ރާއްޖެއިން ކޮވިޑު ބަލީގައި އިތުރު މީހަކު މަރުވެއްޖެއެވެ.
މިއީ މި މަހު ކޮވިޑުގައި މަރުވި ފަސް ވަނަ މީހާއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ އުމުރުން 84 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާއަކީ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް ރޭގެ ވަގުތެއްގައި މަރުވި މީހެއްކަންވެސް ވަނީ އެނގިފައެވެ.
ގުރައިދޫ މަރުކަޒުގެ ބެލުމުގެ ދަށުގައި ތިބި އުމުރުން 46 އަހަރުގެ އަންހެނަކާއި 86 އަހަރުގެ ފިރިހެނަކު ވަނީ ހުޅުމާލޭ ފެސިލިޓީގައި ފަރުވާ ދެމުން އަންނަނިކޮށް މި މަހު މަރުވެފައެވެ. މި ދެ މީހުންވެސް މަރުވެފައި ވަނީ މި މަހުގެ ތިން ވަނަ ދުވަހުއެވެ.
އޭގެ އިތުރުން ހަރަކާތެއް ނެތިގެން މި މަހުގެ ހަތް ވަނަ ދުވަހު އޭޑީކޭ ހޮސްޕިޓަލުގެ އެމަޖެންސީއަށް ގެންދިޔަ 82 އަހަރުގެ އަންހެނަކު މަރުވެފައިވާއިރު، އޭނާ ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އެރޭގެ ވަގުތެއްގައި މަރުވެގެން ހުޅުމާލޭ ހޮސްޕިޓަލުގެ އިމަޖެންސީއަށް ގެންދިޔަ 87 އަހަރުގެ ފިރިހެނަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
މި މަރުތަކާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 312 އަށް އަރައިފައެވެ. އެއީ 293 ދިވެހިންނާއި 19 ބިދޭސީންނެވެ.