ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް ބީގެ ދެވަނަ މެޗުގައި އެމެރިކާއާއި ވޭލްސް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

އެމެރިކާއިން ވޯލްޑް ކަޕަށް މި ނުކުންނަނީ 11 ވަނަ ފަހަރަށް. 1930 އަހަރު އުރުގުއޭގައި ބޭއްވި ފުރަތަމަ ވޯލްޑް ކަޕުގައިވެސް ކުޅެފައި. ދެހާހުގެ އަހަރުތަކުގެ ތެރެއަށް އެމެރިކާގެ ފުޓުބޯޅަ ވަދެގެން އައީ އުންމީދީ ނަންތަކަކާއެކުގައި. ލަންޑަން ޑޮނަވަން، ކްލެންޓް ޑެމްސީ ފަދަ ކުޅުންތެރިން އެޓީމުން ފާހަގަވި އިރު، 2002 ވަނަ އަހަރު އެމެރިކާއިން ކުއާޓާ ފައިނަލް ކުޅުނު. 2010، 2014 ވަނަ އަހަރުވެސް ގަދަ 16 އިން ފުރުސަތު ހޯދި އެމެރިކާއަށް 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ގެއްލުނީ ހިތިކޮށް.

ވޭލްސްއަކީ ދުނިޔޭގެ އެންމެ ޒަމާންވީ އެއް ފުޓުބޯޅަ ޓީމު. 146 އަހަރުވީ ވޭލްސް ފުޓުބޯޅަ އިދާރާގެ ދަށުން ހިނގަމުން އަންނަ ވޭލްސް ގައުމީ ޓީމަށް މިފަހަރުގެ ވޯލްޑް ކަޕް ފުރުސަތަކީ ހަނދާނީ، ތާރީހީ ފުރުސަތެއް. މި ވޯލްޑް ކަޕްގެ ކުރިން އެޓީމަށް 1958ގެ ވޯލްޑް ކަޕް ފިޔަވައި، ވޯލްޑް ކަޕްގެ އެހެން އެއްވެސް މުބާރާތަކުން ފުރުސަތު ލިބިފައެއް ނުވޭ.

  • ތާރީހީ ރައްޔާން ސްޓޭޑިއަމް ހުރި ތަނުގައި، މައިގަނޑު ގޮތެއްގައި އެ މެޓީރިއަލް ބޭނުންކޮށްގެން ބިނާކުރި ސްޓޭޑިއަމެއް
  • ފަރުމާ ކުރީ ޕެޓާން ޑިޒައިނުން، މިހާރު އެއީ ޒަމާނީ ޓެކްނޮލޮޖީގެ ސްޓޭޑިއަމެއް
  • 40،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމެއް
  • އަލުން ހެދުމަށްވެސް 360 މިލިއަން ޑޮލަރު ހޭދަކުރި
  • ވޯލްޑް ކަޕަށްފަހު 20،000 ޖާގައަށް މަދުކޮށް، ސްޓޭޑިއަމް ބޭނުންކުރާނީ އަލް ރައްޔާން ކްލަބުން
  • އަރަބި ކަޕްގެ މެޗުތައް ސްޓޭޑިއަމްގައި ކުޅުނު