އުދުވާނީ ހަމަލާތަކުން ދިވެހި ރައްޔިތުން ސަލާމަތްކުރުމަށް މިހާރަށްވުރެ ބޮޑަށް މަސައްކަތް ކުރުމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ސިޔާމު ފޮނުވި ހިތާބުގައި ވިދާޅުވީ ނަވާރަ ދިވެހިން ޝަހީދުވި އެ ދުވަހަކީ ދިވެހިންނަށް ވަރަށް ގިނަ ފިލާވަޅު ދަސްކޮށްދިން ދުވަހެއް ކަަމަށެވެ. އަދި އެ ހަމަލާގެ ފަހަތުގައި ދިވެހިންގެ ބަޔަކު ތިބި އިރު، މިހާރުވެސް އެފަދަ ނުރައްކާތެރި ފަރާތްތައް މުޖުތަމައުގައި އުޅެމުންދާ ކަމަށް ވިދާޅުވިއެވެ.

"މިފަދަ އުދުވާނީ ހަމަލާތަކުން ރައްކާތެރިވެ ތިބުމަށް، ދިވެހި ދައުލަތުގެ އެންމެހައި އިދާރާތަކުން މިހާރަށްވުރެ ބޮޑަށް މަސައްކަތްކޮށް، ދިވެހި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އަޅުގަނޑު ގޮވާލަމެވެ." ސިޔާމް ވިދާޅުވިއެވެ.

އޭނާގެ ހިތާބުގައި ރާއްޖޭގެ މިނިވަންކަމާއި ސުލްހަމަސްލަހަތައް ބުރޫއަރާފާނެ ފަދަ ހަމަލާތަކުން ގައުމު ދިފާއުކުރުމަށް ހުރިހާ ރައްޔިތުން މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވާފައިވެއެވެ. އަދި ދިވެހި ގައުމަށް ވަފާތެރި ކޮންމެ ކަމެއްގައިވެސް ގައުމު އިސްކުރައްވާ ބަޔަކަށް ދިވެހިންވުމަށް ގޮވާލިއެވެ.