މެންޗެސްޓާ ޔުނައިޓެޑާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގެ މައްޗަށް ކްރިސްޓިއާނޯ ރޮނާލްޑޯ ފުރަތަމަ ފަހަރަށް ވާހަކަ ދައްކައިފިއެވެ.
ޔުނައިޓެޑާ ރޮނާލްޑޯއާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކަށް އޭނާ ވާހަކަ ދައްކާފައި ވަނީ އެކަމަށްޓަކައި، މަޝްހޫރު ޖާނަލިސްޓް އަދި ޓީވީ ހޯސްޓް ޕިއާސް މޯގަންއަށް ދިން އެކްސްކްލޫސިވް އިންޓަވިއުއެއްގައެވެ. އެ އިންޓަވިއުއަކީ ދެ އެޕިސޯޑެއްގެ އިންޓަވިއެއް ކަމުން، ރޭ އޮންއެއާ ކޮށްފައި ވަނީ އިންޓަވިއުގެ ފުރަތަމަ ބައެވެ. އެބައިގައިވެސް ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް ވަރަށް ބޮޑަށް ފާޑު ކިޔައި، އެ ކްލަބަށް އެންމެފަހުން ކޯޗުކަން ކޮށްދިން ކޯޗުންނަށް އިހުތިރާމު ނުކުރާ ކަމަށް ބުނެފައެވެ.
ރޮނާލްޑޯ މި ސީޒަން ފެށުމުގެ ކުރިން ޔުނައިޓެޑް ދޫކޮށްލަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުވެފައި ނުވާ އިރު، އޭނާ ކްލަބުގެ ޕްރީ ސީޒަނުގައި ބައިވެރިވެފައެއް ނުވެއެވެ. އެހެންކަމުން ކޯޗު އެރިކް ޓެން ހާގު އޭނާ ގިނަ މެޗުތަކުގައި ބެންޗުގައި ބޭނުން ކޮށްފައިވާ އިރު، ދާދިފަހުން ޓެން ހާގު ރޮނާލްޑޯއަށް އަދަބު ދިނީ އަރަން ބުނުމުންވެސް ނާރާއި، ޑްރެސިން ރޫމަށް ދިޔަ މައްސަލައެއްގައެވެ.
އެފަހަރު އަދަބު ދިނުމުގެ ގޮތުން މެޗުގެ ސްކޮޑުން ރޮނާލްޑޯ ބޭރުކޮށްފައި ވާއިރު، އެސްޓޮންވިލާއާ ދެކޮޅަށް ކެޕްޓަން ބޭންޑްގައި ނުކުތް މެޗަށްފަހު އެންމެފަހުން ޔުނައިޓެޑް ކުޅުނު ދެމެޗުގައިވެސް ރޮނާލްޑޯ ކުޅެފައެއް ނުވެއެވެ. ސަބަބަކީ ބަލިވެ އުޅޭތީ ކަމަށް ރަސްމީކޮށް ޔުނައިޓެޑުން ބުނި ނަމަވެސް ވީ ކޮން ބައްޔެއް ކަމެއް އަދި ނޭނގެއެވެ.
ކުއްލިއަކަށް ރޮނާލްޑޯ މީޑިއާއަށް ދޫކޮށްލި އިންޓަވިއުއާއެކު އެތައް ބައެއްގެ ސަމާލުކަން ހުއްޓިފައެވެ. ރޮނާލްޑޯ އިންޓަވިއުގައި ފުރަތަމަވެސް ބުނީ ކްލަބުން އޭނާއަށް ބޭވަފާތެރިވެފައިވާ ކަމަށެވެ.
"ކްލަބުން އަހަންނަށް ބޭވަފާތެރިވެއްޖެ. މިދިޔަ އަހަރުން ފެށިގެންވެސް އަހަރެން މި ކްލަބުގައި ހުރުމަށް ބޭނުން ނުވާ ބަޔަކު އެބަތިބި. އަހަރެން ޓެން ހާގަށް އިހުތިރާމެއް ނުކުރަން. އެއީ އޭނާ އަހަންނަށް އިހުތިރާމް ނުދޭތީ. އަހަރެން މި ވާހަކަތައް އޮޅުވާލާކަށް ބޭނުމެއް ނުވޭ. ޔުނައިޓެޑް ސަޕޯޓަރުންނަށް ތެދު ހަގީގަތް އެނގެން ޖެހޭ. އަހަރެން އެދެނީ ކްލަބަށް އެންމެ ރަނގަޅު ގޮތަށް،" ރޮނާލްޑޯ ބުންޏެވެ.
