މިދިޔަ އަހަރު މާލެ އާއި ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަންތަކެއްގައި ހޯދި 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރި ގދ. ހޯނޑެއްދޫ/ އަލޯރާ، އަހުމަދު މުޖާހިދު (29އ) ބަންދުން ދޫކޮށްލި މައްސަަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

އެ މައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައިވަނީ ގދ. ހޯނޑެއްދޫ/ ގުލޭނޫރަންމާގެ، އަލީ ޒުބައިރު (52އ) ގެ އިތުރުން ގދ. ހޯނޑެއްދޫ/ އަލޯރާ، އަހުމަދު މުޖާހިދު (29އ) އަދި ގދ. ހޯނޑެއްދޫ/ އިރުމަތީގެ، އަހުމަދު ސުނައިނު (25އ)ގެ މައްޗަށެވެ.

މިދިޔަ ހަފުތާގައި މުޖާހިދު ބަނދުން ދޫކޮށްލީ މައްސަލަ ބަލާ ސެކްޝަނުގައި ދާއިމީ ފަނޑިޔާރެއް ނެތުމުން މައްސަލައިގެ އަޑުއެހުންތައް އެކަށީގެންވާ އަވަސްމިނެއްގައި ކުރިއަށް ގެންދެވިދާނެ ކަމަަށް ނުފެންނާތީ ކަމަށް ބުނެއެވެ.

ނަމަވެސް އޭނާ ބަންދުން ދޫކޮށްލާފައި ވަނީ ޝަރުތުތަކަކާ އެކުއެވެ. އެގޮތުން ދައުލަތުގެ ހެކިންނާއި މުއާސަލާތު ނުކުރުމާއި ހެއްކަށް ނުފޫޒު ނުފޯރުވުމާއި ކޯޓުން އަންގާ ގޮތެއްގެ މަތިން ކޯޓަށް ހާޒިރުވުން ހިމެނެއެވެ. އޭގެ އިތުރުން ދިރިއުޅުމުގެ އަސާސީ ކަންކަން ފުއްދުމަށް ނޫން ގޮތަކަށް ގެއިން ބޭރަށް ނުދިއުންވެސް ހިމެނެއެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓަރު އަހުމަދު ޝަފީއު މީގެ އިރުކޮޅެއް ކުރިން ވިދާޅުވީ، 119 ކިލޯ މަސްތުވާތަކެތި ޓްރެފިކް ކުރި މައްސަލައިގައި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާކޮށްފައިވާ މުޖާހިދު ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނީކޮށް, 23 ނޮވެންބަރު 2022 ދުވަހު ޝަރުތުތަކާއެކު އޭނާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ކަމަށެވެ.