ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރްޓީއެލް)ގެ ދަށުން މާލޭގައި ދޭން ފަށާފައިވާ މިނީ ބަހުގެ ހިދުމަތަށް ހަ ކަރަންޓް މިނީ ބަސް ގެނެސްފިއެވެ.

އާރްޓީއެލްގެ ހިދުމަތް ފޯރުކޮށްދެމުންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިރޭ ބުނީ، އަލަށް ގެނައި ކަރަންޓު މިނީ ބަސްތަކާއެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ނެޓް ޒީރޯ ސިޔާސަތު ހަގީގަތަކަށް ހެދުމުގެ މަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތު އެކުންފުންޏަށް ލިބިގެންދާނެ ކަމަށާއި އެއީ ލިބޭ އުފަލެއް ކަމަށެވެ.

ކަރަންޓު މިނީ ބަސްތަކުގައި 11 ޕަސެންޖާ ސީޓު ހުންނައިރު އެ ބަހުގައި ފުރޮޅުލީ ގޮޑި ބޭނުން ކުރެވެން ހުންނާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހެއްގައި ވަނީ ދޭން ފަށައިފައެެވެ. މިހާރު އެ ހިދުމަތައް ބޭނުން ކުރަމުންދަނީ ޑީސަލް މިނީ ބަސްތަކެވެ. މާލޭގައި މިހާރު 18 މިނީ ބަހަކުން ހިދުމަތް ދެމުންދާއިރު އޭގެ ތެރެއިން އަށް ބަސް ހާއްސަކޮށްފައި ވަނީ ހާއްސައެހީއަށް ބޭނުންވާ މީހުންނަށެވެ.

މާލޭގައި މިނީ ބަސް ދަތުރުކުރަނީ އަމީނީ މަގު، މަޖީދީ މަގު، އޯކިޑު މަގު އަދި ސޯސަން މަގުންނެވެ. މި ހަތަރު މަގުގައި ދަތުރުކުރުމަށް ތިން ރޫޓެއް ކަނޑައަޅާފައިވާ އިރު، ޖުމުލަ 42 ބަސް ސްޓޮޕެއް ހުރެއެވެ.

އެންމެ ފުރަތަމަ މިނީ ބަހުގެ ހިދުމަތް ދިނުމަށް ނިންމާފައިވަނީ ކަރަންޓް މިނީ ބަހުގައެވެ. ނަމަވެސް ކޮވިޑް-19 އިގެ ސަބަބުން ދިމާވި އިގްތިސޯދީ ދަތިތަކުގެ ސަބަބުން އެމްޓީސީސީން ގެނެސްފައިވަނީ ޑީސަލް މިނީ ބަސްތަކެވެ.