ކުޅިވަރު

އާޖެންޓީނާ ބަލިކުރުމުގެ އުފާ ފާޅުކުރަން ސައުދީ ސަރުކާރު މާދަމާ ބަންދު

މުހައްމަދު އިޝާން

1

ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2022 ގައި މިއަދު ކުޅުނު މެޗުގައި އާޖެންޓީނާ ބަލިކުރުމުގެ އުފަލުގައި ސައުދި އަރަބިއްޔާގެ ސަރުކާރު ބަންދުކުރަން އެގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުއްއަޒީޒް ނިންމަވައިފިއެވެ.

ސައުދީ ގެޒެޓް ނިއުސްގައި މިރޭ ކޮށްފައިވާ އިއުލާނެއްގައި ވަނީ ރަސްގެފާނު ސަލްމާން ސައުދީ ސަރުކާރުން ބަންދުކުރަން ނިންމެވީ ދެ ދުވަހަށް ކަމަށެވެ. އެއީ މިއަދާއި މާދަމާއެވެ. ސަރުކާރު ބަންދު ކުރުމުގެ އިތުރުން އެ ދެ ދުވަހަށް އެގައުމުގެ ސްކޫލުތަށް ވެސް ވަނީ ބަންދުކޮށްފައެވެ. އަދި އަމިއްލަ ކުންފުނިތަކުގެ މުވައްޒަފުންނަށްވެސް ޗުއްޓީ ދެއްވަން ކިންގް ސަލްމާން އަންގަވާފައިވާ ކަމަށެވެ.

އާޖެންޓީނާއިން މިއަހަރުގެ ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި އޭޝިއާގެ ސައުދީ އަރަބިއާ އަތުން ބަލިވުމަކީ އެތައް ބަޔަކަށް ލިބުނު ހައިރާން ކަމެކެވެ. އާޖެންޓީނާއިން މެޗުގައި ލީޑު ނަގާފައި ވަނިކޮށް ސައުދީން ފަހަތުން އަރައި ދެ ގޯލު ޖަހައި މެޗު އަނބުރާލާފައިވާ އިރު، މެޗު ސައުދީން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ސައުދީއަކީ ވޯލްޑް ކަޕްގައި އާޖެންޓީނާ ކޮޅަށް އެއް ގޯލަށްވުރެ ގިނައިން ގޯލު ޖެހި އޭޝިއާގެ ފުރަތަމަ ޓީމެވެ.

މެޗަށް ނުކުތް އިރު ތާރީހު އޮތީ އާޖެންޓީނާ އަތުގައެވެ. ވޯލްޑް ކަޕް ދެފަހަރަށް ކާމިޔާބުކޮށްފައިވާ އާޖެންޓީނާ މިފަހަރުގެ މުބާރާތަށް ނުކުތީ ކޮޕާ އެމެރިކާގެ ޗެމްޕިއަނުން ގޮތުގައެވެ. އާޖެންޓީނާ މެޗަށް ނުކުތީ އެންމެފަހުން ކުޅުނު 36 މެޗުގައި ބަލިނުވެ އޮވެގެންނެވެ. އެހެން ނަމަވެސް އެ ސިލްސިލާއަށް ނިމުން ގެނައީ ސައުދީން މެޗުގައި ހޯދި ދެ ފުރުސަތުގައި ދެ ގޯލު ޖަހައިގެންނެވެ.

މިއަދުގެ ނަތީޖާ ވެގެންދާނީ ވޯލްޑް ކަޕް ތާރީހުގައި އެންމެ ހައިރާން ކުރުވަނިވި އެއް ނަތީޖާއަށެވެ. ތާރީހަށް ނަޒަރު ހިންގާލާނަމަ މިފަދަ ބައެއް ނަތީޖާތައް ވޯލްޑް ކަޕްގައި ފެނިގެން ގޮސްފައިވެއެވެ.