ސުޕަރކޮމްޕިއުޓަރު ބޭނުންކޮށްގެން ބީސީއޭ ރިސަރޗް ކުންފުނީގެ ފަރާތުން ކުރި ދިރާސާއަކުން މިފަހަރުގެ ވޯލްޑްކަޕް ކާމިޔާބުކުރާނީ އާޖެންޓީނާ ކަމަށް ދައްކައިފިއެވެ. ކެނެޑާގައި ގާއިމުކޮށްފައިވާ މި ކުންފުނީގެ ތަޖުރިބާކާރުން ސުޕަރކޮމްޕިއުޓަރުގެ އެހީގައި އެކިގޮތްގޮތަށް ހިސާބުޖަހައި އެއްކޮށް، ކަނޑައި، ގުނަކޮށް، ގެއްލައި، މިޒާތަކުން އުޅެގެން ފެނުނު އެއްޗަކީ މިފަހަރު ގަތަރުގައި ފައިނަލް ކުޅޭނީ ލިއޯ މެސީގެ އާޖެންޓީނާ އާއި ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލް ކަމަށެވެ. ތަށި އުފުލާނީ މެސީ ކަމަށެވެ. އާޖެންޓީނާއަށް އެންމެފަހުން ތަށި ލިބިފައިވަނީ 1986 ގައެވެ. ސުޕަރކޮމްޕިއުޓަރުގެ ލަފާކުރުން ސީދާވެއްޖެނަމަ އާޖެންޓީނާގެ 36 އަހަރުވީ ދިގު އިންތިޒާރު މިފަހަރު ނިމުމަކަށް އަންނާނެއެވެ. މިދިރާސާގައި ފާއިތުވި ވިއްސަކަށް އަހަރުގެ ތަފާސްހިސާބުތައްވެސް ބޭނުންކޮށްފައިވެއެވެ.
ރޮނާލްޑޯ އާއި މެސީއަކީ ދެ ލެޖެންޑުންނެވެ. ފާއިތުވި ވިއްސަކަށް އަހަރުގެ ތެރޭގައި ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ އުހުގައި ފިޔަޖަހަމުން އަންނަ ދެތަރިންނަކީ މެސީއާއި ރޮނާލްޑޯއެވެ. އެކަމަކު މިއިން މީހަކަށް އަދި ވޯލްޑްކަޕް ކާމިޔާބު ކުރެވިފައެއް ނެތެވެ. މިފަހަރަކީ މެސީގެ ފަސްވަނަ ވޯލްޑްކަޕެވެ. އަދި އެންމެފަހުން ކުޅޭނެ ވޯލްޑްކަޕްވެސްމެއެވެ. ކުރީ ހަތަރު ފަހަރުގެ މަސައްކަތް ދިޔައީ ފަނުފުލުންނެވެ. އަނެއްކޮޅުން މިއީ ރޮނާލްޑޯގެވެސް ފަސްވަނަ އަދި އެންމެފަހު ވޯލްޑްކަޕެވެ. ތަށްޓާ ހިސާބަށް ވާސިލްވެވިފައެއް ނެތެވެ. އެކަމަކު މި ދެމީހުންވެސް ވަނީ ސަރަހައްދީ ތަށި ގައުމީ ޓީމާއެކު ކާމިޔާބުކޮށްފައެވެ. ޔޫރޯއާއި ކޮޕާ އެމެރިކާއެވެ. މި ދެމީހުންކުރެ މޮޅީ ކާކުތޯ ކުރެވޭ ސުވާލުގެ ޖަވާބު އެމީހެއްގެ ކޮޅަށް ބަރުވެގެން ދިއުމުގައި މިފަހަރުގެ ވޯލްޑްކަޕް ވަރަށް ބޮޑު ދައުރެއް އަދާކުރާނެއެވެ.
ސުޕަރކޮމްޕިއުޓަރު ލަފާކުރަނީ މިފަހަރުގެ ސެމީފައިނަލްގައި ގަރެތު ސައުތުގޭޓުގެ އިންގްލެންޑް ކުޅޭނެ ކަމަށެވެ. އެކަމަކު ސެމީފައިނަލްގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލް އަތުން ޕެނަލްޓީ ޖަހައިގެން އިންގްލެންޑް ބަލިވާނެ ކަމަށެވެ. މިގޮތްވެއްޖެނަމަ މިއީ 2006 ވަނަ އަހަރުގެ ވޯލްޑްކަޕުގައި މިދެބައިމީހުންގެ ފޯރިގަދަ ކުރިމަތިލުން އަލުން ތަކުރާރުވުމެކެވެ. އިންގްލެންޑް ބަލިކޮށްފައި މަލާމާތުގެ ވައްތަރަށް ރޮނާލްޑޯ އެއްލޯ މަރައިލިގޮތާއި ވޭން ރޫނީގެ ކަރުނަޔަކީ އަދިވެސް އިންގްލެންޑުގެ ސަޕޯޓަރުންގެ ސިކުނޑިތަކުގައި ވަރަށް ތާޒާކޮށް ހުރި ހަނދާނެކެވެ. އެދުވަސްވަރު ރޮނާލްޑޯ ކުޅުނީވެސް އިނގިރޭސި ލީގުގައި މެންޗެސްޓަރ ޔުނައިޓެޑަށެވެ. އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު މިހާރު އަނެއްކާވެސް ރޮނާލްޑޯ ކުޅެނީ އިނގިރޭސި ލީގުގައި ޔުނައިޓެޑަށެވެ.
އިންގްލެންޑު ހިމެނޭ ގްރޫޕްގެ އެއްވަނަ، ހުރިހާ މެޗެއް ކާމިޔާބުކޮށްގެން އިންގްލެންޑް ހޯދާނެ ކަމަށް ސުޕަރކޮމްޕިއުޓަރު ލަފާކުރެއެވެ. އީރާނާއި އެމެރިކާޔާއި ވޭލްސް ބަލިކޮށްފައި ގްރޫޕުގެ އެއްވަނަ ހޯދައިގެން ސޯޅަ ޓީމުގެ ބުރުގައި އިންގްލެންޑަށް ވާދަކުރަން ޖެހޭނެކަމަށް ސުޕަރކޮމްޕިއުޓަރު ބުނަނީ ސާޑިއޯ މާނޭގެ ސެނެގޯލާއެވެ. ވަރަށް ވާދަވެރި ވަރުގަދަ ކުޅުމަކަށްފަހު ސެނެގޯލް ބަލިކޮށްފައި ދެން ކުއާޓަރފައިނަލްގައި އިންގްލެންޑަށް އޮންނާނީ މެކްސިކޯއެވެ. ދާދިފަސޭހަކޮށް މެކްސިކޯ ބަލިކޮށްފައި ސެމީފައިނަލްގެ ޖާގައެއް ހޯދާނެކަމަށްވެސް ލަފާކުރެއެވެ. އެހިސާބުން އިންގްލެންޑުގެ ދަތުރު ނިމޭނެއެވެ. އޭގެކުރިން ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައިވާތީ އިންގްލެންޑުގެ އުންމީދުތައް ހުންނާނީ ވިލާތަކަށްވުރެވެސް މައްޗަށް އުފުލިފައެވެ.
އެންމެފަހުގެ ޗެމްޕިއަން ފްރާންސާމެދު ސުޕަރކޮމްޕިއުޓަރުގެ ލަފާކުރުންތަކަކީ ކޮބައިބާވައެވެ. ފްރާންސްގެ ސަޕޯޓަރުންނަށް އޮތީ ހިތިހިތާމައެވެ. ގްރޫޕުގެ އެއްވަނަވެސް ނުލިބެއެވެ. ގްރޫޕް ޑީގެ ދެވަނަ ޓީމުގެ ގޮތުގައި ނޮކައުޓްބުރަށް ކިރިޔާ ކޮލިފައިވީއެވެ. މި ގްރޫޕްގައި ފްރާންސްގެ އިތުރަށް ދެން ހިމެނެނީ ޑެންމާރކާއި އޮސްޓްރޭލިޔާ އާއި ޓިއުނީޝިއާއެވެ. ސޯޅަ ޓީނުގެ ބުރުގައި ފްރާންސަށް ކުރިމަތިލާންޖެހޭނީ ލިއޯ މެސީގެ އާޖެންޓީނާއާއެވެ. އެމެޗުން ބަލިވެގެން ކީލިއަން އެމްބާޕޭއާއި ކަރީމް ބެންޒޭމާމެން ރޮމުން ދެން އެންމެ އަވަސް ފްލައިޓަކުން އެނބުރި ޕެރިހަށްދާނީއެވެ. އެމްބާޕޭ އާއި ލިއޯ މެސީއަކީ ފަރަންސޭސި ލީގުގައި ޕީއެސްޖީއަށް ކުޅޭ ދެކުޅުންތެރިންނެވެ. އެމެޗަށްފަހު ދެމީހުންގެ އެކުވެރިކަމަށްވެސް ނިމުން އަންނާނޭ ކަމަށް ސުޕަރކޮމްޕިއުޓަރު ލަފާކުރެއެވެ.
ސުޕަރކޮމްޕިއުޓަރުގެ ލަފާކުރުންތަކުން އާޖެންޓީނާގެ ސަޕޯޓަރުންނަށް ނުހަނު ބޮޑު އުފާވެރިކަމެއް ވަނީ ލިބިފައެވެ. އުމުރުން 35 އަހަރުވީ މެސީގެ ފަހު ވޯލްޑްކަޕުގައި އާޖެންޓީނާއަށް ތަށި ހޯދައިދިނުމަކީ ހުވަފެނެއް ހަގީގަތަކަށްވުން ކަހަލަ ކަމެކެވެ. މިއީ އޭނާގެ އެންމެ ފަހު ވޯލްޑްކަޕް ކަމަށް މެސީވަނީ އިއުލާންވެސް ކޮށްފައެވެ. ތަށި ލިބުނަސް ނުލިބުނަސް ދެން އެހެން ވޯލްޑްކަޕަކުން ނުފެންނާނޭ ކަމަށް ވަނީ ބުނެފައެވެ. މެސީ ވަނީ މިހާތަނަށް އާޖެންޓީނާގެ ޖޯޒީގައި 164 މެޗު ކުޅެ 90 ލަނޑު ޖަހައިފައެވެ. އަނެއްކޮޅުން ޕޯޗުގަލްގެ އުމުރުން 37 އަހަރުވީ ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ މިހާތަނަށް 191 މެޗުން 117 ގޯލްޖަހައިދީފައެވެ. ގައުމީ ޓީމަށް ލަނޑުޖެހުމުގެ ދުނިޔޭގެ ރިކޯޑު އޮތީވެސް ރޮނާލްޑޯގެ އަތުގައެވެ.
ގަތަރު އެއާވޭސް
ގަތަރު އެއާވޭސް
ގަތަރު އެއާވޭސް
ގަތަރު އެއާވޭސް