މާލޭ ސިޓީ ކައުންސިލުގެ 14 ބިމެއް ދައުލަތަށް ނަގާތީ ސިވިލް ކޯޓަށް، ކައުންސިލުން މައްސަލަ ހުށަހަޅައިފިއެވެ.

މާލޭ ސިޓީ ކައުންސިލުގެ އިހުތިސޯސްގެ ދަށުގައި ހުރި މުހިންމު 14 ބިމެއް ދައުލަތުގެ މިލްކިއްޔާތަށް ބަދަލުކޮށް، އެ ތަންތަނުގައި ސަރުކާރުން ހިންގުމަށް ހަމަޖެހިފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ މައުލޫމާތު އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިމަހުގެ 15 ވަނަ ދުވަހު ވަނީ ގެޒެޓްކޮށްފައެވެ.

އެ މައްސަލައިގައި މާލޭ ސިޓީ ކައުންސިލުން ވަނީ، މިމަހުގެ 16 ވަނަ ދުވަހު ކުއްލި ޖަލްސާއެއް ބާއްވައި ކޯޓަށް މައްސަލަ ހުށަހެޅުމަށް ގަރާރެއް ފާސްކޮށްފައެވެ. އެ ގަރާރުގައި ވަނީ، ސަރުކާރުން ޕްރޮޖެކްޓުތަކުގެ ނަމުގެ އިތުރުން އެއްވެސް މައުލޫމާތެއް ހިމަނާފައިނުވާތީއާއި، ގާނޫނަށް ބަލާއިރު އެއްދުވަހުން ދައުލަތުގެ ތަރައްގީގެ ހުރިހާ މަޝްރޫއުތައް ހިންގުމަށް ބިންތަކެއް އެކީ އެއްފަހަރާ އަތުލުމަކީ ގާނޫނު ތަސައްވުރުކުރާ ކަމެއް ކަމަށް ނުވާތީ، އުންސިލުން އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އެޅުމަށާއި ޝަރީއަތަށް މައްސަލަ ހުށަހެޅުމަށް ނިންމާ ކަމަށެވެ. އޭގެ އިތުރުން ލާމަރުކަޒީ ނިޒާމު ހިންގުމަށް ދަތިކުރާ ކަމަށްބުނެ، ހުރިހާ ކައުންސިލެއްގެ ހައްގުގައި ސުޕްރީމް ކޯޓަށް ވެސް މައްސަލަ ހުށަހެޅުމަށް ގަރާރުގައިވެއެވެ.

މާލޭ ސިޓީ ކައުންސިލުގެ މިއަދުގެ ޖަލްސާގައި އެކަމުގެ އަޕްޑޭޓްދެއްވަމުން ރިޔާސަތުން ޑެޕިއުޓީ މޭޔަރު މީކާއިލް މުހައްމަދު ރިޔާޒް ވިދާޅުވީ ބިންތަކުގެ މިލްކިއްޔާތު ބަދަލުކުރަނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ކަމަށް ބުނެފައިވާތީ، އެ މަޝްރޫއުތަކާ ގުޅޭ ތަފްސީލު ފޮނުވައިދިނުމަށް އެދިފައިވާނެ ކަމަށެވެ. އަދި ބިންތަކުގެ މިލްކިއްޔާތު ބަދަލުކުރުމުގެ ކުރިން ޝަކުވާއެއް ނުވަތަ ހިޔާލެއް ދިނުމަށް އެދިފައިވީ ނަމަވެސް، އެފަދަ ޝަކުވާއެއް ނުވަތަ ހިޔާލެއް ހުށަހަޅޭނީ އެ ބިންތަކުގައި ކުރުމަށް ނިންމާފައިވާ މަޝްރޫއުތަކުގެ ތަފްސީލީ މައުލޫމާތުތައް ދީގެންކަން ވެސް އަންގާފައިވާނެ ކަމަށް ވިދާޅުވިއެވެ.

"ބިމާ ގުޅޭގޮތުން ހުރި ގާނޫނުތަކުގައި މިފަދަ ހާލަތްތަކުގައި ފުރިހަމަކުރަން ބުނާ އިޖުރާއަތްތައް ފުރިހަމަކޮށްފައިނުވާތީ ވަގުތީ އަމުރެއް ނެރެދިނުމަށް އަޅުގަނޑުމެން ވާނީ ކޯޓަށް ވެސް ހުށަހަޅާފައި،" އޭނާ ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލްގެ އިހުތިސާސްގެ ދަށުގައި އޮތް 14 ބިމެއް އެ ކައުންސިލްގެ އިހްތިަސުން ވަކިކޮށް ދައުލަތުގެ މިލްކިއްޔާތަށް ބަދަލު ކުރުމަށް މިނިސްޓްރީން ނިންމި މައްސަލައާ ގުޅިގެން މަޖިލީހަށް މިއަދު ވަނީ ގަރާރެއް ވެސް ހުށަހަޅައިފައެވެ. އިދިކޮޅު އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިިމްގެ މި ގަރާރުގެ ފުރަތަމަ ކިޔުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފައެވެ.

މި ގަރާރުގައި ބުނެފައިވަނީ އެ ބިންތައް ނެގުމަކީ، ކައުންސިލްތަކުގެ ބާރުތައް ހަނިކޮށް ލާމަރުކަޒީ ނިޒާމަށް ހުރަސްއެޅޭ ފަދަ ނިންމުމެއް ކަމަށެވެ.

ގަރާރުގައި ވަނީ ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ކައުންސިލްގެ އިހުތިސާސްގައި ހިމެނޭ ބިމާއި ތަންތަން ކައުންސިލްތަކުގެ އިހުތިސާސުން ވަކިކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމިދާނެ ކަމަށް ލާމަރުކަޒީ ގާނޫނުގައި ބުނާ ކަމަށެވެ.

ނަމަވެސް އެގޮތަށް ކައުންސިލްގެ އިހުތިސާސުން، ބިމެއް ނުވަތަ ތަނެއް ވަކި ކުރުމުގެ ކުރިން އެ ތަނުގައި ތަރައްގީކުރާ މަޝްރޫއާ ގުޅޭ މައުލޫމާތު، އެ މަޝްރޫއެއް ހިންގަން ނިންމާފައިވާ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލާ ހިއްސާކޮށް ކައުންސިލްގެ ހިޔާލާއި މަޝްވަރާ ހޯދަންވާނެ ކަމަށް ގާނޫނުގައި ބުނެފައިވާ ކަމަށެވެ.

އޭގެ އިތުރުން ކައުންސިލްގެ އިހްތިސާސްގެ ތެެރެއިން ވަކި ކުރުމަށް ނިންމާ ބިމުގެ ނުވަތަ ތަނުގެ މައުލޫމާތާއި އެ ބިމެއްގައި ނުވަތަ ތަނެއްގައި ސަރުކާރުން ހިންގަން ކަނޑައަޅާ ތަރައްގީގެ މަޝްރޫއާ ގުޅޭ މައުލޫމާތު އާންމު ކުރަންވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް އެގޮތަށް ގާނޫނުގައި ކަނޑައަޅާފައި ވަނިކޮށް، އާބާދީއަށް ބޭނުންވާ އުމްރާނީ ތަރައްގީގެ މަސައްކަތްތަކަށާއި، އިންފްރާސްޓްރަކްޗާގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް ބެލެހެއްޓުމަށް ކޮންމެހެން ބޭނުންވާ ބިންތަކެއް ކަަމަށްބުނެ، އެ ބިންތަކުގައި ހިންގުމަށް ކަނޑައަޅާފައިވާ މަޝްރޫއުތަކުގެ ނަން ފިޔަވައި އިތުރު އެއްވެސް ތަފްސީލެއް ހާމަކުރުމަކާ ނުލައި އަދި ސިޓީ ކައުންސިލްގެ އެއްވެސް މަޝްވަރާއެއް ނުވަތަ ހިޔާލެއް ހޯދުމެއްނެތި މާލެ އާއި ވިލިމާލޭގެ 14 ބިމެއް މާލޭ ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ދައުލަތުގެ މިލްކިއްޔާތަށް ބަދަލުކުރުމަށް ނިންމާފައިވާ ކަަމަށް ގަރާރުގައި ވަނީ ބުނެފައެވެ.

