އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުން: މުއްމަދު އިޝާން
ރޭ ދަންވަރު އަބްދުﷲ ރަޝީދު ގޭގައި ހުއްޓައި ސިއްސައިގެން ދިޔައީ ބާރުގަދަ ގޮވުމެއްގެ އަޑާ އެކުގައެވެ. ބޭރު ބަލައިލިއިރު ގޭގައި ވަނީ އަލިފާން ރޯވެފައެވެ.
އަލިފާނުގެ ހާދިސާ ހިނގި ނިރުފެހިގެއަކީ އިބްރާހީމް ރަޝީދާއި އޭނާގެ އިތުރު ދެ ކޮއްކޮއެއްގެ ގެ އެވެ. އަބްދުﷲ ރަޝީދު ދިރިއުޅެނީ ނިރުފެހިގޭ ކުރިމަތީގައި ހުންނަ ގޭގައެވެ.
ހާދިސާ ހިނގި ސަރަހައްދުގައި ހުރެގެން އަބްދުﷲ ރަޝީދު "ވަން" މިއަދު ބުނީ، ބޭރު ގޮސް ބަލައިލިއިރު ގޭގައި އެއްކޮށް އޮތީ އަލިފާން ކަމަށާއި އެތަނުން މީހަކު ސަލާމަތްވާނެކަމުގެ އުއްމީދު ނުކުރާ ކަމަށެވެ. އޭނާ ބުނީ، އަލިފާން ރޯވެފައިވަނީ ބޭރަށް ނުކުންނަ ދޮރާ ދިމާލުގައި ކަމަށާއި އެތަނުން ބޭރަށް ނުކުމެވޭނެ އިތުރު ގޮތެއްވެސް ނުހުންނާނެކަމަށެވެ.
"ތިރީ ބައިގައި މިހުންނަނީ ގަރާޖެއް، ދެވަނައަށް ބިދޭސީން މި ތިބެނީ. ތިންވަނަ ބައިގައި ވެސް މަދުން ބިދޭސީން އުޅޭ. އަޅުގަނޑު ބޭރު ބަލައިލިއިރު ތިން ފްލޯ އެއްކޮށް ވަނީ އަލިފާނުން ފޮރުވިފަ، އެއިރު އަދި އަޑު އިވުނުތާ ނުވާނެ 10 ސިކުންތުވެސް، އެތަނުން (ދެ ވަނަ ބައިގެ އެކޮމޭޑޭޝަން ބްލޮކުން) މީހަކަށް ނުކުމެވޭކަށްވެސް ނުހުންނާނެ. ކަމެއް ޖެހިގެން ވެސް ސަލާމަތްވާން އެންމެ ގޮތެއް އޮންނާނީ، އެއީ ހަމަ އެތަނަށް އަރަން ބޭނުންކުރާ ސިޑި އާއި ވަންނަ ދޮރު. އެކަމަކު އެ ދަތަނުގައި ވެސް ވަނީ އަލިފާން ރޯވެފައި."
ބާރުގަ ގޮވުމެއްގެ އަޑުއިވުނީ 12:25 އެހާކަންހާއިރު ކަމަށާއި އެ އަޑު އިވުމާއެކު އެއީ ނިރުފެހިގޭގައި އަލިފާން ރޯވެގެން ގޮވި އަޑެއްކަން އެނގުނުކަމަށް އޭނާ ބުންޏެވެ. އެއީ އެތަނުގެ ހިންގާ ގަރާޖުގައި އަލިފާން ރޯވާ ޒާތުގެ ކެމިކަލް އަދި އެހެނިހެން ގޮވާކަހަލަ ތަކެތި ހުންނާތީ ކަމަށެވެ. އެކޮމޮޑޭޝަން ބްލޮކުގައި ކައްކާނެ ގޭސް ފުޅިއާއި އޭސީވެސް ހުންނާނެ ކަމަށް އޭނާ ބުންޏެވެ. އަލިފާނުގެ ހާނދިސާ ހިނގިއިރު ގަރާޖުގައި ދެ ކާރެއް އޮންނާނެ ކަމަށް ވެސް އަބްދުﷲ ރަޝީދު ބުންޏެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އެންމެ ފުރަތަމަ އަލިފާން ރޯވެފައިވަނީ އެކޮމެޑޭޝަން ބްލޮކުގައެވެ. ސަބަބެއް ކަމަށް ބުނީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ބާރުގަދަ އަޑަކަށް ފަހުން ކަމަށްވުމުން އެއީ ގޭސްފުޅިއެއް ގޮވީކަމަށް އެކަށީގެންވާތީ ކަމަށެވެ. އޭސީ ގޭހާއި ގަރާޖުގައި ހުރި ކެމިކަލްތަކަކީ އަމިއްލަ ޒާތުން އަލިފާން ރޯވާ ބާވަތެއް ނޫންކަމަށް ވެސް އޭނާ ބުންޏެވެ.
