ވ. އާރަށުގައި ރިސޯޓެއް ތަރައްގީ ކުރަން އެރަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް މާދަމާ ބޭއްވުމަށް ކުރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

ކުރިމިނަލް ކޯޓުން ޔާމީނުގެ މައްސަލަ ތާވަލުކޮށްފައިވަނީ ހެނދުނު 9:30 އަށެވެ.

އާރަށުގައި ރިސޯޓެއް ތަރައްގީ ކުރަން އެރަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ.

މި މައްސަލައިގެ ދައުވާގައި ބުނެފައިވަނީ ރިސޯޓެއް ގޮތުގައި ތަރައްގީކުރުމަށް އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15.3 މިލިއަން ރުފިޔާ) ޔާމީންގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގެ ދައުލަތުން ވަނީ ޔާމީންގެ މައްޗަށް ކުށް ސާބިތުކުރުމަށް ހެކި ހުށަހަޅައި ނިންމައިފައެވެ. މިހާރު ކުރިއަށްދަނީ ޔާމީންގެ ފަރާތުން ދިފާއުގައި ހެކި ހުށަހެޅުމުގެ މަރުހަލާއެވެ. އެންމެ ފަހުން ބޭއްވި ޝަރީއަތްތަކުގައި ވެސް ވަނީ ޔާމީންގެ ފަރާތުން ހުށަހަޅާފައިވާ ދިފާއީ ހެކިންގެ ހެކިބަސް ނަގައިފައެވެ.

އެގޮތުން މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ދެ މެމްބަރުން ކަމަށްވާ މުހައްމަދު ޝާހިދު (ޝާޑު) އާއި މުހައްމަދު އިސްމާއިލް ހާޒިރުކޮށް ހެކިބަސް ނަގާފައިވެއެވެ. އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ޔާމީންގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ސައީދާއި ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު ޒުހޫރު ވަނީ ހެކިބަސް ދެއްވައިފައެވެ.

އާރަށުގެ މައްސަލައިގައި ދައުލަތުން ދެން ދައުވާ އުފުލާފައިވަނީ ކުރީގެ މަޖިލިސް މެމްބަރު ޔޫސުފް ނައީމްގެ މައްޗަށެވެ. ޔޫސުފް ނައީމަށް ދައުލަތުން ކުރަނީ ރިޝްވަތު ދިނުމުގެ ދައުވާއެވެ. އޭނާގެ ޝަރީއަތްވެސް މާދަމާ ހެނދުނު 9:30 އަށް ކުރިމިނަލް ކޯޓްގައި ވަނީ ތާވަލުކޮށްފައެވެ.