ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތި ވިއްކައި ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ގދ. ހޯނޑެއްދޫގައި ފެށި މަސްތުވާތަކެތީގެ އޮޕަރޭޝަންގައި މިއަދު އިތުރު 69 ކިލޯ ޑްރަގްސް ހޯދާފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހޯނޑެއްދޫގައި ފެށި މަސްތުވާތަކެތީގެ އޮޕަރޭޝަންގައި އެރަށުގައި ވަޅުލާފައި ހުއްޓައި މިދިޔަ މަހުގެ 27 ވަނަ ދުވަހު ފެނުނީ 13 ކިލޯގެ ހެރޮއިންއެވެ.
ހަމީދު ވިދާޅުވީ މިއަދު އިތުރު 69 ކިލޯގެ މަސްތުވާތަކެތި ހޯނޑެއްދޫންނާއި އެރަށު ކައިރި ފަޅު ރަށެއްގައި ފޮރުވާފައި ހުއްޓައި ފުލުހުން ހޯދާފައިވާ ކަމަށެވެ.
މިހާތަނަށް ފެނުނު 82 ކިލޯގެ މަސްތުވާތަކެތީގެ ތެރޭގައި ހެރޮއިން އާއި މެތު ހިމެނޭ ކަމަށް ހަމީދު ވިދާޅުވިއެވެ.
ހޯޑެއްދޫގައި ކުރިއަށްގެންދާ އޮޕަރޭޝަނަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ވިއްކައި ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަނުގައި ފުލުހުން ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ތިން މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން ދެ މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްދީފައެވެ.
އޭގެ ތެރެއިން އެކަކު ކަމަށްވާ އަބްދުﷲ ރަޝީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ވަގުތު މެޔަށް ތަދެއް އެރުމަށް ފަހު ވަނީ މަރުވެފައެވެ. އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައާ ގުޅިގެން އިހުމާލެއްވޭތޯ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި އެ މަރާ ގުޅިގެން ތަހުގީގުގެ ޕްރައިމަރީ އިންވެސްޓިގޭޓިން އެޖެންސީއަކީވެސް އެންއައިސީއެވެ.
އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައިގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް ގިނަ ފަރާތްތަކަކުން ތުހުމަތު ކުރަމުން ދަނިކޮށް، ޕޯސްޓްމޯޓަމް ހެދުމަށްޓަކައި އޭނާގެ ހަށިގަނޑު މިދިޔަ އާދިއްތަ ދުވަހު ވަނީ އިންޑިއާއަށް ގެންގޮސްފައެވެ.