އަބްދުﷲ ރަޝީދުގެ ކޮއްކޮ އިލްހާމް "ވަން"އަށް މިއަދު ބުނީ އެކޮމެޑޭޝަން ބްލޮކަކީ މަހްމޫދު ކިޔާ މީހަކަށް ދެ އަހަރު ކުއްޔަށް ދީފައިވާ ތަނެއް ކަމަށާއި އެ މުއްދަތު މިދިޔަ ސެޕްޓެމްބަރު މަހުގެ 31 ވަނަ ދުވަހު ހަމަވެފައިވާ ކަމަށެވެ. އިލްހާމް ބުނީ، އެފަހުން އެތަން ކުއްޔަށް ދޫކޮށްފައިވަނީ މިހާރު އެތަނުގައި ތިބި ބިދޭސީންނަށް ކަމަށެވެ. އިލްހާމް ބުނީ އެތަނުގައި 20 ބިދޭސީން އުޅެމުންދާ ކަމަށެވެ. އެތަނުގައި އަންހެނުންނާއި ފިރިހެނުން ވެސް އުޅެމުންދާ ކަމަށެވެ. އެކޮމެޑޭޝަން ބްލޮކް ހުންނަނީ ކައްކާ ކެވޭގޮތަށް ހަދައި އޭސީ ވެސް ކޮށްފައެވެ. އެ ތަނުގައި 10 ވަރަކަށް ގޭސް ފުޅި ހުންނާނެކަމަށް ބެލެވޭކަމަށް އޭނާ ބުންޏެވެ.
ކުރިން ވާހަކަދެއްކި އަބްދުﷲ ރަޝީދު ވެސް ބުނީ، އެއްޗެހިތަކެއް ގޮވާއަޑު އިވުނު ކަމަށާއި އެއަޑު ފުދޭ ވަރަކަށް ގިނައިން އިވިފައިވާ ކަމަށެވެ. އެހެންކަމުން އެއީ ގޭސްފުޅިތައް ގޮވީކަމަށް ބެލެވެއެވެ.
އެކޮމޮޑޭޝަން ބްލޮކުގައި މިހާރު އުޅެމުން އަންނަ ބިދޭސީން ވަޒީފާ އަދާކުރާ ތަނެއްގެ މައުލޫމާތު ނޭނގޭ ކަމަށާއި އެެ ބިދޭސީން އެތަނަށް ކުލި ނުދައްކާތާ ދެމަސް ވެފައިވާކަމަށް ވެސް އިލްހާމް ބުންޏެވެ. އަދި ބުނީ އޭގެ ތެރެއިން ބައެއް ބިދޭސީންނަކީ ގަވާއިދާހިލާފަށް އުޅެމުންދާ ބައެއްކަމަށްވުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ.
"ކުލި ނުދައްކާތާ ދެ މަސް ވެއްޖެ، އެންމެ ފަހުން ތަނާއި ކުއްޔާއި އެ ދިޔައީ. މީ ވަރަށް ހިތާމަވެރި ހާދިސާއެއް" އިލްހާމް ބުންޏެވެ.
އެ އެކޮމޮޑޭޝަން ބްލޮކުގެ އެތެރެއާއި އެތަނުގައި ހުންނަނީ ކިތައް ކޮޓަރިކަމެއް އަބްދުﷲ ރަޝީދަށް ވެސް އަދި އިލްހާމަކަށްވެސް އަކަށް ވެސް ނޭނގެއެވެ. އެ މީހުން ބުނި ގޮތުގައި އެކޮމޮޑޭޝަން ބްލޮކަށް އެއްވެސް އިރެއްގައި ގޮސްފައެއް ނުވެއެވެ. އެތަން ޕާޓިޝަން ޖަހައިގެން އުޅެނީ ބިދޭސީންނެވެ.
ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު ވަނީ 10 އަށް އަރައިފައެވެ. މިއީ ރާއްޖޭގެ ހިނގި އަލިފާނުގެ އެންމެ ނުރައްކާތެރި ހާދިސާއެވެ. މީގެ ކުރިންވެސް އެ އިމާރާތުގައި ވަނީ އަލިފާނުގެ ތިން ހާދިސާއެއް ހިނގައިފައެވެ. އެންމެ ފަހުން އެތަނުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ މިދިޔަ ރޯދަ މަސް ތެރޭގައެވެ.
ފުލުހުން ރޭ ބުނެފައިވަނީ މިހާދިސާގެ ރިޕޯޓު ލިބުނީ 12:27 ހާއިރު ކަމަށެވެ. މި އަލިފާންގަނޑު ނިއްވާލެވިފައިވަނީ ތިންގަޑިއެއްހާއިރު ފަހުންނެވެ.
ފުލުހުންނާއި ސިފައިން އަދި މޯލްޑިވްސް ރެޑް ކްރެސެންޓުން މިހާރު ވެސް ގެންދަނީ ނިރުފެހިގެއިން މީހުން ނެރުމުގެ މަސައްކަތް ކުރަމުންނެވެ. އެ ގެއިން މީހުން ނެރެނީ ބޯޑީ ބޭގަށް ލައިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު