ރިޕޯޓް

އެކްސްކްލޫސިވް: ސަލާމަތްވާން ލިބުނީ ސިކުންތުކޮޅެއް، ޖެހިގެން ހުރި ކޮޓަރީގެ މީހުން މަރުވީ ނިދާފައި ތިއްބާ!

އަލީ ޔާމިން

2

މިއީ ރޭގެ ބޮޑު އަލިފާނުގެ ހާދިސާއިން ސަލާމަތްވީ އެކެއްގެ ވާހަކަ އެވެ. ވަންއަށް އޭނާ ދިން އެކްސްކްލޫސިވް އިންޓަވިއުއެކެވެ.

ތެލުގެ ވިޔަފާރިކުރާ މެރީޑިއަމްގެ ތެޔޮ ބައުޒަރެއްގައި ޑްރައިވަރެއްގެ ވަޒީފާ އަދާކުރާ އިންޑިއާގެ އާންދްރަޕްރެދޭޝަށް އުފަން އުމުރުން 38 އަހަރުގެ އެލްލޭއޭ ގެދްދާޑާ ދުވަހުގެ މަސައްކަތް ނިންމާލުމަށްފަހު އޭނާ ދިރިއުޅޭ ކޮޓަރި ހުންނަ މ. ނިރުފެހިގެއަށް ދިޔައީ ރޭ ދިހައެއް ޖަހައި ބޮޑުވިފަހުންނެވެ. އެލްލޭއޭ އުޅެނީ ހަނިކޮށް ދިގުކޮށް ހުންނަ ތިން ބުރީގެ ނިރުފެހީގެ ފުރަތަމަ ބުރީގައެވެ. ކޮންކްރީޓުން ހަދާފައި ހުންނަ އެ ބުރީގައި އެލްލޭއޭގެ އިތުރުން އިންޑިއާގެ އަންހެނަކާއި ބަންގްލަދޭޝްގެ ދެމީހަކު އުޅެއެވެ. ނުވަފޫޓު އަށްފޫޓުގެ ހަތަރު ކޮޓަރި އެ ބުރީގައި ހުންނައިރު ކޮންމެ ކޮޓަރިއެއްގައި ފާހާނާއަކާއި ކުޑަ ކައްކާ ތަންކޮޅެއް ހުރެއެވެ. އެލްލޭއޭ އުޅެނީ އެތަނުން އެއްކޮޓަރި 2،200 ރުފިޔާއަށް ކުއްޔަށް ނަގައިގެންނެވެ. އެތަނުން އެއްކޮޓަރީގައި އެއް އާއިލާއަކަށް ނިސްބަތްވާ ބަންގްލަދޭޝްގެ ދެ ފިރިހެނުން އުޅޭއިރު އަންހެން މީހާވެސް އުޅެނީ ވަކިން ކޮޓަރިއެއްގައެވެ. އެ ބުރީގެ އެއްކޮޓަރި ހުސްކޮށް ހުރެއެވެ. ލަކުޑި ސިޑިއެއް ހުންނަ އެގެއަކީ ވަރަށް ބޮޑަށް ބެދިފައި ހުރި ގެއެކެވެ. ތިރީގައި ކާރުގެ މަސައްކަތް ކުރާ ގަރާޖެއް ހުރިއިރު، އިސްކަންދަރު މަގަށްވާ ގޮތަށް ހުރި ތިން ވަރަކަށް ފޫޓުގެ ލަކުޑި ދެތިން ކުޑަދޮރު ފިޔަވައި ބޭރު ފެންނާނެ އެއްވެސް ގޮތެއްވެސް ނެތެވެ.

ބުރަ ދުވަހެއްގެ ޑިއުޓީއަށް ފަހު، އެލްލޭއޭ ގެއަށް ގޮސް ފެންވަރައިގެން ޖައްސާލީ އަރާމުކޮށްލުމަށެވެ. ނިދުމުގެ ކުރިން އިންޑިއާގައި ހުރި އަންހެނުންނާ ފޯނުން ގުޅައި ވާހަކަ ދައްކާލުމަށް ފަހު އަވަހަށް ނިދީ ހެނދުނު ޑިއުޓީ އޮތީމައެވެ. އެލްލޭއޭ ބުނި ގޮތުގައި، ނިދުނުތާ އިރުކޮޅެއްތެރޭ އޭނާއަށް ހޭލެވުނީ، ފަޔާ އެލާމުގެ އަޑު ކަހަލަ އަޑެއް އިވިގެންނެވެ. އެއިރު ކަޅު ބޯ ދުންގަނޑު ވަނީ އޭނާ ވަށައިލައިފައެވެ. އޭރު ގޭގެ ތިރީގައި ހުރި ގަރާޖުގައި ހުރީ ވަރަށް ބޮޑަށް ހުޅު ހިފާފައެވެ. ސިޑީގައިވެސް ކޮންމެވެސް ވަރަކަށް ހުޅު ހިފާފައި ހުއްޓެވެ. އެލްލޭއޭ ބުނި ގޮތުގައި އޭނާ ވަގުތުން ސިޑިން ތިރިއަށް ފޭބުމަށް ފަހު ވަކި ހިސާބަކުން ބޭރަށް ފުންމާލީއެވެ. ގެންގުޅުނު ހުރިހާ ސާމާނެއް ދޫކޮށްލުމަށްފަހު ބޭރަށް ނުކުތްއިރު އެ ބުރީގައި އުޅޭ އިންޑިއާ އަންހެން މީހާވެސް އޭނާގެ ފަހަތުން ނުކުތެވެ. ދެން ތިބި ދެ މީހުން ތިބީ ސިޑިއާ އެންމެ ދުރުގައި ހުރި ކޮޓަރީގައި ނިދާފައެވެ. އެއިރު ސިޑި އެއްކޮށް އަނދައި، މުޅި އެ ބުރީގައިވެސް ހުރީ އަލިފާން ހިފައިފައެވެ. އެ އަލިފާނުން ސަލާމަތްނުވެވި، އެމީހުންވެސް އެނދީއެވެ.

