އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި މިނިސްޓާ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަހްމަދު މަހްލޫފްގެ މައްޗަށް ކުރާ ދައުވާގެ މިއަދުގެ ޝަރީއަތް ކެންސަލް ކޮށްފިއެވެ.

މަހުލޫފުގެ ޝަރީއަތް ގެންސަލް ކުރީ ޕީޖީ އޮފީހުން އެދިގެންނެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ފުލުހުންނާއި ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ އާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަނުން ހިންގި ތަހުގީގުގައި މަހުލޫފަށް ދައުވާ ކޮށްފައިވަނީ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން، މަހްލޫފަށް ފައިސާ ދީފައިވާކަމަށް ތުހުމަތުކުރެވުނު މައްސަލައިގައެވެ.

އެ މައްސަލައައިގައި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މަހުލޫފްގެ މައްޗަށް އުފުލީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން ރިޝްވަތު ހިފުމުގެ ދައުވާއެވެ.

ޕީޖީ އޮފީހުން ބުނެފައި ވަނީ މަހުލޫފްގެ މައްޗަށް ދައުވާކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަމުގައި ހުރިއިރު، 27 އޮގަސްޓު 2014 ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު، އެސްއޯއެފްގެ އެކައުންޓުން މަހްލޫފްގެ އެކައުންޓަށް 33000 ޑޮލަރު، 01 ސެޕްޓެންބަރު 2014 ދުވަހު ޖަމާކޮށް، ރިޝްވަތު ހިފާފައިވާތީ ކަމަށެވެ.

އޭސީސީން ބުނެފައި ވަނީ އެސްއީޒެޑް ބިލް ފާސްކުރުމަށް ވޯޓު ދިނުމުގެ ގޮތުން މެލޭޝިޔާގައި ހުރުމަށްފަހު އޮގަސްޓް 27، 2014 ގައި ބޭއްވި މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެފައި ވަނީ ސީދާ މަޖިލީހުގެ ވޯޓަށް ކަމަށެވެ.

މި މައްސަލަ އަލުން ކުރިއަށް ގެންދިއުމަށް ކުރިމިނަލް ކޯޓުގައި މިއަދަށް ތާވަލު ކުރީ، މީގެ ކުރިން އެ މައްސަލަ އެ ކޯޓުން ބޭރުކޮށްލި މައްސަލަ، ހައިކޯޓަށް ހުށަހެޅުމުން މައްސަލަ ބޭރު ކޮށްލީ ގޯސްކޮށް ކަމަށް ނިންމައި އެ މައްސަލަ އަލުން ބެލުމަށް ހައިކޯޓުން އެންގުމާ ގުޅިގެންނެވެ.

އެ މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކިތަކަށް ބަލައި އެ ދައުވާ މަހުލޫފުގެ މައްޗަށް މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައި އެ މައްސަލަ ކުރިމިނަލް ކޯޓުން ބޭރު ކޮށްލީ މިއަހަރުގެ މާޗް މަހުގެ އެއްވަނަ ދުވަހުއެވެ.

ނަމަވެސް ކުރިމިނަލް ކޯޓުގެ އެ ނިންމުން ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

ހައި ކޯޓުން އެ މައްސަލަ ބެލުމަށްފަހު ނިންމާފައި ވަނީ ކްރިމިނަލް ކޯޓުން ބޭރުކޮށްލިއިރު، މަދަނީ މިންގަނޑުން ގޮތް ނިންމާފައި ވަނީ ޝަރީއަތުގެ މަރުހަލާގައި ބަލަން ޖެހޭ ކަންތައްތަކެއް ކަމަށެވެ. އެހެންވެ، އެ މައްސަލަ ބަލަން ހައި ކޯޓުން ކްރިމިނަލް ކޯޓަށް އެންގީ މާޗް 21 ގަ އެވެ.