ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް ސީގެ ފުރަތަމަ މެޗުގައި ސައުދީ އަރަބިއާއިން ގަދަފަދަ އާޖެންޓީނާ ބަލިކޮށްފިއެވެ.
ލުސައިލް އައިކަނިކް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗު ސައުދީން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ކުރިން ސައުދީ ކޯޗު ހާވޭ ރެނާޑް ބުނީ "ވޯލްޑް ކަޕުގައި އަބަދުވެސް ސަޕްރައިޒްތައް" ފެންނާނެ ކަމަށެވެ. ޔަގީނެވެ. އޭނާ ހައިރާންކަން ގެނެސްދީފިއެވެ. ވަރުގަދަ އާޖެންޓީނާ މިއަދުގެ މެޗުން ބަލިވީ އެންމެފަހުން ކުޅުނު 36 މެޗުގައި ބަލިނުވެ، ވޯލްޑް ކަޕަށް އައިސްފައި ވަނިކޮށެވެ.
މެޗަށް ނުކުތް އިރު، ވޯލްޑް ކަޕްގެ ދިގު ތާރީހެއް އޮތީވެސް އާޖެންޓީނާ އަތުގައެވެ. އެޓީމުން ވޯލްޑް ކަޕްގެ ފުރަތަމަ މުބާރާތުގައި 1930 ގައި ވާދަކޮށްފައެވެ. މިހާތަނަށް ދެފަހަރު އާޖެންޓީނާއިން ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ އިރު، އެންމެ ފުރަތަމަ އެގައުމުން ދުނިޔޭގެ ތަށި ހޯދީ 1978 ގައެވެ. އަމިއްލަ ގައުމުގައި ބޭއްވި އެ ވޯލްޑް ކަޕް އާޖެންޓީނާ ނެގީ ފައިނަލުގައި ނެދަލެންޑްސް ބަލިކޮށްގެންނެވެ.
އާޖެންޓީނާއިން ވޯލްޑް ކަޕްގެ ތަށި ދެވަނަ ފަހަރު ހޯދީ އެ ގައުމުގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ ޑިއޭގޯ މަރަޑޯނާގެ ބޮޑު ދައުރަކާއެކުގައެވެ. 1986 އަހަރުގެ ވޯލްޑް ކަޕް އާޖެންޓީނާއިން ނެގި އިރު، ރަން ބޯޅަ ނެގީ މަރަޑޯނާއެވެ. މިފަހަރުގެ މުބަރާތަކީ 2021 ވަނަ އަހަރު މަރަޑޯނާ މަރުވިފަހުން އާޖެންޓީނާ ނުކުތް ފުރަތަމަ ވޯލްޑް ކަޕެވެ. އެޓީމުގެ ސަޕޯޓަރުންގެ ފަރާތުން މަރަޑޯނާގެ ފޮޓޯތައް ޖެހި ބެނާތަކާއި ޕޯސްޓަރުތައް ފެނިގެން ދިޔަ އިރު، އެއީ މަރަޑޯނާއަށް އާޖެންޓީނާ ދޭ ލޯބި ދައްކުވާލި މަންޒަރެކެވެ.
ސައުދީން އެގައުމުގެ ތާރީހުގައި ހަވަނަ ވޯލްޑް ކަޕަށް މިއަހަރު ނުކުތް އިރު، އެޓީމަށް އެންމެ ކާމިޔާބު ވޯލްޑް ކަޕަކީ 1994 ގެ ވޯލްޑް ކަޕެވެ. އެފަހަރު ސައުދީން ވަނީ ގަދަ 16 ގައި ކުޅެފައެވެ.
މެޗުގެ ކުރިން ހުރިޙާ ނަޒަރެއް ހުއްޓިފައި އޮތީ ފަސްވަނަ ވޯލްޑް ކަޕަށް ނުކުތް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއަށެވެ. ރެކޯޑު ހަތް ބެލޮންޑިއޯ ހޯދާފައިވާ މެސީ މިފަހަރުގެ ވޯލްޑް ކަޕަށް ނުކުތީ އޭނާގެ ކެރިއަރުގައި މަދުވާ ވޯލްޑް ކަޕްގެ ތަށި ހޯދުމަށެވެ. މިދިޔަ އަހަރުގެ ކޮޕާ އެމެރިކާ ނެގި އާޖެންޓީނާއިން ވޯލްޑް ކަޕަށް ނުކުތީ ބަލިނުވުމުގެ ބޮޑު ސިލްސިލާއަކާއެކު އުންމީދީ ރޫހެއްގައެވެ.
