ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލުން ގަތަރުގެ ގައުމީ އެއާލައިން, ގަތަރު އެއާވޭސްއަށް ހިދުމަތް ދޭން ފަށައިފިއެވެ.

އެމްއޭސީއެލުން މިއަދު ބުނީ ގަތަރު އެއާވޭސްއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލުގައި އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލްއެވެ.

އެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފު މުހައްމަދު އާއި ގަތަރު އެއާވޭސްގެ ނެޓްވޯކް ސްޓޭޝަންގެ ނައިބު ރައީސް ޕައުލް ލުސިއަން އާއި ގަތަރު އެއާވޭސްގެ އޮފިޝަލުންނާއި އެމްއޭސީއެލްގެ އިސްވެރިން އަދި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

23 ޑިސެމްބަރު 2025: ވީއާއިއޭގެ އާ ޓަމިނަލުން ގަތަރު އެއާވޭސް އަށް ހިދުމަތް ދޭން ފެށުން --- ފޮޓޯ/ އެމްއޭސީއެލް

ގަތަރު އެއާވޭސް އަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން އިއްޔެ ވަނީ އެ އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ އެއާލައިނުން ފުރި 162 ފަސިންޖަރުންނަށް ހަދިޔާ ދީފައެވެ. އަދި ޓާމިނަލް އެކަކަށް ކައިރި ކުރި ގަތަރު އެއާވޭސްގެ ފުރަތަމަ ފްލައިޓް, QR674 އިން ރާއްޖެ އައި 222 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައި ކަމަށް އެމްއޭސީއެލުން ބުންޏެވެ.

ގަތަރު އެއާވޭސް އަކީ އާ ޓާމިނަލުން ހިދުމަތް ދޭން ފެށި ގަތަރުގެ ފުރަތަމަ އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 18 ޑިސެންބަރު 2001ގައެވެ.

ގަތަރު އެއާވޭސް އާއެކު އާޓާމިނަލުން މިހާރު ދަނީ 37 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.