އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ބްރެންޓްފޯޑުން ސިޓީ ބަލިކުރި އިރު، ލިވަޕޫލާއި ޓޮޓެންހަމްވެސް މޮޅެއް ހޯދައިފިއެވެ.
މި ހަފުތާގެ ލީގު މެޗުތަކަކީ ގަތަރު ވޯލްޑް ކަޕްގެ ކުރިން ކުޅޭ އެންމެފަހު މެޗުތަކެވެ. އަންނަ ހަފުތާއިން ފެށިގެން ކްލަބު ފުޓުބޯޅައިގެ ލީގުތައް މެދުކަނޑާލާނީ މިމަހުގެ 20 ވަނަ ދުވަހު ގަތަރުގައި ފަށާ ވޯލްޑް ކަޕަށެވެ. ވޯލްޑް ކަޕްގައި ވާދަކުރާ ޓީމުތަކުން ކުރިއަށް އޮތް ހަފުތާ ތެރޭގައި ކޭމްޕް ޖަހާނެ ކަމަށް ބެލެވެއެވެ.
ޕްރިމިއާ ލީގުގެ މި ހަފުތާގެ މެޗުތައް ފެށީ އެންމެފަހުގެ ޗެމްޕިއަން ސިޓީން ބްރެންޓްފޯޑާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުންނެވެ. އެ މެޗު އެންމެން ހައިރާން ކޮށްލައި ބްރެންޓްފޯޑުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
މެޗު ފެށިގެންވެސް ބްރެންޓްފޯޑުން ސިޓީގެ ފަހަތަށް ޕްރެސްކޮށްލައިގެން ކުޅުނު އިރު، އެޓީމުން ފުރުސަތުތައްވެސް އުފެއްދިއެވެ. މެޗުގައި ދެ ގޯލު ޖެހި، އިވާން ޓޮނޭގެ ފުރަތަމަ ހަމަލާ ސިޓީގެ ގޯލްކީޕަރު އެޑަސަން މަތަކުރި އިރު، އޭނާ ފުރަތަމަ ގޯލު ޖެހީ 16 ވަނަ މިނެޓުގައި ބޮލުންނެވެ.
ސިޓީން މެޗަށް އަނބުރާ ވަނުމަށް ހިތްވަރު ހޯދީ ހާފު ނިމެން ދަނިކޮށް ފިލް ފޮޑެން ޖަހައިދިން ގޯލުންނެވެ. އެ ގޯލާއެކު ސިޓީން ނަތީޖާ އަނބުރާލާނެ ކަމަށް ބެލެވުނު ނަމަވެސް ފަހު މިނެޓުގައި ޓޮނޭ ބްރެންޓްފޯޑު މޮޅުކޮށްދިނެވެ.
ޓޮނޭ މެޗުގައި މޮޅަށް ކުޅެ ދެ ގޯލު ޖަހާފައިވާ އިރު، އެއީ އޭނާ އިންގްލެންޑް ކޯޗު ގެރެތު ސައުތުގޭޓަށް ދިން މެސެޖެއް ކަމަށް ބެލެވިދާނެއެވެ. އިއްޔެ އިންގްލެންޑްގެ ވޯލްޑް ކަޕް ސަކޮޑު އިއުލާން ކޮށްފައިވާ އިރު، ޓޮނޭއަށް ޖާގަ ދީފައެއް ނުވެއެވެ.
ލިވަޕޫލުން ކުޅުނު މެޗުގެ ފުރަތަމަ ކޮޅުގައި އެޓީމަށް ލީޑު ނަގައިދިނީ ރޮބާޓޯ ފިރްމީނޯއެވެ. ބްރެޒިލްގެ ސްކޮޑުން ޖާގަ ނުލިބުނު ފިރްމީނޯ އެ ގޯލު ޖަހައި ލިވަޕޫލަށް ލީޑު ނަގައިދިން ނަމަވެސް، އޭގެ ތިން މިނެޓް ފަހުން ސައުތުހެމްޓަންއިން އެއްވަރު ކުރިއެވެ. އެ ގޯލަކީ ޗޭ އެޑަމްސް ޖަހައިދިން ގޯލެކެވެ.
