ސްރީ ލަންކާއަށް ދަތުރުކުރި ފްލައިޓެއްގައި ބޮމެއް އޮތް ކަމަށްބުނެ އިންޒާރު ދީފިއެވެ.
ގަތަރުގެ ދޯހާއިން ލަންކާގެ ކޮލަމްބޯގައި އޮންނަ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރި ގަތަރު އެއާވޭސް ފްލައިޓެއްގައި ބޮމެއް އޮތްކަމަށްބުނެ އިންޒާރު ދީފައިވަނީ އީމެއިލް މެދުވެރިކޮށެވެ.
ކޮލަމްބޯ އެއާޕޯޓުގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި ބޮމުގެ އިންޒާރު ލިބުމާއެކު އެ ފުލައިޓު، އެއާޕޯޓުގެ ހާއްސަ ސަރަހައްދަކަށް ޕާކުކޮށް ދަތުރުކުރި ހުރިހާ ފަސިންޖަރުން ބޯޓުން ވަނީ ބާލައިފައެވެ. .
ބޮމުގެ އިންޒާރުގެ ސަބަބުން ބޯޓު ފާސްކޮށް ބަލާފައިވާ ކަމަށާއި އެފަދަ އެއްވެސް އެއްޗެއްގެ ނިޝާނެއް ފެނިފައިނުވާ ކަމަށް އޮފިޝަލުން ބުނެއެވެ.
ޖުމުލަ 245 ފަސިންޖަރުންނާއި 12 ކުރޫއިން ދަތުރުކުރި އެ ފުލައިޓުން ދަތުރުކުރި އެއްވެސް ފަރާތަކަށް އަނިޔާވެފައިނުވާ ކަމަށް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.
ރިޕޯޓުތައް ބުނާގޮތުން ބޮމުގެ އިންޒާރުގެ އީމެއިލް ލިބިފައިވަނީ ގަތަރު އެއާވޭސްގެ އެއާޕޯޓު މެނޭޖަރަށް ކަމަށާއި އެއީ އެ ފުލައިޓު ޖެއްސުމުގެ ކުޑަ އިރުކޮޅެއް ކުރިން ކަމަށެވެ.
ކޮލަމްބޯ އެއާޕޯޓުން ވަނީ ބޮމުގެ އިންޒާރުގެ ހާލަތުގައި އަމަލުކުރަން ޖެހޭ ސަލާމަތީ ކަންކަން ފުރިހަމަކޮށްފައި ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
މުހައްމަދު އައުޒަމް
ގަތަރު އެއާވޭސް
ގަތަރު އެއާވޭސް
ގަތަރު އެއާވޭސް
ގަތަރު އެއާވޭސް