ކުރީގެ ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒަށް ރިޓަޔާމަންޓް ފައިސާ ދޭން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މިއީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމު އަދާކުރި މީހެއްގެ ހައިސިއްޔަތުން އަބުދުﷲ މުނާޒަށް ރިޓަޔާމަންޓް ފައިސާގެ ގޮތުގައި ގަނޑުކޮށް ލިބެންޖެހޭ ކަމަށްބުނާ އެއް މިލިޔަން ރުފިޔާ އާއި ވަޒީފާއިން ވަކި ކުރުމަށްފަހު ކޮންމެ މަހަކު ލިބެން ޖެހޭ ފައިސާގެ އިނާޔަތް ކަމަށްވާ، މުސާރައިގެ 75 ޕަސެންޓަށްވާ 26250 ރުފިޔާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ފަރާތުން ހަމަޖައްސާފައިދީފައި ނުވާތީ، ޕެރޯލްގެ ގާނޫނާއި، ކަމާބެހޭ ގަވާއިދުގެ ދަށުން އެ ފައިސާ އޭނާއަށް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް އެދި، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް ރައްދުވާ ގޮތަށް މުނާޒު ކުރި ދައުވާއެކެވެ.

މި ދައުވާއަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ވަނީ އިންކާރު ކޮށްފައެވެ. ސަބަބެއްގެ ގޮތުގައި އެކޮމިޝަނުން ކޯޓުގައި ފާހަގަ ކޮށްފައި ވަނީ، ސިފައިންގޭގައި ހުންނެވުމަށް ފަހު މުނާޒު ރިޓަޔާކުރެއްވުމުން ރިޓަޔާމަންޓްގެ ގޮތުގައި ގަނޑުކޮށް 323،952 ރުފިޔާ ލިބިވަޑައިގަތް ކަމަށާއި، 2011 ގެ ޖޫންމަހުން ފެށިގެން ކޮންމެ މަހަކު ސިފައިންގޭގެ ރިޓަޔާމަންޓްގެ ގޮތުގައި މިހާރު ވެސް މަހަކު 8،098 ރުފިޔާ ލިބެމުން އަންނަ ކަމަށެވެ.

އެކަން އެގޮތުގައި އޮއްވައި މި ދައުވާގައި ބުނާގޮތަށް މުނާޒަށް ރިޓަޔާމަންޓް އިނާޔަތް ދިނުމުގެ ނަތީޖާއަކީ، ދައުލަތުގެ ދެ މުއައްސަސާއަކުން އެއްފަހަރާ ރިޓަޔަމަންޓް އިނާޔަތް ދިނުން ކަމަށާއި، އެއީ ނުހައްގު މުއްސަނދިކަމެއް ލިބިގެންދާނެ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން މުނާޒު އެދިފައިވާ މިންވަރަށް ރިޓަޔާމަންޓް އިނާޔަތްތައް ނަގައިދެވޭނެ ހަމައެއް ނެތްކަމަށްވެސް ބުނެފައިވެއެވެ.

މި މައްސަލައިގައި ސިވިލްކޯޓުން ކުރި ހުކުމުގައި ވަނީ، އެ މަގާމުގެ ރިޓަޔާމަންޓް މުނާޒަށް ހައްގުވާ ކަމަށެވެ. ނަމަވެސް މުނާޒަކީ ދައުލަތުގެ އެހެން އިދާރާއަކުން މިހާރުވެސް ރިޓަޔާމަންޓް ލިބެމުންދާ ފަރާތަކަށްވާތީ ދައުލަތުގެ ދެ އިދާރާއަކުން އެއްފަހަރާ ދެ ރިޓަޔާމަންޓް ދިނުމަށް އަމުރު ކުރުމަކީ އެންމެ އަދުލުވެރިގޮތްކަމަށް ނުފެންނަ ކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން ދެ ރިޓަޔާމަންޓް ލިބެން ޖެހޭ ހާލަތުގައި އޭގެ ތެރެއިން ދައުވާކުރާ ފަރާތަށް ފައިދާ ބޮޑު ރިޓަޔާމަންޓެއް ނަގައިދިނުމަކީ ދައުވާކުރާ ފަރާތަށް އެންމެ ރަނގަޅުގޮތް ކަމުން، އެގޮތަށް ހަމަޖައްސައިދިނުމަށް އެދި މުނާޒު ހުށަހަޅައިފިނަމަ، އެއްމަސް ދުވަހުގެ ތެރޭގައި ސިފައިންގެއިންދޭ ރިޓަޔާމަންޓް ހުއްޓާލުމަށްފަހު ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމު އަދާކޮށް ރިޓަޔާކުރި ދުވަސްކަމަށްވާ 2020 ޖެނުއަރީ 21 އިން ފެށިގެން ރިޓަޔާމަންޓްގެ ގޮތުގައި ގަނޑުކޮށް ލިބެން ޖެހޭ ފައިސާ އާއި މަހުން މަހަށް ލިބެން ޖެހޭ ފައިސާ މުނާޒަށް ހަމަޖައްސައިދިނުމަށް ކަރެކްޝަނަލް ސާވިސްގެ މައްޗަށް އަންގާ ކަމަށް އެ ހުކުމުގައި ވެއެވެ.