ހުޅުމާލޭގެ ރިވެލި ބީޗް ކްލަބް އެންޑް ރެސްޓޯރަންޓް ހިންގާ ބިމުގެ އެއްބަސްވުން ބާތިލްކޮށް، އެ ތަން ހުސްކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެންގި އެންގުމަށް އަމަލުކުރުން ފަސްކުރުމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.

މި އަމުރު ނެރުނީ ކުލި ނުދައްކާ ކަމަށް ބުނެ ރިވެލި ރެސްޓޯރަންޓް ހިންގާ ސޮލާރިސް ހޮސްޕިޓަލިޓީ ޕްރައިވެޓް ލިމިޓެޑާ އެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށް، އެ ތަން އެޗްޑީސީގެ ބެލުމުގެ ދަށަށް ގެންދަން ނިންމުމުން އެ ކުންފުނިން ކޯޓަށް މައްސަލަ ހުށަހެޅުމާ ގުޅިގެންނެވެ.

ސޮލާރިސް އިން ސިވިލް ކޯޓުގައި އެދުނީ އެޗްޑީސީގެ ނިންމުން ބާތިލު ކަމަށް ކަނޑައަޅައި ދިނުމަށާއި މައްސަލައިގައި ގޮތެއް ނިމެންދެން ތަން ހުސްކުރުން މަޑުޖައްސައި ދިނުމުގެ ވަގުތީ އަމުރަކަށެވެ.

ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ވަނީ، މައްސަލައިގައި ގޮތެއް ކަނޑައެޅުމުގެ ކުރިން އެތަން ހުސްކޮށް ވިޔަފާރި ހުއްޓުވައިފިނަމަ، އެ ކުންފުންޏަށް އިޔާދަ ނުކުރެވޭނެ ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށެވެ. އެހެންވެ، އެ މައްސަލައިގައި ޝަރީއަތުން ވަކި ގޮތެއް ނިންމަންދެން ރެސްޓޯރަންޓުގެ ހިންގުން ހުއްޓޭނެ އެއްވެސް ފިޔަވަޅެއް ނޭޅުމަށާއި އެފަދަ ކަމެއް ކޮށްފައިވާ ނަމަ އެކަމެއް ކުރިން އޮތް ހާލަތަށް ރުޖޫއަ ކުރުމަށް އެޗްޑީސީގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައިގައި އެޗްޑީސީން އެ ބިން ހުސްކުރަން އެ ތަނަށް ވަނުމާ ގުޅިގެން ހިދުމަތް ވަގުތީ ގޮތުން މެދުކެނޑުނު ނަމަވެސް، ކޯޓުގެ އަމުރާއެކު މިހާރު ވަނީ އަލުން ހިދުމަތް ދޭން ފަށައިފައެވެ.

އެޗްޑީސީން ބުނީ އެއްބަސްވުން ބާތިލްކުރީ ގަވާއިދުން ދައްކަންޖެހޭ ކުލި ނުދައްކައި ގިނަ ދުވަސްތަކެއް ވެފައިވާތީ ކަމަށެވެ. އަދި އެ ފިޔަވަޅު އެޅީ އެއްބަސްވުމުގެ ދަށުން ދޭންޖެހޭ ހުރިހާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށް ފަހު އިޖުރާއަތްތަކާ އެއްގޮތަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެނގިފައިވާ ގޮތުގައި، ރިވެލި ބީޗް ކްލަބް އެންޑް ރެސްޓޯރަންޓުން ކުލީގެ ގޮތުގައި އެޗްޑީސީއަށް ފަސް މިލިއަނެއްހާ ރުފިޔާ ދައްކަން ޖެހެއެވެ.