ގަތަރު ވޯލްޑް ކަޕް 2022

މެސީއާއި އާޖެންޓީނާ ބިމަށް ތިރިކޮށްލީ ރެނާޑްގެ އަސަރުގަދަ ބަސްތަކުން!

"އަހަރެމެން އެންމެ ގަޔާވާ ކަމަކީ އަހަރެމެންގެ ޓީމަކީ އެންމެ ދަށް، އެންމެ ކުޑަ ޓީމަށް ހަދާތީ. އަހަރެމެންގެ މެންޓާލިޓީއަކީ ވޯލްޑް ކަޕުގައި ސަޕްރައިސްތައް ފެންނާނެ ކަމަށް،" މެޗުގެ ކުރިން ސައުދީ ކޯޗު، އުމުރުން 54 އަހަރުގެ ހާވޭ ރެނާޑް ބުންޏެވެ. ކަން ދިމާވީވެސް އެހެނެވެ. އޭނާ ދިނީ ސަޕްރައިޒެކެވެ. ލުސައިލް އައިކަނިކް ސްޓޭޑިއަމްގައި ސައުދީން އާޖެންޓީނާ ބަލިކުރިއެވެ. އެއީ ވޯލްޑް ކަޕްގެ ދިގު މާޒީގައިވެސް އެންމެ ހައިރާންކުރުވަނިވި އެއް ނަތީޖާއެވެ. ވަރުގަދަ އާޖެންޓީނާ އެ ދުވަހުގެ މެޗުން ބަލިވީ 36 މެޗު ބަލިނުވެ، އޮވެފައެވެ. ލިއޮނަލް މެސީއާއި އާޖެންޓީނާ ބިމަށް ތިރިވީ ލަދުންނެވެ. ސައުދީގެ ހުރިހާ ކުޅުންތެރިން ތިިރިވީ ސަޖިދައަށެވެ.

އެ ހައިރާން ކުރުވަނިވި ނަތީޖާއާއެކު އެތައް ބަޔަކަށް ސިހުން ގެނުވިއެވެ. އެއީ ނަސީބެއް ނޫންކަން ސައުދީން ދަނޑުމަތިން ދެއްކިއެވެ. ކުޅުންތެރިންގެ ފަރާތުން ފެނުނީ ހުނަރު އެއްކިބާކޮށް، ވަރުބަލިކަމެއް ނެތި ކުރި ބުރަ މަސައްކަތެވެ. ގައުމަށްޓަކައި ފަހަތުން ޑިފެންސްކޮށް، ޓީމު އެއްކޮށް ކައުންޓާގައި ކުރިއަށްވެސް އެރިއެވެ. އެއީ ފުޓުބޯޅަ ދުނިޔެއަށް ހައިރާން ކަމެއް ނަމަވެސް، ރެނާޑްގެ ކޯޗިން ސްޓައިލް ދަންނަ މީހަކަށް އާ ކަމަކަށް ނުވާނެއެވެ. ރެނާޑް ކުރިން ކޯޗުކަން ކޮށްދިން ބައެއް ކުޅުންތެރިން އެކަމަށް ހެކިވެސް ދެއެވެ.

އެތައް ބަޔަކު އެ ނަތީޖާގެ ފަހަތުގެ މަންޒަރުތައް ބަލާލަން ބޭނުވެ ތިއްބާ ސައުދީން ވަނީ ކުރު ފިލްމެއްގެ ގޮތުގައި އެ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯއެއް ޕޯސްޓުކޮށްފައެވެ. ވީޑިއޯގައި މެޗަށް ގައުމުވީ ތައްޔާރީއާއި ގައުމީ ޓީމުގެ ތައްޔާރީ ދައްކާލައެވެ. ގައުމީ ޓީމުން ދަނޑު މައްޗަށް ނުކުތުމުގެ ކުރިންވެސް ރެނާޑްގެ ސްޓައިލް ތަފާތުކޮށް ދައްކާލައެވެ.

"މިއަދު ހެނދުނު 35 މިލިއަން ސައުދީ ރައްޔިތުން މި ޓީމުގެ ކާމިޔާބަށް ދުއާ ކުރާނެ. އާއިލާގެ މެމްބަރުން މެޗު ބަލަން ދަނޑުގައި ތިބޭނެ. ޓީވީން އެންމެންވެސް ބަލާނެ. މެޗަށް ސައުދީ ހުއްޓުވާލާނެ. މިއަދު އަހަރެންގެ މަންމަ ހުންނާނެ މެޗު ބަލަން ދަނޑަށް އައިސް. މީގެ ކުރިން މަންމަ ދުވަހަކުވެސް ވޯލްޑް ކަޕް މެޗެއް ބަލާކަށް ދަނޑަކަށް ނުދޭ. އެއީ އަހަންނަށް އެ ނަސީބު ލިބިފައި ނެތުމުން. ތި ޓީމާ ހެދި އަހަރެންގެ މަންމަ މެޗު ބަލަން އެއައީ. އެކަމަށް ޝުކުރު އަދާކުރަން." ރެނާޑް ބުންޏެވެ.

