ގއ. މާމެންދޫގައި ހިންގި މާރާމާރީއެއްގައި އެރަށު ލިލީ އޮފްދަ ވެލީ، އަހުމަދު އުދައްޔުއަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި ދައުވާ އުފުލާފައިވާ މީހުންގެ ތެރެއިން އެރަށު ބިލަތްމާގޭ ޝަރަފް ރަޝީދު އަތުން ލޭ ހުރި ވަޅިއެއް ފެނުނު ކަމަށާއި އެ ވަޅި ހިފައިގެން ހުރެ އުދައްޔުގެ ދޮންބައްޕައަށް މަރުގެ އިންޒާރު ދިން ކަމަށް ހެކިވެރިޔަކު ބުނެފިއެވެ.
އުދައްޔު މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ގއ. މާމެންދޫ/ ރިހިފަރުދާގޭ، އަހުމަދު ޝަމީމާއި އެރަށު ބިލަތްމާގޭ ޝަރަފު ރަޝީދުގެ އިތުރުން އެރަށު ގުލްފާމުގޭ މުހައްމަދު މާޒިންގެ އިތުރުން 18 އަހަރުން ދަށުގެ ކުއްޖަކަށެވެ. ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދަައުވާގެ އިތުރުން ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާވެސް އެ މީހުންގެ މައްޗަށް ދައުލަތުން ކުރެއެވެ.
އުދައްޔު މަރާލި ކަމުގެ ކުށުގައި ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ އުފުލި 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވެ އަދަބެއްގެ ގޮތުގައި ކުޑަކުދިން ބަންދުކުރާ މަރުކަޒެއްގައި 25 އަހަރާއި ފަސް މަހަށް ބަންދުކުރަން ޖުވެނައިލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
އުދައްޔުގެ މަރުގެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދު ވަނީ ސިއްރު ހެކިވެރިޔަކާއި ފުލުހެއްގެ ހެކިބަސް ނަގައިފައެވެ. އޭގެ ތެރޭގައި ދެ ގްރޫޕްގެ ދެމެދުގައި މާރާމާރީ ހިންގި އިރު އެ މަންޒަރު ފެނުނު މީހަކު ހިމެނެއެވެ.
އަޑު ބަދަލުކޮށްގެން ހެކިބަސް ދެމުން ހެކިވެރިޔާ ބުނީ، އުދައްޔުގެ ދޮންބައްޕަ މަރާލާނެ ކަމަށް ޝަރަފު ބުނި ކަމަށެވެ. އެއިރު ކަޅު ކުލައިގެ ވަޅިއެއް އޭނާގެ އަތުގައި އޮތް ކަމަށާއި އެވަޅީގައި ލޭ ހުރިކަމަށްވެސް ބުންޏެވެ.
"ކަލޭގެ ދަރިއަށް ހެދިހެން ކަލެއަށް ވެސް ހަދާލާނަމޭ ބުނީ" ހެކިވެރިޔާ ބުންޏެވެ.
ހެކިބަސް ދެމުން ފުލުސް މީހާ ބުނީ، ކޯޓު އަމުރެއްގެ ދަށުން ޝަރަފު ހައްޔަރުކުރީ އޭނާ ކަމަށެވެ.
ދައުލަތުން ސިއްރު ހެކިންގެ ގޮތުގައި، 25 އަށްވުރެ ގިނަ މީހުން ހުށަހަޅާފައިވާއިރު އަދިވެސް ގިނަ ހެކިން ހާޒިރު ނުކުރެވި އޮތްކަން މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ފާހަގަކުރެއްވިއެވެ. އެހެންވެ، އަންނަ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު ބާއްވާ އަޑުއެހުމަކީ ސިއްރު ހެކިން ހާޒިރުކުރަން ދެވޭ ފަހު ފުރުސަތު ކަމަށް ގާޒީ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު