ފުލުހުން މާލެ އާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި 13 ކިލޯގެ މަސްތުވާތަކެއްޗާ އެކު ހަ ލައްކައަށްވުރެ ގިނަ ރުފިޔާ އަތުލައިގެންފިއެވެ.
ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އެންޑް ޑްރަގް އެންފޯސްމެންޓް ޓީމުން ރޭ ހިންގި އޮޕަރޭޝަނެއްގައި 13.56 ކިލޯގެ މަސްތުވާތަކެއްޗާއި 644،020 ރުފިޔާ އަތުލައިގެންފައިވާ ކަމަށެވެ.
އެތަކެތި އަތުލައިގެންފައިވަނީ މާލޭގެ ދެ ގެއަކުންނާއި ހުޅުމާލޭގެ ގެސްޓްހައުސަކުން ކަމަށް ސީޕީ ވިދާޅުވިއެވެ.
މާލެ ސަރަހައްދުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވާ އިރު، މިދިޔަ މަހާއި މި މަހު ފުލުހުން ވަނީ ގދ. ހޯނޑެއްދޫގައި ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ،
އެގޮތުން އެ އޮޕަރޭޝަންގައި ހޯނޑެއްދޫންނާއި އެރަށު ކައިރި ފަޅު ރަށެއްގައި ފޮރުވާފައި ހުއްޓައި ފުލުހުން ވަނީ 82 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައެވެ. އެ މައްސަލައިގައި ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން އެކަކު ކަމަށްވާ އަބްދުﷲ ރަޝީދު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ވަގުތު މެޔަށް ތަދެއް އެރުމަށް ފަހު މަރުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު