ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކުގައި ބަޔާން މިއުނިކުން ރޭ ކުޅުނު މެޗުގައި އިންޓަ މިލާން ބަލިކުރި އިރު، އެތުލެޓިކޯ މެޑްރިޑުން ކުޅުނު މެޗުގައި އެފްސީ ޕޯޓޯ އަތުން ބަލިވެ، ގްރޫޕް ފުލަށް ހިނގައްޖެއެވެ.
ގްރޫޕް ސީގައި ރޭ ބަޔާންއިން އަމިއްލަ ދަނޑުގައި އިންޓަ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އެމެޗުން މޮޅުވެ، ބަޔާންއިން ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ހަމެޗުންވެސް މޮޅުވެފައެވެ. މީގެ ކުރިން 2019-20 އަދި 2021-22 ވަނަ އަހަރުގެ ސީޒަނުގައިވެސް ބަޔާންއިން ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖު ނިންމާލީ ސައްތައިން ސައްތަ ރެކޯޑެއްގައެވެ.
ބާސާ އަތުން ބަލިވި ނަމަވެސް އިންޓަ ވަނީ ގަދަ 16 ޔަގީން ކޮށްފައެވެ. އިންޓައަށް ހަ މެޗުން 10 ޕޮއިންޓް ލިބިފައިވާ އިރު، ބަޔާން އެއްވަނަ ހޯދީ 18 ޕޮއިންޓުންނެވެ. އެ ގްރޫޕުގެ ތިންވަނަ ހޯދި ބާސެލޯނާ ޔޫރޮޕާއަށް ތައްޔާރުވެފައިވާ އިރު، އެޓީމުން ރޭ ވަނީ ވިކްޓޯރިއާ ޕްލެޒެން ބަލިކޮށްފައެވެ.
ބަޔާއިން ރޭ ކުޅުނު މެޗުގައި އިންޓަ ކޮޅަށް ގޯލުތައް ޖަހައިދިނީ ބެންޖަމިން ޕަވާޑާއި އެރިކް މެކްސިމް ޗުޕަ-މޮޓިންއެވެ.
ޗެމްޕިއަންސް ލީގުގެ ގްރޫޕް ބީގައި ރޭ އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗުގައި އެފްސީ ޕޯޓޯ އަތުން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު އެތުލެޓިކޯ ދިޔައީ އެ ގްރޫޕްގެ ފުލަށެވެ. އެޓީމަށް ހަ މެޗުން ލިބިފައި ވަނީ އެންމެ ފަސް ޕޮއިންޓެވެ. އެތުލެޓިކޯއާއި ތިންވަނައަށް ދިޔައި ބަޔާން ލެވަކޫސަންއާ ޕޮއިންޓުގެ ގޮތުންނާއި، ފައިދާ ގޯލުންވެސް އެއްވަރުވެފައި އޮތުމުން މަގާމު ކަނޑައެޅީ ހެޑް ޓު ހެޑް ރެކޯޑަށް ބަލައިގެންނެވެ.
ރޭ ބަޔާން ލެވަކޫސަން ކުޅުނު މެޗުގައި ކްލަބު ބްރޫޖް ކައިރިން އެއްވަރުވީ 0-0 ގެ ނަތީޖާއަކުންނެވެ. އެ ޕޮއިންޓާއެކު ބްރޫޖް ދެވަނައިގައި ގަދަ 16 ޔަގީންކުރީ ހަ މެޗުން 11 ޕޮއިންޓާއެކުގައެވެ. އެ ގްރޫޕުގެ އެއްވަނަ ހޯދީ ޕޯޗުގަލްގެ ޕޯޓޯއެވެ. އެއީ ހަ މެޗުން 12 ޕޮއިންޓާއެކުގައެވެ.
ރޭ އެތުލެޓިކޯ ކޮޅަށް، ޕޯޓޯއިން ވަނީ ފުރަތަމަ ފަސް މިނެޓް ތެރޭގައި ގޯލު ޖަހައިފައެވެ. އެ ގޯލު ޖެހީ މިފަހަރު ޗެމްޕިއަންސް ލީގުގައި އާދަޔާހިލާފު ފޯމެއް ދަމަހައްޓަމުން އަންނަ މެހްދީ ތަރެމީއެވެ. އަދި އޭގެ އިތުރުން 24 ވަނަ މިނެޓުގައި ޕޯޓޯން ވަނީ ދެވަނަ ގޯލަކާއެކު މެޗުގެ ނަތީޖާ ފުޅާކޮށްފައެވެ. އެ ގޯލު ޖެހީ ސްޓެފަން އެސްޓަގޫއެވެ.
މެޗަށް އަނބުރާ ވަނުމަށް ކުރި މަސައްކަތުގައި އެތުލެޓިކޯގެ ގޯލު ފެނުނީ ފަހު މިނެޓުގައެވެ. އެ ގޯލަކީ އިވާން މަރްކަނޯ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.