ގަތަރު ވޯލްޑް ކަޕް 2022 ގްރޫޕް ބީގައި މިރޭ އެމެރިކާއާއި ވޭލްސް ވާދަކުރި މެޗު 1-1 އިން އެއްވަރު ވެގެން ނިމިއްޖެއެވެ.
މިރޭގެ މެޗަކީ މި ދެގައުމުން ވާދަވެރި މުބާރާތެއްގައި ކުޅުނު ފުރަތަމަ މެޗެވެ. މީގެ ކުރިން ކުޅުނު އެކުވެރިކަމުގެ ހުރިހާ މެޗެއްގައި އެމެރިކާއިން ވޭލްސް ބަލިކޮށްފައިވާ އިރު، މިއީ ވޭލްސްއަށް އެމެރިކާ ކައިރީ އެއްވަރު ކުރެވުނުވެސް ފުރަަތަމަ ފަހަރެވެ.
މިއީ އެމެރިކާގެ ފުޓުބޯޅަ ތާރީހުގައި 11 ވަނަ ވޯލްޑް ކަޕެވެ. 1930 އަހަރު އުރުގުއޭގައި ބޭއްވި ފުރަތަމަ ވޯލްޑް ކަޕުގައިވެސް އެމެރިކާ ކުޅުނު އިރު، އެޓީމުގެ ތާރީހުގައި އެންމެ ކާމިޔާބު އެއް ވޯލްޑް ކަޕަކޯ 2002 ވަނަ އަހަރު ވޯލްޑް ކަޕެވެ. އެފަހަރު އެމެރިކާ ކުއާޓާ ފައިނަލްގައި ކުޅުނެވެ. 2010، 2014 ވަނަ އަހަރުވެސް ގަދަ 16 އިން ފުރުސަތު ހޯދި އެމެރިކާއަށް 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ގެއްލުނީ ހިތްދަތި ކޮށެވެ. މިފަހަރު ޒުވާން ޓީމަކާއެކު އެމެރިކާ ނުކުތީ ތާރީހު ލިޔުމަށެވެ.
އަނެއްކޮޅުން މިރޭގެ މެޗަށް ނުކުތް ވޭލްސްއަކީ ދުނިޔޭގެ އެންމެ ޒަމާންވީ އެއް ފުޓުބޯޅަ ޓީމު ނަމަވެސް، މިއީ އެގައުމުގެ ތާރީހުގައި ދެވަނަ ވޯލްޑް ކަޕެވެ. މިފަހަރުގެ ވޯލްޑް ކަޕަށް ވޭލްސް ނުކުތީ 64 އަހަރުގެ މެދުކަނޑުކަމަށްފަހު ފުރުސަތުގެ ބޭނުން ކުރާށެވެ.
މެޗުގެ ފުރަތަމަ މިނެޓުން ފެށިގެންވެސް އެމެރިކާގެ ފުޓުބޯޅަ ސިސްޓަމުގެ ހެޔޮ ބަދަލު މެޗުން ފެނިގެން ދިޔައެވެ. އެޓީމުން ފުރަތަމަ ހާފުގައި ކުޅުނީ ރީތި ޕާސިން ފުޓުބޯޅައެކެވެ. މެދުތެރެއިން ރަނގަޅަށް ބޯޅަ ހިފަހައްޓައި މެޗު ޑޮމިނޭޓްކޮށް ހަމަލާތައްވެސް އުފެއްދުއެވެ. އެގޮތުން މެޗުގެ ކުރީކޮޅުގައި ލީޑު ނެގުމާ ގާތަށްވެސް ޖެހިލިއެވެ.
މެޗުގެ ނުވަ ވަނަ މިނެޓުގައި ރިކައިރީގައި އެމެރިކާއަށް ދެ ފުރުސަތެއް ލިބުނެވެ. އެގޮތުން ޓިމޮތީ ވެއާ ނަގައިދިން ހުރަސް، ވޭލްސް ޑިފެންޑަރު ރޮޑޮން ގައިގައި ޖެހިފައި ބައިކޮޅަށް ވަންނަން ދަނިކޮށް، ވޭލްސްގެ ކީޕަރު ވޭން ހެނެސީ ވަނީ މަތަކުރި އިރު، ދެވަނައަށް ލިބުނު ފުރުސަތުގައި އެންޓޮނީ ރޮބިންސަން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އެމެރިކާގެ ޖޯޝް ސާޖެންޓް ފޮނުވާލި ހަމަލާ ގޯލާ އަމާޒެއް ނުވިއެވެ.
އެ ހަމަލާތަކާއެކު އެމެރިކާއިން ހިތްވަރު ހޯދައި، ކުޅުން އިތުރަށް ރަނގަޅުކުރިއެވެ. ހާއްސަކޮށް ފޯވަޑް ލައިނުން ކްރިސްޓިއަން ޕުލިސިޗްގެ ނުރައްކާ ބޮޑުވިއެވެ. ނަތީޖާއެއްގެ ގޮތުން 36 ވަނަ މިނެޓުގައި އެމެރިކާ ލީޑު ނެގިއެވެ. ޕުލިސިކް ދިން ރީތި ބޯޅައަކުން އެމެރިކާ ގޯލު ކާމިޔާބުކޮށްދިނީ ޓިމޮތީ ވެއާއެވެ. އޭނާ އެ ގޯލު ޖެހީ ޕެނަލްޓީ އޭރިއާ ތެރެއިން ވަރަށް ހަމަޖެހިލާފައި ބޫޓު ކޮޅުން ބޯޅަ ގޯލަށް ވައްދާލައިގެންނެވެ.
އެމެރިކާގެ ގޯލު ޖަހައިދިން ޓިމޮތީ ވެއާ އަކީ އެފްރިކާގެ ގައުމެއްކަމުގައިވާ ލައިބީރިޔާގެ ރައީސް ޖޯޖް ވެއާގެ ދަރިކަލުންނެވެ. ޖޯޖް ވެއާއަކީ ފުޓްބޯޅަ ލެޖެންޑެއްކެވެ. ޖޯޖް ވެއާއަކީ އެފްރިކާއިން މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއެވެ. ޖޯޖް ވެއާއަކީ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް މިހާތަނަށް ލިބިފައިވާ އެފްރިކާގެ ހަމައެކަނި ކުޅުންތެރިޔަކީވެސްމެއެވެ. ޖޯޖް ވެއާ ސިޔާސީ ދާއިރާއަށް ނުކުންނެވީ ފުޓުބޯޅައިން ރިޓަޔާކުރައްވާފައެވެ.
މެޗުގެ ދެވަނަ ހާފަށް ނުކުމެ ވޭލްސްއިން ކުޅުން ރަނގަޅުކުރިއެވެ. ހާއްސަކޮށް ބަދަލަކަށް މެޗަށް ނުކުތް ކީފާ މޯ، ވޭލްސްގެ ކުރީގައި ބޯޅަ ހިފަހައްޓަމުން ދިޔުމުން، އެޓީމަށް އެޓޭކް ކުރުމަށް މަދުމަދުން ހަނި ފުރުސަތުތައް ފަހިވަމުން ދިޔައެވެ. މެޗުގެ 64 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ލިބުނު ފުރުސަތެއްގައި ވޭލްސްގެ ފުރަތަމަ ނުރައްކާތެރި ހަމަލާ، ބެން ޑޭވިސް ބޮލުން ފޮނުވާލި ހަމަލާ މަތަކޮށް ބޭރުކޮށްލީ އެމެރިކާގެ ގޮލްކީޕަރު މެޓް ޓާނާއެވެ.
އޭގެ ފަހުން ކޯނަރުގައި ކީފާ މޯ ޖެހި ޖެހި ބޯޅަ ހުރަސް ދަނޑިމަތިން ބޭރަށް ދިޔައީ ކައިރިންނެވެ. ދެވަނަ ހާފުގައި ވޭލްސްއިން ކުރި މަސައްކަތުގެ ފޮނި މީރުކަން އެޓީމަށް ލިބުނީ 81 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީންނެވެ. ވޭލްސް ކެޕްޓަން ބޭލްއަށް އޭރިއާ ތެރެއިން ވޯކާ ޒިމާމަން ކުރި ފައުލަކާ ގުޅިގެން ވޭލްސްއަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްދިނީ ވޭލްސްގެ ލެޖެންޑް ބޭލްއެވެ. ވޯލްޑް ކަޕަށް ވޭލްސް ކޮލިފައި ކޮށްދިނުމުގައިވެސް އެންމެ މުހިއްމު ގޯލު ޖެހި ބޭލް މިރޭ ޖެހީ ގައުމީ ޖާޒީގައި އޭނާ ޖެހި 41 ވަނަ ގޯލެވެ.
15:00 އާޖެންޓީނާ - ސައުދީ އަރަބިއާ (ގްރޫޕް ސީ)
18:00 ޑެންމާކު - ޓިއުނީޝިއާ (ގްރޫޕް ޑީ)
21:00 މެކްސިކޯ - ޕޮލެންޑް (ގްރޫޕް ސީ)
00:00 ފްރާންސް - އޮސްޓްރޭލިއާ (ގްރޫޕް ޑީ)
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022