޮނުވާފައިވާ ސިޓީން އަދީބުގެ ހެކިބަހަށް ބާރު ލިބޭ ކަމަށެވެ.

ދައުލަތުން ވަނީ ޔާމީނާއި ޔޫސުފް ނައީމް ދައުވާތަކުން ސަލާމަތްވާން ދިފާއުގައި ހުށަހަޅާފައިވާ ހެކިތަކަކީ "އުފައްދާފައި ހުރި ހެކިތަކެއް" ކަމަށް ބުނެފައެވެ. އަދި އެއް މިލިއަން ޑޮލަރަށްވާ ދިވެހި ރުފިޔާ ޔޫސުފް ނައީމަށް ޔާމީން ދިން ކަމަށް ވިދާޅުވެ އެކަން ސާބިތުކުރުމަށް ލިޔުމެއް ހުށަހަޅާފައި އޮތް ނަމަވެސް އެ ލިޔުމުގައި ތާރީހު ޖަހާފައި ނެތުމުން އެއީ ހަގީގަތުވެސް ހިނގާފައިވާ މުއާމަލާތެއްކަމާމެދު ޝައްކު އުފެދޭ ކަމަށްވެސް ބުނެފައިވެއެވެ.

މިއަދު މެންދުރުކުރީގެ އަޑުއެހުމުގައި ދައުލަތުން ވަނީ ޔާމީންގެ މައްޗަށް ކޮށްފައިވާ ދެ ދައުވާގެ ހުސާލާ ބަޔާނާއި ޔޫސުފް ނައީމްގެ މައްޗަށް ކޮށްފައިވާ ދައުވާގެ ހުސާލާ އިއްވައިފައެވެ. މިހާރު ކުރިއަށްގެންދާ އަޑުއެހުމުގައި ކުރިއަށްދަނީ ޔާމީންގެ ފަރާތުން ހުސާލާ ބަޔާން އިއްވުމުގެ ބައެކެވެ.