ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެހުންނަވައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތެއް ހުއްޓުވައި ފޯރިމަރަން ނުކުތް ފުލުހުންގެ މައުލޫމާތު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން، ފުލުހުންނަށް އެންގި އެންގުމަށް އަމަލުކުރުން މަޑު ޖައްސައިލުމަށް ހައި ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
ހައި ކޯޓުން މިއަދު ކުރި އަމުރުގައި ވަނީ، އިންފޮމޭޝަން ކޮމިޝަނަރުގެ އެންގުމަށް އަމަލުކުރުން ފަސް ކުރުމުގެ އަމުރެއް ނެރެދިނުމަށް ފުލުހުންގެ ފަރާތުން މިދިޔަ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުން ތަންފީޒޮށްފިނަމަ، ފުލުހުންގެ މަސްލަހަތަށް އުނިކަން އަތުވެދާނެ ފަދަ ބައެއް ކަންކަން އެބަހުރި ކަމަށް ހައި ކޯޓުން އަމުރުގައިވެއެވެ.
އެހެންވެ ހައި ކޯޓުން ވަކި ގޮތެއް އަންގަންދެން ނުވަތަ ހައި ކޯޓަށް ހުށަހަޅާފައިވާ އެ މައްސަލައިގެ ގަޒިއްޔާގެ ހުކުމް ނުކުރަނީސް އިންފޮމޭޝަން ކޮމިޝަނަރުގެ އެންގުން ތަންފީޒުކުރުން މަޑުޖައްސާލުމަށް އެކޯޓުން ވަނީ އަމުރުކޮށްފައެވެ.
"އިންޑިއާ އައުޓް" ހަރަކާތްތައް ފުލުހުން ހުއްޓުވާފައިވަނީ މިދިޔަ އެޕްރީލް މަހުގެ 21 ވަނަ ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރަކުންނެވެ. އެ ގަރާރުގެ ދަށުން ފުލުހުން ވަނީ ރައީސް ޔާމީންގެ ގެކޮޅުގައި ހަރުކޮށްފައިވާ "އިންޑިއާ އައުޓް" ބެނާ ވެސް ނަގައިފައެވެ. ފުލުހުން ބެނާ ނަގާފައިވަނީ ގަނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން ވަނީ މީގެ ކުރިން ހުކުމް ކޮށްފައެވެ.
އެ ގަރާރުގައި ރައީސް ވިދާޅުވެފައި ވަނީ، އިންޑިއާއާ މެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަަކަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ކަމެއްކަން ސާފުކޮށް އެނގޭ ކަމަށެވެ. އަދި އެ ހަރަކާތަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮތް އަމަންއަމާންކަން ނަގާލައި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލުވާލައި ރާއްޖޭގެ އިގުތިސޯދީ ރައްކާތެރިކަމާއި އިޖުތިމާއި ނިޒާމުތަކަށް ބޮޑު ބުރައެއް އުފުލަން ޖެހޭނެ ކަމެއް ކަމުގައިވެސް ވިދާޅުވިއެވެ.
އެ ގަރާރު ބާތިލުކަމަށް ކަނޑައަޅައިދޭން ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ގާނޫނީ ޓީމުން ވަނީ ހައި ކޯޓަށް ހުށަހަޅައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު