އެއް ޖިންސުން ގުޅުން ހިންގި މައްސަލައެއްގައި ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލްމްގީރް އިތުރު ނުވަ މަހަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ދައުލަތުން އަލަމްގީރްގެ މައްޗަށް އުފުލާފައިވާ އެއްޖިންސުން ގުޅުން ހިންގި މައްސަލައިގެ ހަ ދައުވާއަކަށް އޭނާ އިއުތިރާފުވެފައިވާތީ މިއަދު ވަނީ އެ މައްސަލަތަކުގެ ހުކުމް އިއްވައިފައެވެ.
އެ ހުރިހާ ދައުވާއަކަށް އަލަމްގީރް އިއުތިރާފުވެފައިވާތީ އޭނާ ނުވަ މަހަށް ޖަލަށްލުމަށް ހުކުމްކުރާ ކަމަށް ކުރިމިނަލް ކޯޓުން ބުންޏެވެ.
އަލަމްގީރްގެ މައްޗަށް ދައުލަތުން އުފުލާފައިވާ 40 ދައުވާއަކަށް އިއުތިރާފުވެފައިވާތީ އޭނާ މިހާރު ގެންދަނީ ދެ އަހަރާއި ނުވަ މަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. ދައުލަތުން އަލަމްގީރްގެ މައްޗަށް އުފުލާފައިވަނީ އޮރިޔާން ކާޑު ހެދުމުގެ 40 ދައުވާއެކެވެ. މީގެ އިތުރުން އޭނާ އަންނަނީ އެއް ޖިންސުން ގުޅުން ހިންގި މައްސަލަތަކެއްގެ ދައުވާއަށް އިއުތިރާފުވެފައިވާތީ ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.
އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ގާނޫނީ ވަކީލު ނާޒިމް ސައްތާރާއި ޑީއާރުޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދުގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ އަބްދުއްރަހްމާން ރަފީއު ހައްޔަރު ކުރިއެވެ. އަދި އެމީހުންގެ ތެރެއިން ނާޒިމާއި ރަފީއުގެ މައްޗަށް ކުށް ސާބިތުވެ ވަނީ ހުކުމް އިއްވައިފައެވެ. ނަޝީދުގެ މައްސަލަ އަދި އޮތީ ޝަރުއީ މަރުހަލާގައެވެ.
އެގޮތުން ނާޒިމް ތިން މަހާއި 26 ދުވަހަށް ގޭ ބަންދުކުރަން ހުކުމް ކޮށްފައިވާ އިރު، ރަފީއު އެއް އަހަރާއި އެއް މަހާއި 28 ދުވަހަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.
މީގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސާވިސް (އެމްސީއެސް)ގެ ދެ އޮފިސަރަކު އަލަމްގިރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައެއް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އެ ދެ މީހުން މިހާރު ވަނީ ކަސްޓަމްސް އިން ސަސްޕެންޑްކޮށްފައެވެ.
އަލްމްގީރް ވަނީ އޭނާއެކު އެއްޖިންސުން ގުޅުން ހިންގި މީހުން ވީޑިއޯ ކޮށްފައެވެ. އެ ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރި މައްސަލައެއްގެ ތުހުމަތަށް އަލަމްގީރު، "ބޮސް"ގެ ނަމުން މުހާތަބުކުރާ ބ. ދަރަވަންދޫ، އަކިރި، ހަމްދޫން އަބްދުﷲ އާއި އެ ރަށު ހީމަ، މުހައްމަދު މިހާދު މުސްތޮފާ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އެ ދެ މީހުން އަދިވެސް ތިބީ ފުލުހުންގެ ބަންދުގައެވެ.
ބްލްކެމެއިލް ކުރި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ގާނޫނީ ވަކީލެއް ކަމަށްވާ މައުމޫން މޫސާ ވެސް ހައްޔަރުކޮށްފައެވެ. ނަމަވެސް ކުރިމިނަލް ކޯޓުން އަމުރުކުރީ އޭނާ ބަންދުން ދޫކޮށްލުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު