މެންޗެސްޓާ ޔުނައިޓެޑް

ޔުނައިޓެޑް ވިއްކާލަނީ: މިއީ ރޮނާލްޑޯ ދިން އިންޓަވިއުގެ އަސަރުތަ؟

މުޙައްމަދު ޝަމްޢޫން

ކްލަބުގައި ބައިވަރު ކަންކަން ރަނގަޅުކުރަން ފުރުސަތު ދޭން ޖެހޭކަމަށް އެއްބަސްވެ، އެ ކްލަބުގެ ވެރިން ކަމަށްވާ ގްލޭޒާސް އާއިލާއިން މެންޗެސްޓާ ޔުނައިޓެޑް ވިއްކާލަން ނިންމައިފިއެވެ.

ޔުނައިޓެޑުން ނެރުނު ބަޔާނެއްގައި ކޯ ޗެއާމަނުން ކަމަށްވާ ޖޯލް ގްލޭޒާ އަދި އަވްރަމް ގްލޭޒާ ވިދާޅުވެފައި ވަނީ ކްލަބުގެ ހިންގުމަށް ވިޔަފާރީގެ ބަދަލުތަކަކަށް ތައްޔާރުވަމުން އަންނަ ކަމަށާއި، އޭގެ ތެރޭގައި އާ އިންވެސްޓަރުންނަށް ފުރުސަތު ފަހިކޮށް، ކްލަބު ވިއްކާލުމަށްވެސް ބަލަމުން އަންނަ ކަމަށެވެ.

"ކްލަބުގެ ތާރީހީ ކާމިޔާބީތައް ކުރިއަށް ގެންދިޔުމުގެ މަގުސަދުގައި ބޯޑުން މިހާރު ވަނީ ކްލަބުގެ ވިޔަފާރި ހިންގުމަށް ބަދަލުގެންނަން ދިރާސާ މަސައްކަތްތަކެއް ކުރުމަށް ހުއްދަ ދީފަ. ސަޕޯޓަރުންނަށް އެންމެ އެކަށޭނެ އަދި ހިތްހަމަ ޖެހޭނެ ގޮތަކަށް ކްލަބުގެ ކަންކަން ކުރިއަށް ގެންދަން ފުރުސަތު ދޭން ބޯޑު ތައްޔާރު. ކްލަބުގެ ވިޔަފާރީގެ ހިންގުން ބަދަލުކުރާނެ ހާލަތަކަށް ދާނީ ސަޕޯޓަރުންނަށް އެންމެ ފައިދާވާނެ ގޮތްތަކެއް ބަލައި، އެގޮތުގެ މަތިން،" ޔުނައިޓެޑުން ނެރުނު ބަޔާނުގައިވެއެވެ.

ޔުނައިޓެޑް ވިއްކާލުމުގެ މަސައްކަތްވެސް ގްލޭޒާސްއިން ހަވާލުކޮށްފައި ވަނީ ދާދިފަހުން ޗެލްސީ ވިއްކާލުމުގެ ގާނޫނީ ހުރިހާ ކަމެއްގައި މަސައްކަތް ކުރި އެމެރިކާގެ ރައިނޭ ގްރޫޕާއެވެ. ޔުނައިޓެޑުން ބުނެފައި ވަނީ އެ ކުންފުނިން ކްލަބު ވިއްކާލުމުގެ ކަންކަން ކުރިއަށް ގެންދާނީ ހާއްސަ އެތައް ކަމަކަށް ބަލައިގެން ކަމަށާއި، ކްލަބުގެ ކަންކަން ދާގޮތް އަންގަމުންދާނެ ކަމަށެވެ.

ގްލޭޒާސްއިން ޔުނައިޓެޑް ގަނެފައި ވަނީ 2005 ވަނަ އަހަރުއެވެ. އެމެރިކާގެ ވިޔަފާރި އާއިލާއިން ޔުނައިޓެޑް ގަތީ 790 މިލިއަން ޕައުންޑަށެވެ. އެމެރިކާ ބޭސްބޯޅަ ލީގުގެ ޓަމްޕާ ބޭ ބަކަނިއާސްގެ ވެރިންގެ ގޮތުގައި 1995 ވަނަ އަހަރުން ފެށިގެން ތިބި ގްލޭޒާސްއިން ވަނީ ދާދިފަހުން ޑުބާއީ ޓީ20 ކްރިކެޓް ލީގު ޓީމެއްވެސް ގަނެފައެވެ.

މިހާރު ޔުނައިޓެޑްގެ ކޯ ޗެއާމަނުންގެ ގޮތުގައި ތިބި ޖޯލްއާއި އަވްރަން އެމަގާމާ ހަވާލުވެ ކްލަބު ހިންގަން ފެށީ 2006 ވަނަ އަހަރުއެވެ. އެއީ ދެމީހުންގެވެސް ބައްޕަ، މަލްކޮމްއަށް ސްޓްރޯކެއް ޖެހުމާއެކުގައެވެ. އެމެރިކާގެ ބިލިއަނަރު މަލްކޮމް 2014 ވަނަ އަހަރު މަރުވީ އުމުރުން 85 އަހަރުގައެވެ.