އެގޮތަށް ނިންމި ބިންތައް:

  • ސަލްޓަން ޕާކު އަދި މިއުޒިއަމް ސަރަހައްދު: ޒަމާނީ އީ-ސްޕޯޓްސް އެރީނާއަކާއި މިއުޒިއަމް ޕާކެއް ގާއިމުކުރުން.
  • މަސް މާރުކޭޓު: އޮފީސްތަކާއި ވިޔަފާރިތަކަށް ހާއްސަކޮށްގެން ކުއްޔަށްދޭ ޒަމާނީ އާ އިމާރާތެއް އެޅުން.
  • ލޯކަލް މާރުކޭޓު އަދި ދަތުރުވެރިންގެ މާރުކޭޓު: ލޯކަލް މާރުކޭޓު ޒަމާނީ މާރުކޭޓު ކޮމްޕްލެކްސްއަކަށް ބަދަލުކުރުމާއި، ދަތުރުވެރިންގެ މާރުކޭޓު ހުރި ބިމުގައި މިކްސް-ޔޫސްޑް ކޮމާޝަލް ތަރައްގީގެ މަޝްރޫއެއް ހިންގުން.
  • ވިޔަފާރިވެރިންގެ ޖަމިއްޔާ ހިންގި ބިން: ކުޑަކުދިން ބަލަހައްޓާ ޑޭ ކެއާ ސެންޓަރަކާއި އެކުދިންގެ އެކި ހަރަކާތްތައް ހިންގާ މަރުކަޒެއް ގާއިމުކުރުން.
  • ދަތުރުފަތުރާއި ޕާކިން ވަސީލަތްތައް: ބޮނޑިބަތް ޕާކުގައި ވިޔަފާރި ބައިތަކާއެކު ޒަމާނީ ޕާކިން އިމާރާތެއް އެޅުމާއި، ކުރީގެ ހަކަތަ ޕެޓްރޯލް ޝެޑް ހުރި ބިމުގައި އިލެކްޓްރިކް ވެހިކަލް (އީވީ) ޗާޖިން ފެސިލިޓީއެއް ގާއިމުކުރުން.
  • ހިތްފަސޭހަ މައިޒާންތައް ބެލެހެއްޓުން: އާޓިފިޝަލް ބީޗު ޕަބްލިކް ރެކްރިއޭޝަނަލް ފެސިލިޓީއެއްގެ ގޮތުގައި އިތުރަށް ފުރިހަމަކުރުމާއި، ރަސްފަންނު ހިންގުން ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުން.
  • ކައުންސިލް އެކަމަޑޭޝަން އަދި ކާނިވާ ސަރަހައްދު: ސިޓީ ކައުންސިލް އެކަމަޑޭޝަން ބިމުގައި ލޭބާ އެކަމަޑޭޝަނާއި ސްޓޯރޭޖް ފެސިލިޓީއެއް ހެދުމާއި، ކާނިވާ ކެފޭ ޕާކިން އޭރިއާ ރެކްރިއޭޝަނަލް އަދި ވިޔަފާރި ބޭނުންތަކަށް ތަރައްގީކުރުން.
  • އެހެނިހެން ހިދުމަތްތައް: ތައިސޭކޮށީގެ ހުސްބިންތައް މަޝްރޫއުތަކުގެ ވޯކް ސައިޓެއްގެ ގޮތުގައި ބޭނުންކުރުމާއި، ޕޭ ޓޮއިލެޓް 2 ހުރި ތަނުގައި ޕަބްލިކް ފާހަނާއާއި އެއާ ގުޅޭ ވަސީލަތްތައް ގާއިމުކުރުން. އަދި މަސްވެރިންގެ މައިޒާން މިހާރުވެސް އޮތް ގޮތަށް އެމްޑަބްލިއުއެސްސީގެ ޕަމްޕް ސްޓޭޝަނެއްގެ ގޮތުގައި ދެމެހެއްޓުން.

މި ބިންތަކަކީ ކައުންސިލްގެ ބަޖެޓަށް މިހާރުވެސް އާމްދަނީ ލިބޭ ގޮތަށް ކަނޑައެޅިފައިވާ ބިންތަކަކަށް ވެފައި އެ ބިންތަކުން ލިބޭ އާމްދަނީއަކީ މިސްކިތްތައް ބެލެހެއްޓުމާއި ކައުންސިލްގެ އިދާރީ ހިންގުމުގެ ހަރަދުތަކަށް ހާއްސަ ކުރެވިފައިވާ ފައިސާކަމަށް ވުމާއެކު އެ ބިންތައް އަތުލުމުން ކައުންސިލަށް ލިބެމުންދާ މާލީ މަންފާތައް ގެއްލިދާނެ ކަމަށްވެސް ގަރާރުގައި ބުނެފައިވެއެވެ.