ޚަބަރު

އިތުރު މަގާމުތަކާއި އިންޓަނެޓް ސްޕީޑް މަތިކުރަން ބޭނުންވާ ފައިސާއާއެކު އިތުރު 220.9 މިލިޔަން ބޭނުންވޭ: ޑީޖޭއޭ

އިބްރާހިމް ޒަކީ

ކޯޓުތަކުގައި އިތުރު މަގާމުތައް އުފެއްދުމަށާއި އިންޓަނެޓްގެ ސްޕީޑް މަތި ކުރުމަށް ބޭނުންވާ ފައިސާއާ އެކު ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ އަންނަ އަހަރުގެ ބަޖެޓަށް އިތުރު 220.9 މިލިޔަން ރުފިޔާ ބޭނުންވާ ކަމަށް އެ ފަރާތުން ބަޖެޓް ކޮމިޓީގައި ބުނެފިއެވެ.

އަންނަ 2023 ވަނަ އަަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ، ބަޖެޓް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައިޝަތު ރިޒުނާ ވިދާޅުވީ ޑީޖޭއޭއަށް ދޭން ދައުލަތުގެ ބަޖެޓްގައި މިހާރު ހިމަނާފައިވާ 579 މިިލިޔަން ރުފިޔާއަކީ މުޅި ޖުޑީޝަލް ދާއިރާގެ އިދާރާތަކާއި ކޯޓުތަކުގެ ހަރަދުތައް ހިންގުމަށް ބަލާއިރު ހިތްހަމަޖެހޭ އަދަދެއް ކަމަށެވެ.

ނަމަވެސް އިތުރު ކަންތައްތަކަށް، 220.9 މިލިޔަން ރުފިޔާ ބޭނުންވާ ކަމަށްވެސް ވިދާޅުވިއެވެ.

ތަފްސީލް ދެއްވަމުން ޑީޖޭއޭގެ ޑައިރެކްޓާ މުހައްމަދު އަލީ ވިދާޅުވީ، ބަޖެޓަށް އިތުރަށް ފައިސާ ބޭނުންވަނީ، ކޯޓުތަކުގައި އިތުރު މަގާމުތައް އުފައްދަން 25 މިލިޔަން ރުފިޔާ އާއި އިންޓަނެޓް ސްޕީޑް މަތިކުރަން އިތުރަށް ބޭނުންވާ 15 މިލިޔަން ރުފިޔާ އާއި މެޖިސްޓްރޭޓް ކޯޓުތަކުގެ ސެކިއުރިޓީ ހަރުދަނާ ކުރަން ބޭނުން 3.6 މިލިޔަން ރުފިޔާ ކަމަށެވެ.

އޭގެ އިތުރުން މިހާރު ކުރިއަށްދާ ޕީއެސްއައިޕީ ޕްރޮޖެކްޓްތަކާއި އަލަށް ފަށާ ޕްރޮގްރާމްތަކަށް 171 މިލިޔަން ރުފިޔާ ބޭނުންވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.