ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސްޕެޝަލް އެންވޯއީގެ މަގާމު އަދާކުރެއްވި، ރައީސް ނަޝީދުގެ ސަރުކާރާއި ރައީސް މައުމޫނުގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވި އިބްރާހިމް ހުސެއިން ޒަކީގެ ޕާސްޕޯޓް ކެންސަލްކުރަން ނެރުނު އަމުރުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ، ދައުލަތުގެ ފަރާތުން މޯލްޑިވްސް އިމިގްރޭޝަނުންނެވެ.
ރައްޔިތުން މަޖިލީހުގެ އޭރުގެ ބައެއް މެންބަރުންނާއި އެމްޑީޕީގެ ބައެއް މެންބަރުންނާއެކު، ބަނގުރާ ހިއްޕަވަން އިންނެވި ކަމަށްބުނާ، މައްސަލައެއްގައި ކާށިދޫ ދާއިރާގެ މިހާރުގެ މެންބަރު އަބުދުﷲ ޖާބިރާއެކު ދެހާސް ތޭރަ ވަނަ އަހަރު ޒަކީ ހައްޔަރު ކުރިއެވެ. ނަމަވެސް އޭނާގެ ޕާސްޕޯޓް ކެންސަލްކުރަން 2020 ވަނަ އަހަރު ކޯޓުން އަމުރު ކުރީ، މީހެއްގެ އަތުން ނެގި ޑޮލަރުތަކެއްގެ ތެރެއިން ބައެއް އަނބުރާ ނުދައްކައި އޮތް މައްސަލައެއްގައެވެ.
އެކަމާ ގުޅިގެން ޒަކީގެ ޕާސްޕޯޓް ސިވިލްކޯޓުން ކެންސަލްކުރި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ނަމަވެސް މިދިޔަ ސެޕްޓެމްބަރު މަހު އެ ކޯޓުނުް ހުކުމް ކުރީ ސިވިލްކޯޓުން ކުރި އަމުރު އިސްތިއުނާފު ކުރުމުގެ ހައްގު ދައުލަތަށް ނެތް ކަމަށެވެ.
އެ މައްސަލަ ބެއްލެވި ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމްގައި ވަނީ، ޒަކީގެ ޕާސްޕޯޓް ކެންސަލް ކުރުމުގެ ސަބަބުން އޭނާގެ އެއްވެސް ހައްގެއް ނުވަތަ މަސްލަހަތެއް ގެއްލިފައިވާނަމަ ހައިކޯޓުގައި އެ މައްސަލައެއް އިސްތިއުނާފު ކުރުމަކީ ޒަކީއަށް ލިބިގެންވާ ހައްގެއް ކަމަށެވެ. އެ ހައްގު ދިވެހި ދައުލަތުގެ މައްޗަށް ފުރޮޅިގެން ދިޔައީ ކިހިނެއްކަމެއް ދައުލަތަށް ސާބިތު ކޮށްދެވިފައި ނުވާކަމަށްވެސް ބުނެފައިވެއެވެ.
ދަށުން ކޯޓުން ކުރާ ހުކުމަކުން ނުވަތަ އަމުރަކުން މީހެއްގެ ހައްގެއް ގެއްލިއްޖެކަމަށް އެމީހަކަށް ގަބޫލުކުރެވޭ ހާލަތުގައި، ފަރުދީގޮތުން އެމީހަކު މައްސަލަ އިސްތިއުނާފު ކުރުމުގެ ބަދަލުގައި ދިވެހި ދައުލަތުގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމަކީ އެކަމުގެ ސަބުން ގާނޫނީ ނުބައި އެތައް ނަތީޖާތަކެއް ނިކުންނާނެ ކަމެއް ކަމަށްވެސް ހުކުމުގައި ބުނެފައިވެއެވެ.
އެހެންކަމުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުގެ ހައިސިއްޔަތު ދިވެހި ދައުލަތަށް (މޯލްޑިވްސް އމިގްރޭޝަނަށް) ލިބިގެންވާ ކަމަކަށް ނުދެކޭ ކަމަށްވެސް ބުނެފައިވެއެވެ. އެ ސަބަބަށް ޓަކައި އެއީ އިމިގްރޭޝަނުން ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށް ބުރަ ނުވެވޭތީ އެއީ ހައިކޯޓުން ގޮތެއް ކަނޑައަޅަން ޖެހޭ މައްސަލައެއް ކަމަށް ނުދެކޭ ކަމަށްވެސް ހުކުމުގައި ވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު