ފުޓުބޯޅައަށް ލޯބިކުރައްވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށްވެސް މިއަދު ހާއްސައެވެ. އެއީ މިއަދަކީ ވޯލްޑް ކަޕްގެ ދުވަހެވެ. ގަތަރު ވޯލްޑް ކަޕަށް މަދު ވަގުތުކޮޅަކަށްވެފައިވާ އިރު، މިއަދުގެ ސުރުހީތަކުގައި އޮތީ ހުސް ވޯލްޑް ކަޕެވެ. މައުމޫންވެސް ހެނދުނު ތެދުވެވަޑައިގެން ލޯ ހިންގަވާލެއްވީ ވޯލްޑް ކަޕަށްކަން އެނގެނީ ކުރެއްވި ޓްވީޓުންނެވެ. ފްރާންސްގެ ތަރި "ކަރިމް ބެންޒެމާ" އަށް އަނިޔާވި ވާހަކަ އެތައް ނޫހެއްގައި އޮތް އިރު، މައުމޫނުގެ ނަޒަރު ބެހެއްޓެވީ ނޫސްވެރިން އެ ނަން ލިޔުއްވާ ގޮތަށެވެ.

ހުރިހާ ނޫހެއްގައި އޮތް "ބެންޒެމާ"އަކީ އިނގިރޭސި ކޮމެންޓޭޓަރުން އެ ނަން ކިޔަމުން އަންނަ ގޮތެވެ. ޕީޓާ ޑްރޫރީ އާއި ޖިމް ބެގްލިންވެސް ރެއާލް މެޑްރިޑް ތަރިއަށް ކިޔާ އުޅެނީ ހަމަ "ބެންޒެމާ"އެވެ. އެހެން ނަމަވެސް މައުމޫން ވިދާޅުވީ އެއީ ގޯހެއް ކަމަށެވެ. އަސްލު އިންނަން ވާނީ "ބެންޒީމާ" ކަމަށެވެ. އަލްޖީރިއާ ދަރިކޮޅަށް އުފަން ބެންޒީމާގެ ނަން، އިނގިރޭސި ކޮމެންޓޭޓަރުންނަށްވުރެ ބޮޑަށް އެނގިވަޑައިގަންނަވާނެ ކަމަށް ބެލެވެނީވެސް މައުމޫނަށެވެ. އެއީ އެމަނިކުފާނަކީ އަރަބި ކަރައިން ތައުލީމް ހާސިލްކުރެއްވި އިލްވެރި ބޭފުޅަކަށްވާތީއެވެ.

މައުމޫނުގެ ޓްވީޓްގައި އިތުރަށް ވިދާޅުވީ ކުޅުންތެރިންނާއި ޓީމުތަކުގެ ނަންތައްވެސް ރަނގަޅަށް ބޭނުންކުރަން މުހިންމު ކަމަށެވެ.

މައުމޫނަކީ އަބަދުވެސް ފުޓުބޯޅައަށް ލޯބިކުރައްވާ ރައީސެކެވެ. އެމަނިކުފާނަކީ ލިވަޕޫލްގެ ފުރިހަމަ ސަޕޯޓަރެކެވެ. ލިވަޕޫލަށް ލިބޭ ކޮންމެ ތަށްޓަކާއެކު އެމަނިކުފާނު އުފާފާޅުކުރައްވާ އިރު، މިފަހަރުގެ ވޯލްޑް ކަޕްގައި ސަޕޯޓް ކުރައްވާނެ ވަކި ޓީމެއް އަދި ވިދާޅުވެފައެއް ނުވެއެވެ. އެމަނިކުފާނު ފުޓުބޯޅައަށް ހުންނަ ޝައުގު ބޮޑުކަމުން، މައުމޫނުގެ ވޯލްޑް ކަޕް ޑްރީމް ޓީމެއްވެސް ވަންގެ ވޯލްޑް ކަޕް ގައިޑުގައި މިފަހަރު ވާނީ ހިމަނާލައިފައެވެ.

މައުމޫން މިއަދު ފާހަގަކުރެއްވި، އެންމެފަހުގެ ބެލޮންޑިއޯ ހޯދި ބެންޒެމާއަށް ވޯލްޑް ކަޕް ގެއްލުނުކަން ރޭ އިއުލާން ކޮށްފައިވާ އިރު، އެއީ ފަލަމަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ. ބެންޒެމާ ބުނީ އޭނާއަކީ ހަޔާތުގައި ފަހަތަށް ނުޖެހޭ މީހެއް ނަމަވެސް، ޓީމުގެ ހެވަށްޓަކައި، މިފަހަރު ފަހަތަށް ޖެހެން މަޖުބޫރުވި ކަމަށެވެ.