ޚަބަރު

ސަޕްލިމެންޓްރީ ބަޖެޓާ ބެހޭ ތަހުގީގެއް ކުރުމަށް މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފި

އިބްރާހިމް ޒަކީ

މި އަހަރަށް ފާސްކުރި 36.99 ބިލިއަން ރުފިޔާގެ ބަޖެޓަށް 5.8 ބިލިއަން ރުފިޔާ އިތުރުކުރުމަށް އަންނަ 2023 ވަނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ސަޕްލިމަންޓްރީ ބަޖެޓާ ގުޅޭ ގޮތުން ކަންހިނގާފައިވާ ގޮތުގެ ތަހުގީގެއް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ސަޕްލިމެންޓްރީ ބަޖެޓާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުން އިންކުއަރީއެއް ހެދުމަށް އެދިވަޑައިގެން، އިދިކޮޅު ޕީއެންސީގެ މާވަށު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ސައީދު އެމަނިކުފާނަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ.

އެކަމާބެހޭގޮތުން އިންކުއަރީއެއް ހަދަން އެންގުމުގެ އިހުތިޔާރު މަޖިލިސް ރައީސަށް ލިބިގެންވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް އެކަމާބެހޭގޮތުން ގޮތެއް ނިންމުމުގައި ބުއްދިވެރި ގޮތަކީ ކަމާބެހޭ ކޮމެޓީގައި އެކަމާމެދު މަޝްވަރާކުރުމަށްފަހުގައި ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ފޮނުއްވާން ނިންމެވީ ކަމަށްވެސް ވިދާޅުވިއެވެ.

"އިންކުއަރީއެއް ހެދުމަށް އެބޭފުޅާ އެދިވަޑައިގެންފައި ވަނީ އަޅުގަނޑު ގަސްތުކުރަނީ އެމައްސަލަ މާލިއްޔަތު ކޮމިޓީއަށް ފޮނުވަން، އެކޮމިޓީން ނިންމާ ގޮތެއްގެމަތިން، މި މަސައްކަތް ކުރިއަށް ގެންދެވޭނީ، ހަގީގަތުގަ މަޖިލީހުގެ ރައީސަށްވެސް އިހުތިޔާރު އެބައޮތް އިންކުއަރީއެއް ހަދަން ބުނުމަށް، އެހެން ނަމަވެސް އަޅުގަނޑު ދެކޭ ގޮތުގަ ކޮމިޓީއެއްގައި މިކަމާބެހޭގޮތުން މަޝްވަރާ ކުރުމަށްފަހުގައި މިކަމާބެހޭގޮތުން ގޮތެއް ނިންމުން ބުއްދިވެރީ،"

މަޖިލިސް ރައީސް ވިދާޅުވީ، ސަޕްލިމެންޓްރީ ބަޖެޓާ ބެހޭގޮތުން ބައެއް މެންބަރުންގެ ކަންބޮޑުވުން އެބަހުރި ކަމަށެވެ. ހަމަ އެއާއެކު "ފިނޭންސް މިނިސްޓަރު ވަރަށް ސާފުކޮށް ވިދާޅުވެފަ އެބައޮތް އެެއްވެސް ހަރަދެއް ކުރައްވާފައި ނުވާނެ ކަމަށް،"

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅި ބަޖެޓު ބަހުސްގައި، ވާހަކަ ދެއްކެވި ބައެއް މެންބަރުން ވަނީ ސަޕްލިމެންޓްރީ ބަޖެޓާ ބެހޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

އެ މެންބަރުން ވިދާޅުވީ، މިއަހަރަށް މަޖިލީހުން ފާސްކޮށްދިން ބަޖެޓަށްވުރެ އިތުރަށް ސަރުކާރުން ހަރަދު ކުރަން ޖެހޭނީ ސަޕްލިމެންޓްރީ ބަޖެޓެއް ފާސްކޮށްގެން ކަމަށެވެ. ނަމަވެސް ސަރުކާރުން ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅާފައި މިވަނީ، އަންނަ އަހަރަށް ހުށަހެޅި ބަޖެޓުގައި ހިމަނައިގެންނެވެ.

އަންނަ އަހަރަށް ހުށަހެޅި ބަޖެޓާއެކު ސަޕްލިމެންޓްރީ ބަޖެޓު ވެސް ބަޖެޓު ކޮމިޓީން ވަނީ ފާސްކޮށް، ކޮމިޓީ ރިޕޯޓު މަޖިލިސް ތަޅުމަށް ފޮނުވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވި، މަޖިލިސް ތަޅުމުގައި ބަޖެޓަށް ވޯޓަށް އެހޭނީ ދެވޯޓު ވަކިން ކަމަށެވެ. އެއީ އަންނަ އަހަރަށް ހުށަހެޅި ބަޖެޓަށް ވަކިން އަދި ސަޕްލިމެންޓްރީ ބަޖެޓަށް ވަކިންނެވެ.