ލިވަޕޫލުން މެޗު އަނބުރާލުމަށް އެންމެ މުހިއްމު ދައުރެއް އަދާކުރީ އުރުގުއާއީގެ ފޯވަޑް، ޑާވިން ނުނޭޒެވެ. އޭނާ ވަނީ ހާފު ނިމުމުގެ ކުރިން ދެ ގޯލު ޖަހައި މެޗުގެ ނަތީޖާ އަނބުރާލައިފައެވެ. މި ސީޒަނަށް ލިވަޕޫލާ ގުޅުނު ނުނޭޒް މަޑުމަޑުން ފޯމަކަށް އެޅެމުންދާ އިރު، އޭނާ މިއަހަރުގެ ކުރީ ބައިގައި ކުޅުނީ ބެނިފީކާއަށެވެ. ބެނިފީކާއަށް ކުޅުނު މެޗުތަކާ ލައިގެން ނުނޭޒް މިއަހަރު ލީގުގައި ކުޅުނު 25 މެޗުން 18 ގޯލު ޖަހާފައިވެއެވެ.
ޓޮޓެންހަމުން ލީޑްސްއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗު ދިޔައީ ފޯރިގަދަ ކޮށެވެ. ކްރައިސެންސިއޯ ސަމާވިލާގެ ގޯލުން ލީޑްސް ލީޑު ނެގި އިރު، ޓޮޓެންހަމަށް ފުރަތަމަ ފަހަރަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ހެރީ ކޭންއެވެ. އޭގެ ފަހުން އަނެއްކާވެސް ހާފު ނިމެން ދަނިކޮށް، 43 ވަނަ މިނެޓުގައި ރޮޑްރީގޯ ލީޑްސްއަށް އަލުން ލީޑު ނަގައިދިނެވެ.
އެ ގޯލާއެކު ލީޑްސްއިން ލީޑުގައި ހާފު ނިންމާލި ނަމަވެސް، ދެވަނަ ހާފު ފެށިގެން ފަސް މިނެޓް ތެރޭގައި ބެން ޑޭވިސް ޓޮޓެންހަމަށް އަނެއްކާވެސް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. ޓޮޓެންހަމަށް ފަހަތުން އަރައި ލީޑު ނުނެގިގެން އުޅެނިކޮށް 76 ވަނަ މިނެޓުގައި ރޮޑްރީގޯ ލީޑްސްއަށް ތިންވަނަ ފަހަރު ލީޑު ނަގައިދިން ނަމަވެސް، ރޮޑްރީގޯ ބެންޓަންކޫރް ވަނީ ފުލުފުލުގައި ދެ ގޯލު ޖަހައި ޓޮޓެންހަމް މޮޅުކޮށްދީފައެވެ.
މެޗުގައި ލީޑްސްގެ ޓައިލާ އެޑަމްސްއަށް ރަތް ކާޑުވެސް ދައްކާފައިވެއެވެ. އެ ރަތްކާޑު ފެނިގެން ދިޔައީ 87 ވަނަ މިނެޓުގައެވެ.
ސިޓީ މިރޭ ބަލިވުމާއެކު އާސެނަލަށް ވަނީ އެއްވަނައިގައި ހަމަޖެހިލަން ފުރުސަތު ލިބިފައެވެ. އެޓީމަށް 13 މެޗުން 34 ޕޮއިންޓް ލިބިފައިވާ އިރު، ސިޓީއަށް 14 މެޗުން ލިބިފައި ވަނީ 32 ޕޮއިންޓެވެ. ލިވަޕޫލުން ކުޅުނު 14 މެޗުން 22 ޕޮއިންޓް ހޯދާފައިވާ އިރު، އެޓީމު އޮތީ ހަވަނައިގައެވެ. ޓޮޓެންހަމް ތިންވަނައިގައި އޮތީ ކުޅުނު 15 މެޗުން 29 ޕޮއިންޓާ އެކުގައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު