ކެރިއަރުގައި އަބަދުވެސް ދެކެމުން އައި ވޯލްޑް ކަޕް އުފުލައިލުމުގެ ހުވަފެން ހަގީގަތަކަށް ހަދަން މިއީ އެންމެ ފަހު ފުރުސަތު ކަމަށާއި، އެކަމަށް ބުރަކޮށް މަސައްކަތް ކުރާނެ ކަމަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފިއެވެ.
މެސީއާއި އާޖެންޓީނާ، އެޓީމުން ގަތަރު ވޯލްޑް ކަޕް 2022ގައި ކުޅޭ ފުރަތަމަ މެޗަށް މިއަދު ނުކުންނާނީ ސައުދީ އަރަބިއާޔާ ދެކޮޅަށެވެ. އާޖެންޓީނާގެ ތަރި މެސީއަކީ ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ދެކެއެވެ. މެސީ އަތުގައި ރެކޯޑު ހަތް ބެލޮންޑިއޯ އެބައޮތެވެ. ކްލަބު ކެރިއަރުގައި މެސީ ހުރިހާ ކާމިޔާބީއެއް ހޯދާފައިވާ އިރު، ކެރިއަރުގެ ބޮޑުބައެއް ހޭދަކުރި ބާސެލޯނާއާއެކު މެސީ ވަނީ ހަތަރު ޗެމްޕިއަން ލީގު ތަށިވެސް ކާމިޔާބު ކޮށްފައެވެ.
ގައުމީ ޓީމާއެކު 2021 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ކާމިޔާބުކުރި މެސީއަށް މިހާރު މަދުވަނީ ވޯލްޑް ކަޕެކެވެ. މިއީ ފަހު ވޯލްޑް ކަޕް ކަމަށް މެސީ އިއުލާންކޮށްފައިވާ އިރު، ފުރުސަތުގައި ތަފާތު ފެންނާނެކަމަށް ގިނަ ބަޔަކު އުންމީދު ކުރެއެވެ.
އާޖެންޓީނާއިން ވޯލްޑް ކަޕްގެ ފުރަތަމަ މެޗަށް ނުކުތުމުގެ ކުރިން ކުރި ބައެއް ފަރިތަކުރުންތަކުގައި މެސީ ބައިވެރިވެފައި ނުވުމާއެކު ބައެއް މީޑިއާތަކުން ބުނެފައި ވަނީ އޭނާ ހުރީ އަނިޔާގައި ކަމަށެވެ. އެހެން ނަމަވެސް މެސީ ވަނީ އެކަން ދޮގު ކޮށްފައެވެ.
"ބައެއް މީޑިއާތަކުން އަހަރެން އަނިޔާގައި ހުރި ކަމަށް ބުނެފައިވާ ވާހަކަތައް އަހަރެން އަޑުއެހިން. ތަމްރީނުތަކުގައި ނުފެންނަ ވާހަކަވެސް ބުނެފައިވޭ. އެކަމަކު މިހުރީ ފިޓްކޮށް. އަހަރެން ބައެއް ތަމްރީނުތަކުގައި އެކަނި ތަމްރީނުކުރީ ރައްކާތެރިކަމެއްގެ ގޮތުން. އަނެއްހެން އެއްވެސް އިތުރު ކަމެއް ތަމްރީނުތަކުގައި ނުކުރަން. އަހަރެން ހަމައެކަނި އަމިއްލަ ނަފުސަށް ބަލައިލީ،" މެސީ ބުންޏެވެ.
މެސީ ބުނީ އޭނާގެ ކެރިއަރުގައި އަބަދުވެސް ބުރަކޮށް މަސައްކަތް ކުރާ ކަމަށާއި، އެ ބުރަ މަސައްކަތުގެ ތެރެއިންވެސް މިފަހަރު މި ކުރިމަތިލަނީ ހާއްސަ މަސައްކަތަކާ ކަމަށެވެ.
"އަހަރެންގެ މުޅި ކެރިއަރުގައި އަބަދުވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރެވިއްޖެ. މިއީ ހާއްސަ ވަގުތެއް. މިއީ އަހަރެންގެ ފަހު ވޯލްޑް ކަޕް. މިއީ އަހަރެންގެ ހުވަފެން (ވޯލްޑް ކަޕް ނެގުން) ހަގީގަތަކަށް ހަދަން ލިބޭނެ ފަހު ފުރުސަތު. އެކަމަށް މިފަހަރު ތައްޔާރުވަނީ،" މެސީ ބުންޏެވެ.
މެސީ މިފަހަރު ކުރިމަތިލަނީ ކެރިއަރުގެ ފަސްވަނަ ވޯލްޑް ކަޕަށެވެ. މީގެ ކުރިން ވޯލްޑް ކަޕްގެ ތަށްޓާ މެސީ އެންމެ ކައިރިއަށް ޖެހިލީ 2014 ވަނަ އަހަރުއެވެ. އެއަހަރުގެ ފައިނަލްގައި އާޖެންޓީނާއިން ޖަރުމަނާ ދެކޮޅަށް ކުޅެ ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.
އާޖެންޓީނާއިން ގްރޫޕް ސްޓޭޖުގައި ކުޅޭ ފުރަތަމަ މެޗުގައި މިއަދު ސައުދީއާ ދެކޮޅަށް ނުކުންނާނީ ރާއްޖެ ގަޑިން 3:00 ގައެވެ.