"އަހަރެން، ހަޅޭވެސް ލެވިން. އަވަސް ނުކުންނާށޭ، އަލިފާން ރޯވީއޭ ބުނެފަ. އެމީހުން ނިދާފަ ތިބީ. އެއިރު އެ ކޮޓަރީގައިވެސް ހުޅު ހިފާފަ ހުރީ. އެންމެ އެކޮޅު (ސިޑިއާ ދުރު ކޮޓަރީ)ގަ އެމީހުން ތިބީ. ހުރިހާ އެންމެންވެސް ހަޅޭލަވަނީ، ބޭރުގަ އާދޭ، ބޭރުގަ އާދޭ މިވައްތަރު. އަހަރެންނަށް ނުކުމެވުނީ ހަމަ ކިރިޔާ، ކުޑަ ލަސްވިޔަސް އަހަރެން މީހާ ރޯވަނީ، ސަލާމަތް ނުވަނީ" އަސަރާއެކު، ކޮށި ދިވެހި ބަހުން އެލްލޭއޭ "ވަން" އަށް ބުންޏެވެ.

އެލްލޭއޭ ބުނި ގޮތުގައި އެއް ކޮޓަރީގައި ތިބި އެއް އާއިލާއެއްގެ ބަންގްލަދޭޝް ދެ ފިރިހެނުންގެ ހިލަމެއް އޭނާ އެތަނުން ނުކުތް އިރުވެސް ނުވެއެވެ. ބޯ ދުމާއި ހުޅުގަނޑުގެ ސަބަބުން އެހެން މީހަކު ސަލާމަތްކުރަން އެލްލޭއޭއަށް ވަގުތެއް ނުވިއެވެ. އެހެންވެ، އެމީހުން ކޮބާތޯވެސް ފަހުން ނުބަލާ އަމިއްލަ ސަލާމަތަށް މަސައްކަތް ކުރީކަމަށް އޭނާ ބުންޏެވެ.

އެލްލޭއޭ ބުނި ގޮތުގައި، ބައެއް މީހުން އުޅުނީ އެމީހުންގެ ސާމާނުތައް ހިފައިގެން ނުކުންނާށެވެ. ފައިސާއާއި ބައެއް ކަހަލަގެ ގަހަނާއެވެ. ނަމަވެސް އެހުރިހާ ކަމަކަށް ބޯ އަލިފާންގަނޑު ތަނެއް ނުދިނެވެ. އަލިފާންގަނޑު އައިސް އެ އެންމެން ވަށާލީއެވެ. ނަސީބު ރަނގަޅުކަމުން ހަނި ގޮތަކަށް އެލްލޭއޭއާއި މަދު ބަޔަކު ސަލާމަތްވިޔަސް ދެން ތިބި މީހުން ތާށިވެ، ފިހިގެން މަރުވީއެވެ. ބައެއް މީހުންގެ، މޫނުވެސް ވަކިވާވަރެއް ނޫނެވެ. ޖިންސުވެސް ވަކި ނުވާވަރަށް ތިބީ އަނދާފައެވެ.

"އެތާ އަހަރެންގެ ދެ ފޯނުވެސް ހުންނަނީ. ތެޔޮ ވިއްކައިގެން ލިބުނު ކޮމްޕެނީގެ 20،000 ރުފިޔާވެސް ހުންނަނީ. ހުރިހާ ސާމާނު އެތާގަ ހުންނަނީ." އެލްލޭއޭ "ވަން" އަށް ކިޔައިދިނެވެ.

ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު ދިހައަކަށް އަރައިފިއެވެ. އެ ހާދިސާއިން ސަލާމަތްވީ ނުވަ މީހެކެވެ. މިއީ ރާއްޖޭގައި ހިނގި އަލިފާނުގެ އެންމެ ނުރައްކާތެރި ހާދިސާއެވެ. މީގެ ކުރިންވެސް ނިރުފެހިގޭގައި ވަނީ އަލިފާނުގެ ހާދިސާތައް ހިނގައިފައެވެ. އެންމެ ފަހުން އެތަނުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ މިދިޔަ ރޯދަ މަސް ތެރޭގައެވެ.