މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ) އިން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރިޔަސް، ޕީޕީއެމް/ޕީއެންސީއާ ކޯލިޝަން ހަދައިގެން ނުވަތަ އެ ދެ ޕާޓީއާ ގުޅިގެން މަސައްކަތް ނުކުރާނެ ކަމަށް އެމްއެންޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އެމްއެންޕީން ރޭ ވަނީ އެ ޕާޓީގެ ގައުމީ ހިންގާ ކައުންސިލުގެ ފުރަތަމަ ބައްދަލުވުން ބާއްވައިފައެވެ. އެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުގެ އިއްތިގާފުން ރޭ ނިންމާފައިވަނީ ސަރުކާރު ޒިންމާދާރު ކުރުވާ އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެ ޕާޓީ ހަރަކާތްތެރިވުމަށެވެ.
އެމްއެންޕީގެ އިތުރުން ދެން އިދިކޮޅުން ހަރަކާތްތެރިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ލީޑުކުރައްވާ ޕީޕީއެމާއި ޕީއެންސީއެވެ. ޕީޕީއެމް/ޕީއެންސީން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ހަރަކާތަށް އެމްއެންޕީން ވެސް ވަނީ ތާއިދުކޮށްފައެވެ.
ނާޒިމް މިރޭ "ވަން" ވިދާޅުވީ، އެމްއެންޕީން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރިޔަސް ޕީޕީއެމް/ޕީއެންސީއާއެކު މަސައްކަތް ނުކުރާނެ ކަމަށެވެ. އަދި އެމްއެންޕީން ތާއިދުކުރާ ބައެއް ކަންކަން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ތާއިދުކުރި ނަމަވެސް ކޯލިޝަން ނުހަދާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެއްވެސް ބަޔަކާ ކޯލިޝަން ހެދުމުގެ ވިސްނުމެއް ނުގެންގުޅެން. އަޅުގަނޑުމެން ގަބޫލެއް ނުކުރަން ރާއްޖޭގައި އެއްވެސް ސިފަޔަކަށް ބޭރު ސިފައިން ތިބުމަކަށް. އެގޮތަށް ތިބޭ ކަމަށްވަންޏާ އަޅުގަނޑުމެން އެ ފަރާތްތަކާ ވާހަކަ ދައްކައިގެން ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް މަސައްކަތް ކުރާނީ. އެއީ އަޅުގަނޑުމެންގެ ސްޓޭންޑު، އެކަން ބަދަލެއް ނުވޭ އެއްވެސް ވަރަކަށް،" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެމްއެންޕީން ކެންޑިޑޭޓަކު ނެރޭނެ ކަމަށާއި ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރާނީ އެއްވެސް ބަޔަކާ ކޯލިޝަން ނުހަދައި، އެކަނި ކަމަށެވެ. އޭގެ އިތުރުން ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން އިއުލާންކޮށްފައިވިޔަސް، އެއްވެސް ޕާޓީއަކުން ކޯލިޝަން ހެދުމަށް މިހާތަނަށް ހުށަހަޅާފައިނުވާ ކަމަށާއި އެފަދަ ހުށަހެޅުމެއް ގަބޫލުވެސް ނުކުރާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަކަށް ކޯލިޝަން ހަދާކަށް އެއްވެސް ފަރާތަކުން ހުށަހަޅައިފައެއް ނުވެސް ނެތް. ދެން އަނެއްކާ އަޅުގަނޑުމެންގެ ވިސްނުމެއް ނެތް ކޯލިޝަން ހަދާކަށް، އެކަހަލަ ކަމެއް ކުރުމަށް. ކޯލިޝަން ހެދުމަކީ ގާނޫނު ދަންނަ ކަމެއް ކަމަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން،" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ އެ ޕާޓީން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ސަރުކާރު ޒިންމާދާކުރުމަށް އެންމެ ފުރަތަމަ ކުރާނެ ކަމަކީ ޗާގޯސް މައްސަލައިގައި ރާއްޖޭގެ ސިޔާދަތުން ބައެއް ގެއްލިގެންދާ މައްސަލައިގައި ސަރުކާރު ޒިންމާދާރުކުރުވުން ކަމަށެވެ. އަދި ސަރުކާރު ޒިންމާދާރުކުރުވާ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތްކުރަން ނިންމީ ރާއްޖޭގެ މަސްލަހަތާއި ދިވެހި ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރަން ކަމަށް ވެސް ވިދާޅުވިއެވެ.
އެމްއެންޕީގެ ގައުމީ ހިންގާ ކައުންސިލުން ރޭ ބޭއްވި ބައްދަލުވުމުގައި ވަނީ ސަރުކާރުން ހުށަހަޅާފައިވާ ޓެކްސް ބޮޑުކުރުމުގެ ބިލަށް ތާއިދުނުކުރަން ވެސް ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު