ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ކުޅިވަރުގެ ރީތި ނަމޫނާއެއް ފެންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް އެގޮތަށް ވިދާޅުވީ ގަތަރުގައި މިފަހަރު ބާއްވާ ފީފާ ވޯލްޑް ކަޕް 2022 އަކީ ފުޓްބޯޅަ ފެށުމުގެ މުނާސާބަތުގައި ގަތަރުގެ އަމީރު ޝެއިހް ތަމީމް ބިން ހަމަދު އައްސާނީއަށް ފޮނުއްވި ތަހުނިޔާގެ ސިޓީފުޅެއްގައެވެ.
އެ ސިޓީފުޅުގައި ރައީސް ވިދާޅުވީ ގަތަރުގައި މިފަހަރު ބާއްވާ ފީފާ ވޯލްޑް ކަޕް 2022 އަކީ ކުރިއަށް އޮތް އަހަރުތަކުގައި ފުޓްބޯޅަ ސަޕޯޓަރުންގެ ހަނދާނުގައި ދެމި އޮންނާނެ މުބާރާތަކަށްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ގަތަރުގެ މުއްސަނދި ސަގާފަތާއި އާދަކާދަ ދައްކުވައިދޭ ހިތްގައިމު ހުޅުވުމުގެ ރަސްމިއްޔާތައް ރާއްޖެ އާއި މުޅި ދުނިޔެވެސް އިންތިޒާރުކުރާ ކަމަށް ރައީސް ވިދާޅުވިއެވެ.
"ކުރިއަށް އޮތް ދުވަސްތަކު ތެރޭގައި ކުޅިވަރުގެ ރީތި ނަމޫނާއެއް ފެނިގެންދާނެކަމަށް އުންމީދުކުރަން،" ރައީސް ވިދާޅުވިއެވެ.
މުސްލިމް ގައުމެއްގައި ވޯލްޑް ކަޕް ބޭއްވިގެން ދިއުމަކީ އެމަނިކުފާނު އުފާކުރައްވާ ކަމެއް ކަމަށެވެ. އަދި ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ތެރޭގައި ގަތަރުގެ ސަރުކާރަށް ކުރިމަތިވި އެކި ކަހަލަ ގޮންޖެހުންތަކާ، ހިކުމަތްތެރިކަމާއެކީ ކުރިމަތިލާތަން ފެނިވަޑައިގެންނެވުމަކީ އެކަމުން ހިތްވަރު ލިބިވަޑައިގެންނެވި ކަމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ގަތަރުގައި މިފަހަރު ބާއްވާ ވޯލްޑް ކަޕްގައި ފުރަތަމަ ބައްދަލު ކުރާނީ ގަތަރާއި އެކުއެޑޯއެވެ. އެ މެޗު މިރޭ ރާއްޖެ ގަޑިން 9:00 ގައި ފަށާފައިވާ އިރު، މެޗު ކުޅެނީ ސްޓޭޑިއަމަކީ އަލް ހޯރުގެ އަލް ބައިތު ސްޓޭޑިއަމެވެ. ހުޅުވުމުގެ ރަސްމިއްޔާތު އެ ސްޓޭޑިއަމްގައި މިރޭ 7:30ގައި ވަނީ ބާއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު