މަޝްހޫރު ޖާނަލިސްޓް އަދި ޓީވީ ހޯސްޓް ޕިއާސް މޯގަންއަށް ދިން އެކްސްކްލޫސިވް އިންޓަވިއުއާ ގުޅިގެން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ފިޔަވަޅު އަޅަން މެންޗެސްޓާ ޔުނައިޓެޑުން މަސައްކަތް ފަށައިފިއެވެ.
ޕިއާސް މޯގަންއަށް ދިން އިންޓަވިއުގެ ބައިތައް މިހާރު ސްޓްރީމް ކުރަމުންދާ އިރު، އެ އިންޓަވިއުގެ ފުރަތަމަ ބައިގައި ރޮނާލްޑޯ ވަނީ ޔުނައިޓެޑްގެ ވެރިންނަށާއި ކޯޗުންނަށް ފާޑު ކިޔައި، އިހުތިރާމް ނުކުރާ ކަމަށްވެސް ބުނެފައެވެ.
އިންޓަވިއުގައި ރޮނާލްޑޯ ބުނީ ކްލަބުން އޭނާއަށް އޮޅުވާލި ކަމަށާއި މިދިޔަ އަހަރުން ފެށިގެންވެސް އޭނާ ކްލަބުގައި ހުރުމަށް ބޭނުން ނުވާ ބަޔަކު ބޯޑުގައިވެސް ތިބި ކަމަށެވެ. އަދި މިހާރުގެ ކޯޗު އެރިކް ޓެން ހާގަށާއި ކުރީގެ ކޯޗު ރާފް ރަންގްނިކަށް އިހުތިރާމް ނުކުރާ ކަމަށްވެސް ރޮނާލްޑޯ ބުންޏެވެ.
ޔުނައިޓެޑްގެ އެއްބަސްވުމުގައި ހުރެ ރޮނާލްޑޯ އެވާހަކަތައް ދެއްކުމާ ގުޅިގެން ޔުނައިޓެޑުން ބުނީ އެ މައްސަލަ ބަލައި، ފިޔަވަޅު އަޅަން މަސައްކަތް ކުރަމުންދާ ކަމަށެވެ. ޔުނައިޓެޑުން އަޅާނެ ފިޔަވަޅުގެ ތަފުސީލު އަދި ހާމަކޮށްފައި ނުވާ އިރު، މީޑިއާތަކުން ބުނެފައި ވަނީ ޔުނައިޓެޑުން މަސައްކަތް ކުރަމުންދަނީ ރޮނާލްޑޯގެ އެއްބަސްވުން އުވާލުމަށް ކަމަށެވެ.
ރޮނާލްޑޯ މިވަގުތު ޕޯޗުގަލް ގައުމީ ޓީމާއެކު ގަތަރު ވޯލްޑް ކަޕަށް ތައްޔާރުވަމުންދާ އިރު، ނޫސްތަކުން ބުނެފައި ވަނީ ވޯލްޑް ކަޕް ކުރިންވެސް ފިޔަވަޅު އަޅަން ޔުނައިޓެޑުން ތައްޔާރުވާ ކަމަށެވެ. އެގޮތުން ކޯޗު އެރިކް ޓެން ހާގު ބޭނުންވަނީ ވީ އެންމެ އަވަހަކަށް ރޮނާލްޑޯއަށް ފިޔަވަޅު އަޅަން ކަމަށް ނޫސްތަކުން ބުނެފައިވާ އިރު، މިހާރު ކުރަމުންދަނީ ގާނޫނީ މަސައްކަތްތަކެއް ކަމަށްވެސް ނޫސްތަކުން ބުނެފައިވެއެވެ.
ރޮނާލްޑޯއަކީ ޕްރިމިއާ ލީގުގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާއެވެ. އޭނާގެ އެއްބަސްވުމުގައި ފައިސާގެ މަސްލަހަތު ހިމެނޭ ގިނަ ބައިތަކެއް ހިމެނިފައިވާ އިރު، އެއްބަސްވުން އުވާލާނަމަ، ގާނޫނީ ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހޭނެއެވެ.
އުމުރުން 37 އަހަރުގެ ރޮނާލްޑޯ ކެރިއަރުގައި 700 އަށްވުރެ ގިނަ ގޯލު ޖަހާފައިވެއެވެ. އޭނާއަކީ ގައުމީ ޓީމަށްވެސް ރެކޯޑު 117 ގޯލު ޖަހައިދީ ފަސް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ ކުޅުންތެރިއެކެވެ. ކެރިއަރުގެ ފަހު ދުވަސްކޮޅަށް ރޮނާލްޑޯ ގޮސްފައިވާ އިރު، އޭނާ އަދިވެސް ބޭނުން ވަނީ ގިނަ ދުވަސްތަކެއް ވަންދެން ޓޮޕް ލެވެލްގައި ކުޅެން ކަމަށް މީގެ ކުރިން ތަކުރާރުކޮށް ބުނެފައިވެއެވެ. އެގޮތުން ޕިއާސް މޯގަންގެ އިންޓަވިއުގައިވެސް އޭނާ ބުނީ އުމުރުން 40 އަހަރު ވަންދެން ކުޅެން ބޭނުންވާ ކަމަށެވެ.
އެހެން ނަމަވެސް ޕޯޗުގަލްއަށް ވޯލްޑް ކަޕް ލިބިއްޖެ ނަމަ، ރިޓަޔާވާނެ ކަމަށްވެސް ރޮނާލްޑޯ ބުނެފައިވެއެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