ވަރުގަދަ ސްކޮޑަކާއެކު ނުކުތް އާޖެންޓީނާއަށް ފުރަތަމަވެސް ދިމާވި އެންމެ ބޮޑު ޕްރެޝަރަކަށްވީ ސައުދީގެ އެތައް ހާސް ސަޕޯޓަރުންނެއްގެ ބާރު އަޑެވެ. ގަތަރަކީ ސައުދީއާ ކައިރި ގައުމަކަށްވުމުން ސްޓޭޑިއަމް ގުގުމަމުން ދިޔައީ ސައުދީގެ ސަޕޯޓަރުންނެވެ. އެ ސަޕޯޓަރުންގެ އަޑަކަށް ނުބަލައި އާޖެންޓީނާއިން މެޗު ރަނގަޅަށް ފެށިއެވެ. ނަތީޖާއެއްގެ ގޮތުން ނުވަ ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއާއެކު އާޖެންޓީނާ ލީޑުވެސް ނެގިއެވެ. ޕެނަލްޓީ ޖަހައި ލީޑު ނަގައިދިނީ ކެޕްޓަން މެސީއެވެ.
އެ ގޯލާއެކު މެސީ ވެފައިވަނީ ހަތަރު ވޯލްޑް ކަޕެއްގައި ގޯލު ޖެހި ފަސްވަނަ ކުޅުންތެރިޔާއަށެވެ. މެސީ މިހާތަނަށް 2006، 2014، 2018 އަދި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ގޯލު ޖަހައިފައިވާ އިރު، މެސީގެ އިތުރުން ހަތަރު ވޯލްޑް ކަޕްގައި ގޯލު ޖެހި ކުޅުންތެރިންނަކީ ޕެލޭ، އޫވޭ ސީލާ، މިރްސްލާވް ކްލޯސާ އަދި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.
ފުރަތަމަ ހާފުގެ ބާކީ ބައިގައިވެސް ނުރައްކާ ބޮޑުކޮށް ފެނުނީ އާޖެންޓީނާއިންނެވެ. ސައުދީގެ ޑިފެންސް ތެރެއިން ޖާގަ ހޯދައި މެސީއާއި އެންހޭލް ޑިމަރިއާ ކުރިއަށް ގިނަ ބޯޅަތަކަކަށް ދުވިއެވެ. އޭގެ އިތުރުން ލައުޓާރޯ މާޓިނޭޒްގެ ނުރައްކާވެސް ސައުދީއަށް ބޮޑުކޮށް ފެނިގެން ދިޔައެވެ.
ސައުދީގެ ޑިފެންސިވް ޓެކްޓިކްސްއަކަށް ފެނުނީ އޮފްސައިޑް މަޅިއެވެ. މެޗުގެ ފުރަތަމަ ހާފުގައި އާޖެންޓީނާގެ މެސީއާއި މާޓިނޭޒްގެ އިތުރު ބޯޅަތަކެއް ގޯލަށް ވަން ނަމަވެސް ވީއޭއާރް، ސެމީ އޮފްސައިޑްގެ އެހީތެރިކަމާއެކު ރެފްރީ ނިންމީ އެއީ ގޯލުތައް ނޫން ކަމަށެވެ. ތިން ފަހަރެއްގެ މަތިން އޮފްސައިޑް ސިސްޓަމުގެ ބޭނުންކޮށް ރެފްރީ ވަނީ އާޖެންޓީނާއަށް މާޔޫސްކަން ގެނުވައިފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ސައުދީ އަރަބިއާގެ ކެޕްޓަން ސަލްމާން އަލް ފަރާޖަށް އަނިޔާވެ އޭނާ ބާލަން ޖެހުންވީ ސައުދީއަށް މާޔޫސް ކަމަކަށް ނަމަވެސް، ދެވަނަ ހާފަށް އެޓީމު ނުކުތީ ތަފާތު ރޫހެއްގައެވެ. ހީވެސް ނުކުރާ ފަދަ ހިތްވަރަކާއެކު ސައުދީން ދެވަނަ ހާފުގައި ކުޅެން ފެށިއެވެ.
