ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް އަދި އެންމެފަހުގެ ރަނަރަޕް ޓީމް ލިވަޕޫލުން ވާދަކުރަން ޖެހިއްޖެއެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16 ގެ ގުރު ނެގުން މިއަދު ބާއްވާފައިވަނީ ސްވިޒަލޭންޑްގައެވެ. މިދިޔަ އަހަރުގެ ފައިނަލްގައި ވާދަކުރި ލިވަޕޫލާއި ރެއާލް ގަދަ 16 ގައި ވާދަކުރަން ޖެހިފައިވާ އިރު، މިދިޔަ އަހަރުގެ ފައިނަލް ރެއާލްއިން ކާމިޔާބުކުރީ ވިނީޝިއަސް ޖޫނިއާ ޖެހި ގޯލުންނެވެ. ރެއާލްއަކީ މުބާރާތުގެ ތާރީހުގައިވެސް އެންމެ ކާމިޔާބު ޓީމެވެ. އެޓީމުން ވަނީ މިހާތަނަށް 14 ފަހަރު ތަށި އުފުލާލައިފައެވެ.

މިދިޔަ ހަ ސީޒަނުގެ ތެރޭގައި ޗެމްޕިއަންސް ލީގު ނޮކްއައުޓް މެޗުތަކުގައި ލިވަޕޫލާއި ރެއާލް ވަނީ ހަތަރު ސީޒަނެއްގައި ވާދަކޮށްފައެވެ. އޭގެ ތެރެއިން ދެ ފަހަރަކީ ފައިނަލްގައި ވާދަކުރި ދެފަހަރެވެ. މިދިޔަ އަހަރުގެ އިތުރުން 2017-18 ވަނަ އަހަރުގެ ސީޒަނުގެ ފައިނަލްގައިވެސް ލިވަޕޫލް ވަނީ ރެއާލް އަތުން ބަލިވެފައެވެ.

މިއަދުގެ ގަދަ 16ގެ ގުރުގައި ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ލައްވާލީ އާރްބީ ލެއިޕްޒިގާއެވެ. ޓޮޓެންހަމްއިން ގަދަ 16ގައި އޭސީ މިލާނަށް ދެކޮޅަށް ނުކުންނަ އިރު، ޗެލްސީން ނުކުންނަން ޖެހޭނީ ބްރޫޝިއާ ޑޯޓުމަންޑާ ދެކޮޅަށެވެ.

އޭގެ އިތުރުން ދެން އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ ފްރާންސް ޗެމްޕިއަނުން ޕީއެސްޖީ އާއި ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކު ވާދަކުރަން ޖެހުމެވެ.

  • ލެއިޕްޒިގް - މެންޗެސްޓާ ސިޓީ
  • ކްލަބު ބްރޫޖް - ބެންފިކާ
  • ލިވަޕޫލް - ރެއާލް މެޑްރިޑް
  • އޭސީ މިލާން - ޓޮޓެންހަމް
  • އެންޓްރިޗް ފްރޭންކްފާޓް - ނަޕޯލީ
  • އިންޓަ މިލާން - ޕޯޓޯ
  • ޕީއެސްޖީ - ބަޔާން މިއުނިކް

މިއަހަރު ޗެމްޕިއަންސް ލީގު ގަދަ 16 ގެ މެޗުތައް އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީ 14-15 ވަނަ ދުވަހުގެ އިތުރުން 21-22 ވަނަ ދުވަހުއެވެ. އަދި ދެވަނަ ލެގުގެ މެޗުތައް އޮންނާނީ އަންނަ އަހަރު މާޗުމަހުގެ ތެރޭގައެވެ.