ގްލޭޒާސްއިން 2012 ވަނަ އަހަރު ޔުނައިޓެޑްގެ ހިއްސާގެ 10 ޕަސެންޓް ވިއްކާފައިވާ އިރު، އެ އާއިލާއިން ކްލަބު ހިންގާ ގޮތަށް ސަޕޯޓަރުން ވަނީ އެތައް ފަހަރަކު ފާޑު ކިޔައިފައެވެ. އެގޮތުން ސާ އެލެކްސް ފާގަސަންގެ ޒަމާނަށްފަހު ކްލަބުގެ ކާމިޔާބީތަށް ވަރަށް ބޮޑަށް މަދުވެގެން ދިޔުމާއެކު ސަޕޯޓަރުން ވަނީ އެތައް ފަަހަރެއްގެ މަތިން ހަޅުތާލުތައްވެސް ކޮށްފައެވެ. ހާއްސަކޮށް 2021 ވަނަ އަހަރު ސަޕޯޓަރުން ދަނޑަށް ވަދެ މުޒާހަރާ ކުރުމުގެ ސަބަބުން ޔުނައިޓެޑުން ލިވަޕޫލާ ދެކޮޅަށް ކުޅެން އޮތް މެޗެއްވެސް ކެންސަލް ކުރަން ޖެހިފައިވެއެވެ.

މިފަހަރު ޔުނައިޓެޑް ވިއްކާލަން އެ ކްލަބުގެ ވެރިން ނިންމީ ބޮޑު ނިންމުމަކަށް ފަހުގައެވެ. އެއީ ކްރިސްޓިއާނޯ ރޮނާލްޑޯއާއެކު އެ ކްލަބުން ވެފައިވާ އެއްބަސްވުން ބާތިލުކުރި ކަމަށް ރޭ އިއުލާންކުރުމަށްފަހުއެވެ. ރޮނާލްޑޯގެ އެއްބަސްވުން ޔުނައިޓެޑުން ބާތިލުކުރީ ކްލަބުގެ ބޯޑުން ކްލަބުގެ ކަންކަން ކުރާ ގޮތަށް އޭނާ ފާޅުގައި ފާޑު ކިޔައިފައި ވަނިކޮށެވެ.

ރޮނާލްޑޯ އާއި ޔުނައިޓެޑާ ދެމެދު ސީޒަނުގެ ކުރިންވެސް ކޮންމެވެސް ވަރެއްގެ މައްސަލަތަކެއް ޖެހިފައިވާ އިރު، ވޯލްޑް ކަޕަށް ދެތިން ދުވަހަށް ވެފައިވަނިކޮށް ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް ބަހުގެ ހަމަލާތައް އަމާޒުކޮށް، ވަރުގަދަ އިންޓަވިއުއެއް ދީފައެވެ. ރޮނާލްޑޯ އިންޓަވިއު ދީފައި ވަނީ މަޝްހޫރު ޖާނަލިސްޓް އަދި ޓީވީ ހޯސްޓް ޕިއާސް މޯގަންގެ ހާއްސަ ޕްރޮގްރާމަކަށެވެ.

އެ އިންޓަވިއުގައި ޔުނައިޓެޑްގެ ބޯޑަށާއި ކޯޗުންނަށްވެސް ރޮނާލްޑޯ ވަރަށް ބޮޑަށް ފާޑު ކިޔާފައިވެއެވެ. ރޮނާލްޑޯ ބުނީ ކްލަބުން އޭނާއަށް އޮޅުވާލި ކަމަށާއި ކޯޗުންނަށް އިހުތިރާމު ގެއްލުނު ކަމަށެވެ. ރޮނާލްޑޯ ވަނީ އޭނާގެ ދަރިފުޅު ބަލިވި ވާހަކައަށްވެސް ކްލަބުން އިހުތިރާމު ނުކުރާ ކަމަށް ބުނެ، ކްލަބުގެ ބޯޑަށްވެސް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ. އޭގެ އިތުރުން ރޮނާލްޑޯ އިންޓަވިއުގައި ބުނެފައި ވަނީ ޔުނައިޓެޑްގެ އިންފްރާސްޓްރަކްޗާއަށްވެސް އަދިވެސް ޒަމާނީ ބަދަލުތައް ނާންނަ ކަމަށާއި، ކްލަބުގެ ހުރިހާ ކަމަކަށް ވެރިން އިހުމާލުވެފައިވާ ކަމަށެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ޔުނައިޓެޑްގެ ވެރިން ކްލަބު ވިއްކާލަން ނިންމީ ރޮނާލްޑޯގެ އެ ވާހަކަތަކުގެ ސަބަބުންނެވެ.