ޚަބަރު

އިންޑިއާއިން ދިން 100 މިލިއަން ޑޮލަރުގެ ލޯނަކީ ރިޒާވަށް ލިބުނު ވަގުތީ ހައްލެއް: ނަޝީދު

މުހައްމަދު އިޝާން

1

ރާއްޖެއަށް ކުރިމަތިވެފައިވާ އިގުތިސޯދީ ދަތިކަމުން އަރައިގަތުމަށް ދިވެހި ސަރުކާރުގެ އެދުމުގެ މަތިން އިންޑިއާއިން ދިން 100 މިލިއަން ޑޮލަރުގެ އެހީއަކީ ނެތެމުންދާ ބޭރު ފައިސާގެ ރިޒާވަށް ލިބުނު ވަގުތީ ހައްލެއް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޑިއާއިން މިއަދު ވަނީ ރާއްޖޭގެ ބަޖެޓް ސަޕޯޓަށް 100 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް ދީފައެވެ.

އެ މާލީ އެހީއަކީ މިދިޔަ އޮގަސްޓް މަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ހަމަޖެހުނު މާލީ އެހީއެކެވެ. އަދި 100 މިލިއަން ޑޮލަރުގެ މާލީ އެހީ ދިނުމަށް ހަމަޖެހިފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި، މާލޭ ބްރާންޗް) އިން ދިވެހި ސަރުކާރުގެ ޓްރެޝަރީ ބޮންޑެއްގައި އިންވެސްޓްކޮށްގެންނެވެ.

ނަޝީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިންޑިއާއިން ދިން 100 މިލިއަން ޑޮލަރުގެ ލޯނަކީ މި ވަގުތައް ލިބުނު ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށާއި އަދި އެއީ ވަގުތީ ހައްލެއް ކަމަށެވެ.

"އިންޑިއާ ސަރުކާރުން ރާއްޖޭހެ ބަޖެޓް ސަޕޯޓްއަށް ދިން 100 މިލިއަން ޑޮލަރުގެ ލޯނަކީ މިވަގުތަށް ލިބުނު ވަރަށް ބޮޑު އެހީތެރިކަމެއް. ނެތެމުން ދިޔަ ބޭރު ފައިސާގެ ރިޒާވްއަށް ލިބުނު ވަގުތީ،" ނަޝީދު ވިދާޅުވިއެވެ.

އިންޑިއާއިން 100 މިލިއަން ޑޮލަރުގެ މާލީ އެހީތެރިކަމެއް ފޯރުކޮށްދިނުމުން ނަޝީދު ވަނީ އެކަމަށް އިންޑިއާއަށް ޝުކުރު އަދާކުރައްވައިފައެވެ.

ސަރުކާރުން މާލީ ސިޔާސަތު ކަމުނުދާ ކަމަށާއި ފޮރިން ރިޒާވްގައި ބޭނުންވާ ވަރަށް ފައިސާ ނެތި ރާއްޖެ ބަނގުރޫޓުވުމާ ދިމާއަށްދާ ކަމަށް ނަޝީދު ގެންދަނީ ވިދާޅުވަމުންނެވެ. ފިނޭންސް މިނިސްޓްރީން މާލީ ރިޕޯޓުތައް ގަވާއިދުން ހާމަކުރަމުން ނުގެންދަނީ އެ ހަގީގަތް ރައްޔިތުންނަށް ފޮރުވަން ކަމަށް ވެސް ނަޝީދު ވަނީ މީގެ ކުރިން ތުހުމަތު ކުރައްވައިފައެވެ.

ނަޝީދު އެގޮތަށް ވިދާޅުވަމުން ގެންދިޔަ ނަމަވެސް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެފައިވަނީ ބޭރު ފައިސާ ލިބުމުގައި ދަތިކަމެއް ނެތް ކަމަށާއި ރިޒާވްގައި ބޭނުންވާ ވަރަށް ފައިސާ އެބަހުރި ކަމަށެވެ. އަދި ރާއްޖޭގެ ބަނގުރޫޓު ނުވާނެ ކަމަށް ވެސް އަމީރު ވަނީ ކުރިން ވިދާޅުވެފައެވެ.