ޚަބަރު

ނިރުފެހިގެ ތަޅާލުމުގެ މަސައްކަތް ފަށައިފި

މުހައްމަދު އިޝާން

މިދިޔަ ބުދަ ދުވަހުގެ ރޭ އަލިފާނުގެ ހާދިސާއެއް ހިނގި މ. ނިރުފެހިގެ ތަޅާލުމުގެ މަސައްކަތް ފަށައިފިއެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނީ، މ. ސެންޑްރޯޒްގެ ހުޅަނގުބައި (ނިރުފެހި)ގެ ސާފުކޮށް ތަޅާލުމުގެ މަސައްކަތް އެ މިނިސްޓްރީގެ ވޯކާސް ސާވިސް ޑިޕާޓްމެންޓުން ކުރަމުންދާ ކަމަށެވެ.

ނިރުފެހިގެ ތަޅާލުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން ފަށާފައިމިވަނީ، އަލިފާން ރޯވުމުގެ މައްސަލައިގެ ތަހުގީގަށް ފުލުހުން އެތަނުން އެއްކުރަން ޖެހޭ މައުލޫމާތު އެއްކޮށް ނިމުމުންނެވެ.

ނިރުފެހިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ 12:27 ހާއިރެވެ. ރޯވި އަލިފާންގަނޑު ކޮންޓްރޯލުކުރެވިފައިވަނީ އެރޭ 2:00 ގެ ފަހުންނެވެ.

އެ އަލިފާނުގެ ހާދިސާގައި ދިހަ މީހަކު ވަނީ މަރުވެފައެވެ. ނިރުފެހިގޭގެ ގްރައުންޑް ފްލޯގައި ގަރާޖެއް ހިންގާ އިރު، މަތީ ދެ ފްލޯއަކީ ބިދޭސީން ދިރިއުޅޭ އެކޮމެޑޭޝަން ބްލޮކުތަކެވެ. އަލިފާނުގެ ހާދިސާގައި މަރުވެފައިވަނީ އެތަނުގައި ތިބި މީހުންނެވެ.

ފުލުހުން މިއަދު ބުނީ، އެ ހާދިސާގައި މަރުވި ދިހަ މީހުންގެ ތެރެއިން މިހާތަނަށް ނުވަ މީހަކު ދެނެގަނެވިފައިވާ ކަމަށާއި އެއީ އިންޑިއާގެ ހަތަރު ފިރިހެނަކާއި ތިން އަންހެނުންނާއި ބަންގުލަދޭޝް އަންހެނަކާއި ފިރިހެނެއް ކަމަށެވެ. އަދި މިހާތަނަށް ދެނެގަނެވިފައިނުވަނީ ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިއްޔެ ބުނެފައިވަނީ އަލިފާނުގެ ހާދިސާގެ ސަބަބުން ހާލުގައި ޖެހުނު ހަތަރު ގޭބިސީއެއްގެ 35 ދިވެހިންނާއި ނިރުފެހިގެއިން ސަލާމަތްކުރި 28 ބިދޭސީން އަދި ހަތް ކުޑަކުއްޖަކު އެ އިދާރާގައި ރަޖިސްޓަރީކޮށްފައިވާ ކަމަށެވެ.