ގަތަރު ވޯލްޑް ކަޕް 2022

ފަސް ތަރީގެ ޝަރަފުވެރި ބްރެޒިލަށް ފުރިހަމަ މޮޅެއް

ގަތަރު ވޯލްޑް ކަޕް 2022ގެ ގްރޫޕު ޖީގެ ދެވަނަ މެޗުގައި ބްރެޒިލުން ސާބިއާ ބަލިކޮށްފިއެވެ.

ގަތަރު ވޯލްޑް ކަޕްގެ އެންމެ ބޮޑު، ޝަރަފުވެރި ލުސައިލް އައިކަނިކް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ބްރެޒިލުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އެ ގްރޫޕުގައި މިހާތަނަށް ދެ މެޗު ކުޅެފައިވާ އިރު، މިއަދު ސްވިޒަލޭންޑުން ވަނީ ކެމަރޫން ބަލިކޮށްފައެވެ. ސްވިޒަލޭންޑާއި ބްރެޒިލްވެސް މެޗަކުން މޮޅުވެފައި އޮތް އިރު، ބްރެޒިލަށް މިވަގުތު ގްރޫޕްގެ އެއްވަނަ ލިބެނީ ފައިދާ ގޯލުންނެވެ.

މިހާތަނަށް ފަސް ފަހަރު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ ބްރެޒިލަކީ މުބާރާތުގެ ތާރީހުގައިވެސް އެންމެ ކާމިޔާބު ޓީމެވެ. ތާރީހުގެ ތެރެއިން ޕެލޭ ފަދަ ކުޅުންތެރިންނާއެކު ތިން ތަށި އެގައުމުން ހޯދި އިރު، އެންމެފަހުން ވޯލްޑް ކަޕް ހޯދާފައި ވަނީ 2002 ވަނަ އަހަރުއެވެ. މިފަހަރުގެ ވޯލްޑް ކަޕަށް ބްރެޒިލުން ނުކުތީ އެ އިންތިޒާރުގެ ނިމުން ފުޓުބޯޅައިން ޖަރީވެފައިވާ ބްރެޒިލްގެ ރައްޔިތުންނަށް ގެނެސްދޭށެވެ. ފުޓުބޯޅައިން ނޫނީ އުފާ ނުލިބޭނެ ބްރެޒިލް އޮތީ ވޯލްޑް ކަޕަކަށް ފެންބޮވައިގެންފައެވެ.

ރޮނާލްޑޯ، ރިވާލްޑޯ، ރޮނާލްޑީނީގެ ޒަމާން މާޒީވެ ދިޔުމުުން ފުޓުބޯޅައިގައި ބްރެޒިލަށް އޮތީ އިންތިޒާރެއް ކުރަން ޖެހިފައެވެ. ތަރިންނާއެކު ވޯލްޑް ކަޕްތަކަށް ގޮސްވެސް، ކޮންމެވެސް ގޯހަކުން ތަށި ގެއްލޭ ގެއްލުމަށް ހައްލެއް ބޭނުންވެފައެވެ. ހާއްސަކޮށް 2014 ވަނަ އަހަރު އަމިއްލަ ފަސްގަނޑުގައި ބޭއްވި ވޯލްޑް ކަޕްގައި ޖަރުމަނު ކައިރިން ލަދުވެތި ގޮތަކަށް ބަލިވެ، ރޯން ޖެހުނު ޖެހުން ހަނދާން ނައްތާލަން ވޯލްޑް ކަޕެއް ބޭނުންވެއެވެ.

ފެވަރިޓުންގެ ގޮތުގައި ބްރެޒިލުން ނުކުތީ އެ ޕްރެޝަރާ ކުރިމަތިލާން ދަސްކޮށްގެން ކަމަށް ކޯޗު ޓީޓޭ ބުންޏެވެ. ޓީޓޭ ބުނީ މިދިޔަ ހަތަރު އަހަރު ތެރޭގައި އޭނާ ބްރެޒިލް ފައްކާކުރި ވަގުތަކީ މިވަގުތު ކަމަށެވެ. ވޯލްޑް ކަޕްގެ ވަގުތު ކަމަށެވެ.

ފަސްތަރީގެ ޝަރަފުވެރިން މެޗު ފެށީ ވަރުގަދަކޮށެވެ. އެޓޭކިން ފުޓުބޯޅައަކައިގެންނެވެ. ނޭމާއާއި ވިނީޝިއަސް ޖޫނިއާ ފަދަ ކުޅުންތެރިންގެ ހަލަނި ކޮއްޓުންތައް ބްރެޒިލުން ފެނުނު އިރު، ސާބިއާ އޮތީ އެކަމަށް ތައްޔާރަށްވެސް މެއެވެ. ސާބިއާގެ ޑިފެންސުން ފުރަތަމަ ހާފުގައި ބްރެޒިލް ރަނގަޅަށް ބަނދެލިއެވެ. ފުރަތަމަ ހާފުގައި ބްރެޒިލަށް ލިބުނީވެސް ހަނި ފުރުސަތުތަކެކެވެ.

މެޗުގެ ކުރީކޮޅުގައި ވިނީޝިއަސް ޖޫނިއާގެ ބާރު ދުވެލީގެ ނުރައްކަލުގެ އިތުރުން ނޭމާގެ ކޯނަރަކުން ސީދާ ނުރައްކާ ކުރި އިރު، ދެން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ރަފީނިއާ އަށެވެ. ޕަކޭޓާއާ ވަން ޓޫ ޕާހެއް ޖަހާލައި ރަފީނިއާ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާގައި ބާރެއް ނެތެވެ. ސާބިއާގެ ގޯލްކީޕަރު މިލިންކޮވިޗް ސެވިޗަށް ފަސޭހަ ސޭވެކެވެ. އޭގެ އިތުރުން ކަސަމޭރޯ ދުރުން ޖެހި ބޯޅަވެސް ކީޕަރަށް ނުރައްކަލަކަށް ނުވިއެވެ.

ކަފޫއާއި ރޮބާޓޯ ކާލޯސް ފަދަ އެތަކެއް ހުނަރުވެރިންނެއް ބަލަން ގޮސް ތިބި މެޗުގެ ފުރަތަމަ ހާފު ބްރެޒިލުން ނިންމާލީ މާޔޫސްކަމާއެކުގައެވެ. ސާބިއާއަށް ހިތްހަމަ ޖެހުން ލިބުނީ ދުނިޔޭގެ އެއް ނަންބަރުގައި އޮތް ޓީމު ހިފަހައްޓާ ލެވުނީތީއެވެ.

ދެވަނަ ހާފަށްވެސް ބްރެޒިލްގެ ކުޅުމަށް ބަދަލެއް ގެންނަން ޓީޓޭ ނުވިސްނައެވެ. އިތުބާރުކުރީ އެތައް ދުވަހެއް ވަންދެން ކުޅުވި ފުޓުބޯޅައަށެވެ. ދެވަނަ ހާފުގެ ކުރީކޮޅުގައި ސާބިއާގެ ފަހަތުން ހެދި ގޯހެއްގައި ރަފީނިއާއަށް ހުސް ފުރުސަތެއް ފަހިވި ނަމަވެސް، އޭނާ އެ ފުރުސަތު ނަގާލިއެވެ. އަނެއްކާވެސް ފުރަތަމަ ގޯލަށް ކުރަން ޖެހުނީ އިންތިޒާރެކެވެ. އޭގެ ފަހުން ދުރުން އެލެކްސް ސާންޑްރޯ ފޮނުވާލި ރޮކެޓް ސްޕީޑުގެ ހަމަލާވެސް އަމާޒުވީ ދަނޑިއަށެވެ.

ހަމަލާއަކަށްފަހު ހަމަލާއެއް، އެޓޭކަކަށްފަހު އެޓޭކެއް ކުރަމުން ގޮސް، ކެނެރީ ރީނދޫ ކުލައިގެ ވަގުތުކޮޅު އައީ 62 ވަނަ މިނެޓުގައެވެ. ރިޗާލިސަން ޖެހި އެ ގޯލަކީ ވިނީޝިއަސް ޖޫނިއާ ފޮނުވާލި ބާރު ހަމަލާއެއް ސާބިއާގެ ގޯކީޕަރު މިލިންކޮވިޗް ސަވިޗް މަތަކުރުމާއެކު ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ޖެހި ގޯލެކެވެ.

އެ ގޯލާއެކު ލުސައިލް އައިކަނިކް ސްޓޭޑިއަމް ގުގުމާލިއެވެ. ބްރެޒިލުން ހިތްވަރު ހޯދައި ހަމަ އިސްކޮޅެއް ދެމިލިއެވެ. ސާބިއާގެ ކޯނަރެއްގައި ނުރައްކާތެރި ވަގުތުކޮޅެއް އެ ފަހުން ދިޔަ ނަމަވެސް، ދެވަނަ ގޯލެއްވެސް މެޗުގައި ޖެހީ ބްރެޒިލެވެ. ފުރަތަމަ ގޯލަށް ދިހަ މިނެޓް ފަހުން ދެވަނަ ގޯލުވެސް ޖެހީ ހަމަ ރިޗާލިސަންއެވެ.

ބްރެޒިލް ފޯވަޑް ރިޗާލިސަންގެ ދެވަނަ ގޯލަކީ ހިތްގައިމު ބްރެޒިލްގެ "ކްލާސް" ދައްކާލަދިން ގޯލެކެވެ. ޕެލޭގެ ހަނދާން އާކޮށްލަދިން ގޯލެކެވެ. ވިނީޝިއަސް ޖޫނިއާ ދިން ބޯޅަ، ކޮންޓްރޯލުކޮށްލުމުގެ ތެރޭގައި މައްޗަށް އަރުވާލައި، ރިޗާލްސަން ބޯޅަ ގޯލަށް ވައްދާލީ ވެއްޓިލައިފައެވެ. ދެވަނަ ގޯލަކާއެކު މުޅި ބްރެޒިލްގެ ޓީމު އުފާފާޅުކޮށް، ޕްރެޝަރު ކަނޑުވާލިއެވެ. އެހިސާބުން ބްރެޒިލްގެ ހަގީގީ ފެންވަރު ދައްކާލިއެވެ.

ބަދަލަކަށް އެރި ރޮޑްރީގޯއާއި ފްރެޑްގެ ބާރު ހަމަލާތައް ސާބިއާގެ ގޯލްކީޕަރު މެލިންކޮވިޗް ސެވިޗް މަތަކުރި އިރު، ކަސަމޭރޯގެ ބާރު ހަމަލާ އަމާޒުވީ ދަނޑިއަށެވެ. އެ އުފާވެރިކަމުގެ ތެރެއިން ބްރެޒިލަށް ކިރިޔާވެސް ހިތްނުތަވަސްކަމެއް މެޗުގައި ދިމާވީ ނޭމާއަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއްވެ ބާލަން ޖެހުމުންނެވެ. ނޫނީ ހަމަ ފުރިހަމަ މެޗެކެވެ.

ގްރޫޕް ސްޓޭޖުގައި މާދަމާއާއި މާދަމާ ރޭގެ މެޗުތައް

15:00 ވޭލްސް - އިރާން (ގްރޫޕް ބީ)
18:00 ގަތަރު - ސެނެގާލް (ގްރޫޕް އޭ)
21:00 ނެދަލޭންޑްސް - އެކުއެޑޯ (ގްރޫޕް އޭ)
00:00 އިންގްލެންޑް - އެމެރިކާ (ގްރޫޕް ބީ)