އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލްވެސް މޮޅުވެއްޖެއެވެ.

އެސްޓޮން ވިލާއާ ދެކޮޅަށް އެ ކްލަބު ދަނޑުގައި ރޭ ކުޅުނު މެޗުން ޔުނައިޓެޑް ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ. އަދި ލިވަޕޫލް ކުޅުނު މެޗުގައި ރޭ ޓޮޓެންހަމް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ރޭގެ އެ ނަތީޖާތަކާއެކު ޔުނައިޓެޑުން ލީގު ތާވަލުގެ ފަސްވަނައިގައި އޮތީ 13 މެޗުން 23 ޕޮއިންޓާއެކުގައެވެ. އެ އަދަދަށް މެޗު ކުޅެ، ލިވަޕޫލަށް ލިބިފައި ވަނީ 19 ޕޮއިންޓެވެ. އެޓީމު މިވަގުތު އޮތީ ތާވަލުގެ އަށް ވަނައިގައެވެ.

ޔުނައިޓެޑާ ދެކޮޅަށް ރޭ ވިލާ ނުކުތީ ކްލަބާ އަލަށް ހަވާލުވި ކޯޗު އުނައި އެމެރީގެ އިރުޝާދުގެ ދަށުންނެވެ. އެމެރީއަކީ ކުރިން ޕްރިމިއާ ލީގުގައި އާސެނަލަށްވެސް އިރުޝާދު ދިން ކޯޗެކެވެ. އޭނާ ވިލާއާ ހަވާލުވީ ސްޓީވަން ޖެރާޑު އެމަގާމުން ދުރުކުރުމުންނެވެ. ވިލާއާ ދެކޮޅަށް ނުކުުތް ޔުނައިޓެޑްގެ ކެޕްޓަން ބޭންޑްގައި ރޭ ނުކުތީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

ސީޒަން ފެށިގެން މިހާ ހިސާބަށް އައިރު ޔުނައިޓެޑްގެ ކޯޗާ، ރޮނާލްޑޯއާ ދެމެދު އެކިފަހަރު މަތިން މައްސަލަ ގޯސްވެފައިވާ އިރު، ރޭ ބޭންޑް ދީފައި ނެރުމަކީ ގިނަ ބަޔަކު އުންމީދު ކުރި ގޮތެއް ނޫނެވެ.

ރޮނާލްޑޯއާއެކު ނުކުތް ޔުނައިޓެޑް ކޮޅަށް، މެޗުގެ ފުރަތަމަ 10 މިނެޓުގައި ވިލާއިން ވަނީ ދެ ގޯލު ޖަހައިފައެވެ. އެ ގޯލުތައް ޖަހައިދިނީ ލެއޮން ބެއިލޭއާއި ލޫކަސް ޑީންއެވެ. ހާފު ނިމުމުގެ ކުރިން ޖަކޮބް ރަމްސޭ އަތުން ބައިކޮޅަށް ވަން ގޯލަކާއެކު ޔުނައިޓެޑުން ވަނީ ފަރަގު ކުޑަކޮށްފައެވެ. އެހެން ނަމަވެސް ދެވަނަ ހާފަށް ނުކުމެ، ރެމްސޭ ވަނީ ވިލާއަށް ގޯލު ޖަހައިދީ މެޗުގެ ތިން ޕޮއިންޓް ޔަގީން ކޮށްދީފައެވެ.

މެޗުގެ ފަހުކޮޅުގައި ރޮނާލްޑޯއާއި ވިލާގެ ޑިފެންޑަރު ޓައިރޮން މިންގްސްއާ ދެމެދު ކޮންމެވެސް ވަރެއްގެ ހަމަ ނުޖެހުންތަކެއް ހިނގައި ހޫނުވިތަންވެސް ފެނިގެން ގޮސްފައިވެއެވެ.

ލިވަޕޫލުން ރޭ ރަށުން ބޭރުގައި ސްޕާސް ބަލިކުރި އިރު، އެއީ މި ސީޒަނުގެ ލީގުގައި އެޓީމުން ހޯދި ފުރަތަމަ އަވޭ މޮޅެވެ. ރޭގެ މެޗަށް ނުކުތް އިރު، ލިވަޕޫލުން އޮތީ ލީގުގައި އެންމެފަހުން ކުޅުނު ދެމެޗުންވެސް ބަލިވެފައެވެ. އެއީ ނޮޓެންހަމް ފޮރެސްޓާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރުން ލީޑްސްއާ ދެކޮޅަށް ކުޅުނު މެޗުންނެވެ.

ސްޕާސްއިން ގަދަ ހަތަރެއްގެ މަގާމު ދެމެހެއްޓުމަށް ރޭގެ މެޗުން މޮޅަކަށް އުންމީދުކުރި ނަމަވެސް އެކަން ނުވެ، މިހާރު އޮތީ އުނދަގޫހާލަތެއްގައެވެ. ޕްރިމިއާ ލީގުގެ ހަތަރުވަނައިގައި ސްޕާސް އޮތީ 14 މެޗުން 26 ޕޮއިންޓް ހޯދައިގެންނެވެ. މިވަގުތު އެންމެ ފޯމު ރަނގަޅުކޮށް އޮތް ނިއުކާސަލްއިން ރޭ ކުޅުނު މެޗުގައި 4-1 އިން ސައުތުހެމްޓަން ބަލިކޮށް، އެޓީމު އޮތީ ލީގު ތާވަލުގެ ތިންވަނައިގައެވެ.

ލިވަޕޫލުން ރޭގެ މެޗުގެ ފުރަތަމަ ހާފުގައި އެޓީމުގެ ދެ ގޯލުވެސް ކާމިޔާބުކުރިއެވެ. އެ ދެގޯލުވެސް ޖެހީ މުހައްމަދު ސަލާހެވެ. ފުރަތަމަ ގޯލު 11 ވަނަ މިނެޓުގައި ސަލާހް ޖެހީ ޑާވިން ނުނޭޒްގެ ޕާހަކުންނެވެ. އަދި ހާފު ނިމެން ދަނިކޮށް ސަލާހުގެ ދެވަނަ ގޯލު އޭނާ ޖެހީ އެރިކް ޑަޔާގެ ގޯހެއްގެ ފައިދާ ނަގައިގެންނެވެ.

ސްޕާސްއިން ދެވަނަ ހާފަށް ކުޅުން ރަނގަޅުކޮށް، ގޯލަކަށް ބުރަކޮށް މަސައްކަތް ކޮށްފައިވާ އީވަން ޕެރަސިޗްގެ ހަމަލާ އަމާޒުވީ ދަނޑިއަށެވެ. އެޓީމުން ކުޅުން ރަނގަޅުކޮށް ކުރި މަސައްކަތުގައި ހެރީ ކޭން ގޯލެއް ޖަހައި އުންމީދު ހޯދި ނަމަވެސް، އޭގެ ފަހުން ލިބުނު ފުރުސަތުތައް ބޭނުންކުރެވޭ ގޮތެއް ނުވިއެވެ.