ޚަބަރު

ފަނޑިޔާރުންގެ މައްސަލަ ބަލާ މުއްދަތާބެހޭގޮތުން ގާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގު ކުރައްވައިފި

އިބްރާހިމް ޒަކީ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރުންގެ މައްސަލަތައް ބަލާ މަރުހަލާތަކުގެ މުއްދަތު އިތުރުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

ސަރުކާރުގެ ފަރާތުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ހުށަހެޅުއްވި އެ ބިލުން ޖޭއެސްސީގެ ގާނޫނަށް ފަސް އިސްލާހެއް ވަނީ ގެނެސްފައެވެ.

އެއީ އެ ގާނޫނުގެ 22 ވަނަ މާއްދާ އާއި 25 ވަނަ މާއްދާ އާއި 30 ވަނަ މާއްދާ އަދި 32 ވަނަ މާއްދާއަށެވެ.

ގާނޫނުގެ 22 ވަނަ މާއްދާގެ (ޅ) ގައި ބުނަނީ، ޖޭއެސްސީއަށް ހުށަހެޅޭ މައްސަލައެއް ބެލުމާމެދު ގޮތް ނިންމައި ކޮމިޓީން ނިންމާ ނިންމުން އެ މައްސަލައެއް ހުށަހެޅޭ ތާރީހުން ފެށިގެން ފަސް ދުވަހުގެ ތެރޭގައި ނިންމައި، ކޮމިޝަނަށް ފޮނުވަންވާނެ ކަމަށެވެ. އެ މުއްދަތު 14 ދުވަހަށް އިތުރު ކުރުމަށް ބިލުގައި ވަނީ ހިމަނައިފައެވެ.

ގާނޫނުގެ 25 ވަނަ މާއްދާގެ (ވ) ގައި ބުނެފައިވަނީ މައްސަލައިގެ ތަހުގީގު ރިޕޯޓް ކޮމިޝަނަށް ލިބޭތާ ފަސް ދުވަހުގެ ތެރޭގައި އެ ރިޕޯޓާ ގުޅޭ ގޮތުން ހުށަހަޅަން ބޭނުންވާ ކަންތައްތަކާއި އެ މައްސަލަ ނިންމުމުގައި ކޮމެޓީން ރިއާޔަތް ކޮށްދިނުން އެދޭ ކަންކަން ބަޔާންކޮށް ތަހުގީގު ކޮމިޓީއަށް ލިޔުމުން ހުށަހެޅުމުގެ އިހުތިޔާރު މައްސަލަ ރައްދުވާ ފަނޑިޔާރަށް ލިބިގެންވާ ކަމަށެވެ.

އެ މުއްދަތު ހަތް ދުވަހަށް ބަދަލު ކުރުމަށާއި ތަހުގީގު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާ ގުޅިގެން މުޅި މައްސަލައާމެދު ވާހަކަދެއްކުމަށް ފަސް ދުވަހުގެ ތެރޭގައި އަޑުއެހުމެއް ބާއްވާނެ ކަމަށް އެ މާއްދާގެ (މ) ގައި ބުނެފައި އޮތް މުއްދަތުވެސް ހަތް ދުވަހަށް އިތުރުކުރަން ބިލުގައި ވަނީ ހިމަނައިފައެވެ.

ކޮމިޓީގެ ތަހުގީގީ ރިޕޯޓަށް ޖަވާބު ދޭން ދީފައިވާ ހަތް ދުވަހުގެ މުއްދަތުގައި މައްސަލަ ރައްދުވާ ފަނޑިޔާރުގެ ބާރުގެ ދަށުގައިވާ ކަމަކާ ނުލައި ޖަވާބު ނުދެވިއްޖެ ނަމަ، އިތުރު މުހުލަތަކަށް އެދި ޖޭއެސްސީއަށް ހުށަހެޅުމުގެ ފުރުސަތު ދޭން ޖެހޭ ގޮތަށް ކަނޑައެޅުމަށްވެސް ވަނީ ހުށަހަޅައިފައެވެ.

އޭގެ އިތުރުން ފަނޑިޔާރުންނާ މެދު އެޅޭނެ ފިޔަވަޅުތައް ބަޔާންކޮށްފައިވާ އެ ގާނޫނުގެ 32 ވަނަ މާއްދާގައި ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގުރާމެއް ފުރިހަމަކުރަން އަންގަން ޖެހޭނެ ކަމަށް އޮތް ބައި، ތަހުގީގު ކުރި މައްސަލައިގެ ބާވަތަށް ބަލައި އިތުރު ތަމްރީނު ބޭނުންވާ ކަމަށް ކޮމިޝަނަށް ފެންނަ ހާލަތްތަކުގައި ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގުރާމެއް ފުރިހަމަކުރަން އަންގަން ޖެހޭނެ ކަމަށް ހިމެނުމަށްވެސް ބިލުގައިވެއެވެ.

ޖޭއެސްސީގެ ތަހުގީގު ކޮމިޓީން އެކުލަވާލާ ރިޕޯޓް ކޮމިޝަނަށް ހުށަހެޅުމާއެކު މައްސަލަ ރައްދުވާ ފަނޑިޔާރަށް ފޮނުވަންވާނެ ކަމަށާއި ރިޕޯޓާމެދު ކޮމިޝަނުން ގޮތެއް ނިންމަންވާނީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ޖަވާބުދާރީވާން މައްސަލަ ރައްދުވާ ފަނޑިޔާރަށް ފުރުސަތު ދިނުމަށްފަހުގައި ކަމަށް ބުނެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ، މި ބިލު ތަސްދީގު ކުރެއްވުމާ ގުޅިގެން، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރައްވާފައެވެ. އެހެންކަމުން މި ގާނޫނަށް މިއަދުން ފެށިގެން އަމަލު ކުރާނެ އެވެ.