ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި، ދައުލަތުން ވަގަށް ނެގި ފައިސާ ހޯދަންޖެހޭ ކަމަށާއި ނަމަވެސް އެކަމަށް ތުހުމަތު ކުރެވޭ މީހާ ހުންނަނީ ބާރަށް އަޑުގަދަކޮށް އެކި ތަންތަނަށް ދުވެ ދުވެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެނތި ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ، އަންނަ 2023 ވަނަ އަހަރަށް ލަފާކޮށް، ރައްޔިތުންގެ މަޖިލީހަށް ދައުލަތުން ހުށަހެޅި ބަޖެޓް ބަހުސްގައި، ބަޖެޓް ދަރަނި ފޫބެއްދުމަށް އޮތް ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ވާހަކަދައްކަވަމުންނެވެ.

ނާޒިމް ވިދާޅުވީ 2023 އަށް ސަރުކާރުން ހުށަހަޅާފައި ވަނީ ދަރަނި ބަޖެޓެއް ކަމަށާއި ނަމަވެސް ދިވެހި ރައްޔިތުންނަށް އަބަދު ދަރަނީގެ ތެރޭގައި އުޅެވެން ނެތް ކަމަށެވެ. އަދި ކޮވިޑުގެ ހާލަތުން ރާއްޖެ އަރައިގަންނަންދާ އިރު، އަންދާޒާ ކުރި ވަރުގެ ނަފާއެއް ލިބިފައިނުވާ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެކި ފަރާތްތަކުން ލިބޭ އެހީގެ ފައިސާ އިން ބަޖެޓް ފޫބައްދާނެ ކަމަށް ބަޖެޓުގައި ހިމަނާފައިވީ ނަމަވެސް އެފަދަ ހިލޭ އެެހީއެއް ލިބޭތަން ނުފެންނަ ކަމަށެވެ. އަދި ދުނިޔޭގެ އިގުތިސާދީ ހާލަތު މިހާރު އޮތް ގޮތުން ދުނިޔޭގެ އެއްވެސް އިންސްޓިޓިއުޝަނަކުން އެފަދަ އެހީއެއް ދޭނެ ކަމަށް ނުބެލެވޭ ކަމަށްވެސް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، ބަޖެޓުގެ ދަރަނި ފޫބެއްދުމަށް ޓެކްސް ބޮޑުކުރަން ނިންމާފައިވާއިރު، އެކަމުން ލިބޭނެ ކަމަށް އަންދާޒާ ކުރަނީ 2.4 ބިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް ކުއްލިއަކަށް ޓެކްސް ބޮޑުކުރުމަކީ ހުރިހާ ފަރާތްތަކަށް އޮތް ކަންބޮޑުވުމެއް ކަމަށާއި އޭގެ ބަދަލުގައި އެކި ގޮތް ގޮތުން ދައުލަތަށް ލިބެން އޮތް އާމްދަނީ ހޯދުމަކީ ބަޖެޓް ދަރަނި ފޫބެއްދުމަށް މާފަސޭހަވާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.

އެގޮތުން ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ވަރަށް ގިނަ ފައިސާ ވަގަށް ނެގި ކަމަށާއި ނަމަވެސް އެ ފައިސާ ހޯދަން މި ސަރުކާރުން ކުރާ މަސައްކަތެއް ނުފެންނަ ކަމަށް ވިދާޅުވިއެވެ.

"މި ސަރުކާރު އަޅުގަނޑުވެސް ބައިވެރިވެގެން ގެނައީ، ދިވެހިރާއްޖޭގެ ބައިތުލްމާލުން ގެއްލިފައި ހުރި ފައިސާ ހޯދާނެ ކަމުގެ ޔަގީންކަން ދިނީމަ، އަޅުގަނޑު އޭރު އޮތީ ޖަލުގައި، ނަމަވެސް އަޅުގަނޑަށް ހެޔޮ އެދޭ މީހުންނާއި އާއިލާ މީހުން މަސައްކަތް ކޮށްގެން މި ސަރުކާރު ގެނައީ،" ނާޒިމް ވިދާޅުވިއެވެ.