މިދިޔަ ސީޒަނުގައި ރޮނާލްޑޯގެ ދަރިފުޅު މަރުވުމުން ޖެހިގެން އައި މެޗުގައި ލިވަޕޫލް ސަޕޯޓަރުން އޭނާއަށް ދިން ހިތްވަރުވެސް އިންޓަވިއުގައި ފާހަގަ ކޮށްފައިވާ އިރު، ރޮނާލްޑޯ ބުނީ މެންޗެސްޓާ ސިޓީއަށް ދާން އެއްބަސްވެފައި އޮއްވައި، އަލުން ޔުނައިޓެޑަށް ދިޔައީ ސާ އެލެކްސް ފާގަސަންގެ ފޯން ކޯލުން ކަމަށެވެ. ފާގަސަންއަކީ އެއްވިސްނުމެއް ގެންގުޅޭ ކޯޗެއް ކަމަށް ރޮނާލްޑޯ ބުނެފައިވާ އިރު، އޭނާ ބުނީ ފާގަސަންގެ ފަހުން ޔުނައިޓެޑަށް ހެޔޮ ބަދަލެއް ނާންނަ ކަމަށެވެ.
"ފާގަސަންގެ ފަހުން ޔުނައިޓެޑުން ރަނގަޅަކަށް ކުރި އެއްވެސް ކަމެއް ފެންނާކަށް ނެތް. ޔުނައިޓެޑްގެ ސަޕޯޓަރުންނަށް އިންތިހާއަށް ލޯބި ދެމުންވެސް ބުނަން ބޭނުންވަނީ ކްލަބު ހެޔޮ މަގަށް އަޅުވަން ވަރަށް ގިނަ ކަންކަން ބަދަލުކުރަން ޖެހޭކަމަށް. އެހެން މީހުނަށް އެ މަންޒަރު ނުފެނުނަސް ފާގަސަންއަށް އެ މަންޒަރު ސިފަވާނެ. ފާގަސަން ފަހުން ކަންކަން ރަނގަޅުކުރަން އަހަރެން ފުރަތަމަ ހުރި ސީޒަނުގައި ކޯޗަކަށް މި ގެނައީ ރަންގްނިކް. އެއީ ކޯޗެއްވެސް ނޫން. ޔުނައިޓެޑްގެ ކޯޗަކަށް ކޯޗެއް ނޫން، ނުވެސް ދަންނަ މީހެއް ގެނައުމުން އެ ހެދަނީ ގޯސް،" ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯގެ އިންޓަވިއުގައި ދާދިފަހުން އޭނާއަށް ފާޑު ކީ ވޭން ރޫނީއަށްވެސް ރައްދު ދީފައިވެއެވެ. ރޮނާލްޑޯ ޔުނައިޓެޑްގައި އަމަލުކުރަމުންދާ ގޮތަކީ އިހުތިރާމު ކުޑަ، ބަލައިގަންނަން ދަތި ގޮތްތަކެއް ކަމަށް ރޫނީ ބުނެފައިވުމާއެކު ރޮނާލްޑޯ ބުނީ "ރޫނީ އެހެން ކިޔަނީ ކެރިއަރު ނިމިފައިވާތީ،" ކަމަށެވެ. އޭގެ އިތުރުން ރޫނީގެ ސިފައަށްވެސް ރޮނާލްޑޯ ވަނީ ސަމާސާ ރާގަކަށް ޖޯކު ޖަހައިލައިފައެވެ.
އުމުރުން 37 އަހަރުގެ ރޮނާލްޑޯ ކެރިއަރުގައި 700 އަށްވުރެ ގިނަ ގޯލު ޖަހައިފައިވެއެވެ. އޭނާއަކީ ގައުމީ ޓީމަށްވެސް ރެކޯޑު 117 ގޯލު ޖަހައިދީ ފަސް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ ކުޅުންތެރިއެކެވެ. ކެރިއަރުގެ ފަހު ދުވަސްކޮޅަށް ރޮނާލްޑޯ ގޮސްފައިވާ އިރު، އޭނާ އަދިވެސް ބޭނުން ވަނީ ގިނަ ދުވަސްތަކެއް ވަންދެން ޓޮޕް ލެވެލްގައި ކުޅެން ކަމަށް މީގެ ކުރިން ތަކުރާރުކޮށް ބުނެފައިވެއެވެ. ރޮނާލްޑޯގެ ފޯކަސް މިވަގުތު ހުރީ ޕޯޗުގަލްއާއެކު ވޯލްޑް ކަޕަށެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