ނަތީޖާއެއްގެ ގޮތުން އެޓީމުން ފުލުފުލުގައި ދެ ގޯލު ޖަހައި މެޗުގެ ނަތީޖާ އަނބުރާލިއެވެ. ސައުދީގެ ފުރަތަމަ ގޯލު ސަލޭހް އަލް-ޝެހްރީ ޖެހީ މެސީ އަތުން ގެއްލުނު ބޯޅައަކުން ކައުންޓާ އެޓޭކެއްގައި ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުންނެވެ. އޭގެ މިނެޓެއްފަހުން ދެވަނަ ގޯލު ސައުދީއަށް ޖަހައިދިނީ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ބާރު ހަމަލާއަކުން ސާލެމް އަލް ދަވްސާރީއެވެ.
އެ ދެ ގޯލާއެކުވެސް ގަތަރުގެ ތާރީހީ ލުސައިލް އައިކަނިކް ސްޓޭޑިއަމް ގުގުމާލިއެވެ. ސައުދީ ސަޕޯޓަރުންގެ އަޑާއެކު 80،000 މީހުންގެ ސްޓޭޑިއަމް ކެކިގެން ދިޔައެވެ. އެ ސަޕޯޓް ވެގެންދިޔައީ އާޖެންޓީނާއާއި މެސީއަށްވެސް މެޗު އަނބުރާލުމަށް ކުރިމަތިވި އެންމެ ބޮޑު ޕްރެޝަރަށެވެ. ސައުދީވެފައި ވަނީ ވޯލްޑް ކަޕްގައި އާޖެންޓީނާ ކޮޅަށް އެއް ގޯލަށްވުރެ ގިނައިން ގޯލު ޖެހި ފުރަތަމަ އޭޝިއާގެ ޓީމަށެވެ.
ސައުދީގެ ދެ ގޯލާއެކު އާޖެންޓީނާއިން ކުއްލިއަކަށް ތެޅިގަތެވެ. ގޯލަކަށް ބުރަކޮށް މަސައްކަތް ކުރިއެވެ. މެސީގެ ހަމަލާއެއްގެ އިތުރުން ބަދަލަކަށް އެރި ޖޫލިއަން އަލްވަރޭޒް ޖެހި ބޯޅަތައްވެސް މަތަކުރީ ސައުދީގެ ގޯލްކީޕަރު މުހައްމަދު އަލް އޮވައިސެވެ. އެއަށްފަހުވެސް ހުރަހަކަށްފަހު ހުރަހެއް ގޯލު ކުރިމައްޗަށް ނެގި އާޖެންޓީނާއަށް މިއަދުގެ މެޗު ކާމިޔާބުވާ ގޮތެއް ނުވިއެވެ. މެޗުގެ ފަހު ކޮޅުގައި ސައުދީން ފުރިހަމައަށް ޑިފެންސްކޮށް، ހިތްވަރުގަދަ ކުޅުމެއް ދައްކާފައިވެއެވެ.
މެސީއާއި އާޖެންޓީނާ މެޗު ނިންމާލީ މާޔޫސް ކަމުގައެވެ. އެޓީމަށް ދެން ގަދަ 16 އަށް އޮތް އުނދަގޫ މަގުގެ އިހުސާސް ކުރެވި އެކަމުގެ ހާސްކަމުގައެވެ. ގްރޫޕް ސީގައި ދެން އާޖެންޓީނާ ނުކުންނަން ޖެހޭނީ މެކްސިކޯ އަދި ޕޮލެންޑާ ދެކޮޅަށެވެ.
18:00 ޑެންމާކު - ޓިއުނީޝިއާ (ގްރޫޕް ޑީ)
21:00 މެކްސިކޯ - ޕޮލެންޑް (ގްރޫޕް ސީ)
00:00 ފްރާންސް - އޮސްޓްރޭލިއާ (ގްރޫޕް ޑީ)