އެ އަސަރުގަދަ ވާހަކަތާއެކު މެޗަށް ނުކުތް ސައުދީ ޓީމުން ފެނުނީ ރެނާޑްގެ އުންމީދާ ހިލާފު މަންޒަރުތަކެކެވެ. އެތައް ދުވަހަކު ކުރުވި ތަމްރީނުގެ މާނައެއް ނެތް ކަހަލައެވެ. ރެނާޑް އެކަން ބަލައެއްވެސް ނުގަތެވެ. ދެ ހާފު ދޭތެރޭގައި ރެނާޑް ގައުމީ ޓީމަށް ސީދާސީދަލަށް ބަވާލި ބަވާލުމަކީ މެޗެއް ބަދަލުކޮށްލުމުގެ ހިތްވަރު ގެނެސްދޭނެ ވާހަކަތަކެކެވެ.

"ކީއް މިކުރަނީ އަހަރެމެން މިތަނުގައި؟ މިއީ ޕްރެސް ކުރުމަކީ؟ ޕްރެސް ކުރުމަކީ ހުރިގޮތަށް ކުރިއަށް ދުވުމެއް ނޫން!" ރެނާޑް ތަރުޖަމާނާއެކު ފެށިއެވެ.

އެކިއެކި ކުޅުންތެރިންނަށް އިޝާރާތްކޮށް، އަތުގެ އިޝާރާތުން ވަރުގަދައަށް "ހަރުކަށި" ރާގެއްގައި ރެނާޑް ދައްކަމުން ދިޔައީ ހަގީގީ ވާހަކަތަކެކެވެ. ކުޅުންތެރިންނާ ދިމާލަށް އެ ގަޑީގައި ބުނަންޖެހޭ އެތި، އޭނާ ބުނީ މޫނަށް ކަނދުރާއަކަށް ބެލުމެއް ނެތިއެވެ.

"މެސީ ދަނޑު މެދުގައި ހުރެ އެ ގޮވަނީ ބޯޅަ ދޭށޭ. އެ ބޯޅަ މެސީ ނަގާއިރުވެސް ތި ތިބެނީ ހުއްޓިގެން ބަލަހައްޓައިގެން. ގޮސް ފޯނު ނަގައި، ފޮޓޯ ނަގަން ބޭނުމިއްޔާ ހުއްޓިފައި އެކަން ކުރޭ،" ރުޅިގަދަވެ ރެނާޑް ބުނަމުން ދިޔައެވެ. އޭނާ ބުނަމުންދިޔަ ވާހަކަ އެ ޖަޒުބާތާއެކު ތަރުޖަމާނުވެސް ދިޔައީ ދައްކައިދެމުންނެވެ.

މިޑްފީލްޑް ކުޅުންތެރިންނަށް ނުހަނު ރުޅިއާއެކު ދުވެ، ގޮސް ޖައްސަންވީ ކައިރިމިންވެސް ދައްކަމުން ރެނާޑް ބުނީ "ތި ތިބެނީ ޑިފެންސް ކުރިމަތީގައި ބަލަހައްޓައިގެން. ދުވެ ގޮސް ކައިރީ ޖައްސާ!" މިހެންނެވެ.

""ކުޅެވުނު ގޮތް ފެނުނުތަ؟ އިހުސާސެއް ނުވޭތަ ބޯޅަ ހިފަހައްޓައިގެން ކުޅުނު ގަޑީ ރަނގަޅަށް ކުޅެވުނު ކަމެއް؟ އިހުސާސެެއް ނުކުރެވޭތަ ފަހަތުން އެރުމަށް ފުރުސަތު އޮތް ކަމެއް؟ ހަމަޖެހިލައިފައި ތި ތިބެނީ. ކަމޯން ކަމޯން ގާއިޒް.... މިއީ ވޯލްޑް ކަޕް،" ރެނާޑް ރުޅިއާއި އަސާރާއެކު ބުންޏެވެ.

ގައިބާރު ދޫކޮށްލައި، ސަމާލުކަން ގެއްލިފައި ހުންނަ ގޮތަށް ހަށިގަނޑު ބަހައްޓާ ރެނާޑް ބުނީ "ވޯލްޑް ކަޕެއްގައި ޑިފެންސް ކުރާއިރު މިހެން ނުތިބެވޭނެ،" ކަމަށެވެ. ހުންނަވި ގޮތް ދައްކާ ރެނާޑް ބުނީ "ސަމާލުކަން ދީ އަބަދުވެސް އެލާޓްގައި" ހުރުމަށެވެ.

ރެނާޑް ޓީމު ދަނޑަށް ދޫކޮށްލީ ބާރަށް އަތްތިލަބަޑި ޖަހައި، ވާނެ ކަމަށް ބުނަމުންނެވެ. ޓީމުން ޖަވާބު ދިނީ އެގޮތަށެވެ. ފުރަތަމަ ހާފާ ހިލާފަށް ފެނުނީ މުޅިން އެހެން ސައުދީއެކެވެ. މެސީއާއި އާޖެންޓީނާއަށްވެސް ތައްޔާރުވާން ނޭނގުނު ސައުދީ ޓީމެކެވެ. އެންމެ 10 މިނެޓު ތެރޭގައި ސްކޯބޯޑުގެ މަންޒަރު ބަދަލުކޮށްލީ ފުލުފުލުގައި އާޖެންޓީނާ ފޫއަޅުވާލައިގެންނެވެ. ތާރީހަށް ތާ އަބަދު ދައްކާނެ މޮޅާއެކު ސައުދީ އުފަލުން ފޮޅި، ސަރުކާރުވެސް ބަންދުކުރިއެވެ.