ޚަބަރު

ފަރެސްމާތޮޑާ އެއާޕޯޓްގެ 82 ޕަސަންޓް މަސައްކަތް ނިންމާލައިފި

މުހައްމަދު އިޝާން

ގދ. ފަރެސްމާތޮޑާ އެއާޕޯޓު މަސައްކަތުގެ ބޮޑުބައެއް މިހާރު ފުރިހަމަ ކުރެވިފައިވާ ކަމަށް އެ މަސައްކަތް ކުރަމުންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނީ، ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތުގެ 82 ޕަސަންޓް ފުރިހަމަ ކުރެވިފައިވާ ކަމަށެވެ. އަދި ފަޔާ ބިލްޑިން އާއި ޓާމިނަލްގެ ބިލްޑިން އިމާރަތް ކުރުމުގެ 95 ޕަސަންޓު މަސައްކަތް ނިމިފައިވާ ކަމަށެވެ. އެއާޕޯޓުގެ ޓާމިނަލް އިމާރަތްކުރުމުގެ 80 ޕަސަންޓް މަސައްކަތް ނިމިފައިވާ ކަމަށްވެސް ބުންޏެވެ.

ފަރެސްމާތޮޑާ އެއާޕޯޓަކީ 144.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ޑިޒައިން އެންޑް ބިލްޑު އުސޫލުން ފަރެސްމާތޮޑާ އެއާޕޯޓްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

މި މަޝްރޫއުގެ ދަށުން ރަންވޭގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތްކުރުމާއި ޓެކްސީވޭއަކާއި އޭޕްރަންއަކާއި ފަޔާ ޕެޑް އަދި ފަޔާ ރޯޑެއް ގާއިމުކުރުމާއި ފަޔާ ބިލްޑިން އެއް އިމާރާތް ކުރުމާއި ޓާމިނަލް ބިލްޑިން އެއް އިމާރާތް ކުރުމުގެ މަސައްކަތް ހިމެނެއެވެ.